ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ލައިފްސްޓައިލް

ބައްޕައަށް ހޮސްޕިޓަލު އެނދު ދީފައި ބަލި ދަރިފުޅު ގެޔަށް

އިންޑިޔާގެ ބައެއް ސްޓޭޓްތަކުގައި ކޮވިޑް ފެތުރިފައިވާލެއް ބޮޑުކަމުން ބަލިވެއްޖެނަމަ ހޮސްޕިޓަލަކުން އެނދެއް ހޯދުމަކީ ވެސް މިހާރު ފަސޭހަ ކަމެއްނޫނެވެ.

އިންޑިޔާގެ ނޮއިޑާ ކޮވިޑް ހޮސްޕިޓަލުގައި މަޔަންކް ޕްރަތާޕް ސިންގް އެޑްމިޓްކުރީ މި ހިނގާ އެޕްރީލް މަހުގެ 9 ވަނަ ދުވަހު އެވެ. ކޮވިޑަށް ޕޮޒިޓިވްގެ އޮކްސިޖަން ލެވެލް ދަށްވެގެންނެވެ.

ހޮސްޕިޓަލުގައި 38 އަހަރުގެ މަޔަންކް ފަރުވާ ހޯދަމުން ދަނިކޮށް އޭނާގެ ބައްޕަ ވެސް ކޮވިޑަށް ޕޮޒިޓިވްވެ ބައްޕަގެ ހާލު މާ ސީރިއަސް ވީއެވެ. އެހެންވެ މަޔަންކް ވަނީ ހޮސްޕިޓަލުގެ ކަމާ ބެހޭ ފަރާތްތަކުގައި އެދިގެން އޭނާގެ އެނދު ބައްޕަ އަށް ދީފައި ގެއަށް ގޮސް ގޭގައި އެކަނި ވަކި ތަނެއްގައި ހުރެ ފަރުވާ ކުރިޔަށް ގެންދަން ފަށާފަ އެވެ.

ޓައިމްސް އޮފް އިންޑިޔާ އަށް ދިން އިންޓަވިއު އެއްގައި މަޔަންކް ބުނީ އޭނާ ޕޮޒިޓިވްވީ އެނގުނީ އެޕްރީލް 12 ވަނަ ދުވަހު އެވެ. ނަމަވެސް އެނދެއް ނުލިބިގެން ވަރަށް ގިނަ ދުވަހު މަސައްކަތް ކުރި ފަހުން އެނދެއް ލިބުނީ އެޕްރީލް 17 ވަނަ ދުވަހު އެވެ.

ހޮސްޕިޓަލުގައި އެޑްމިޓްކުރިތާ އެއް ދުވަސް ފަހުން މަޔަންކްގެ ހާލު ގޯސްވެ އައިސީޔޫ އަށް ބަދަލު ކުރި އެވެ. އޭނާއަށް އައިސީޔޫގައި 10 ދުވަސް ވަންދެން ފަރުވާ ދިނުމަށްފަހު އޮކްސިޖަން ލެވެލް ކުޑަކޮށް ރަނގަޅުވީއިރު ބައްޕައަށް ކޮވިޑްޖެހި ބަލި ހާލު ގޯސްވީ ކަމަށް ވެސް މަޔަންކް ބުންޏެވެ.

ބަލީގެ ސަބަބުން މަޔަންކްގެ ގައިގައި ވަރުނެތި އަދިވެސް ވަރަށް ބަލި ނަމަވެސް އޭނާގެ ބައްޕަގެ އޮކްސިޖަން ލެވެލް ދަށްވެ މިހާރު ބައްޕަގެ ހާލު އޭނާއަށް ވުރެ ގޯސް ވެފައިވާތީ ހޮސްޕިޓަލުގެ ސީނިއާ ޑޮކްޓަރެއް ކައިރީ އެދިގެން އޭނާގެ އެނދު ބައްޕައަށް ދީފައި ގެއަށް ދާން ނިންމީ ކަމަށް މަޔަންކް ބުންޏެވެ. އަދި އެގޮތުން އެޕްރީލް 27 ވަނަ ދުވަހުން ފެށިގެން މަޔަންކްގެ ބައްޕައަށް އޭނާ އޮތް އެނދުގައި ބާއްވައިގެން ފަރުވާ ދެމުންދާ ކަމަށާއި ގޭގައި ވަކިން ތަނެއްގައި އެކަނި އޮވެ މަޔަންކްގެ ފަރުވާ ކުރިޔަށް ގެންދާ ކަމަށް އޭނާ ބުންޏެވެ.

މި ވަގުތު މަޔަންކްގެ ބައްޕަ ވެސް ވަނީ ހާލު ބޮޑުވެ އައިސީޔޫ އަށް ބަދަލުކޮށްފައި ކަމަށާއި އޭނާ ފަދައިން ބައްޕަގެ ހާލު ރަނގަޅުވެގެން އެތަނުން ނުކުމެވޭނެކަމަށް މަޔަންކް އުންމީދު ކުރެ އެވެ.