ލައިފްސްޓައިލް

ކުކުޅުތައް ބިސް ނާޅާތީ ފުލުހުންނަށް މައްސަލަ ހުށަހަޅައިފި

އިންޑިޔާގެ މަހަރަޝްތުރާގެ ޕޫނޭ ޑީސްޓްރިކްޓްގައި ޕޯލްޓްރީ ފާމެއް ހިންގާ މީހަކު އޭނާގެ ފާމުގައި ގެންގުޅޭ ކުކުޅުތައް އެއްގޮތަކަށް ވެސް ބިސް ނާޅައިގެން ފުލުހުންނަށް މި މައްސަލަ ހުށަހަޅައިފި އެވެ. އޭނާ ބުނަނީ ކުކުޅުތައް ބިސް ނާޅަނީ ކުކުޅަށް ކާންދޭ ކާނާ އުފައްދާ ކުންފުންޏަކުން އުފެއްދި ކާނާތަކެއްގައި މައްސަލަތައް ހުރެގެން ކަމަށެވެ. އެ ކާނާތައް ކާންދޭން ފެށި ފަހުން އެއްވެސް ކުކުޅެއް ބިސް ނާޅާ ކަމަށެވެ. އެހެންވެ މި މައްސަލަ ބަލާ ދިނުމަށް އޭނާ ވަނީ ފުލުހުން ކިބައިން އެދިފަ އެވެ.

އޭނާ ބުނި ގޮތުގައި އޭނާ ނޫނަސް މިފަދަ ޕޯލްޓްރީ ފާމްތައް ހިންގާ އެހެން ހަތަރު ފަސް މީހަކަށް ވެސް މިމައްސަލަ ކުރިމަތިވެގެން އުޅޭ ކަމަށެވެ.

މި ހުރިހާ އެންމެން ވެސް ކުކުޅުގެ ކާނާ ގަންނަނީ އެއް ކުންފުންޏަކުންނެވެ. އެހެންވެ މައްސަލަ އުޅޭ ކުކުޅަށް ކާންދޭން ކާނާގައި ކަމަށް އެމީހާ ޔަގީން ކުރެ އެވެ.

އެ ހިސާބުގައި ހުންނަ ލޯނީ ކަލްބޯރް ޕޮލިސް ސްޓޭޝަންގެ ސީނިއާ ޕޮލިސް އިންސްޕެކްޓާ ރާޖެންދުރަ މޮކާޝީ ބުނި ގޮތުގައި ޕޯލްޓްރީ ފޯމުތަކުގެ ވެރިޔަކު މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި އިތުރު ހަތަރު ފަސް ޕޯލްޓްރީ ފާމަކަށް ވެސް މި މައްސަލަ ދިމާވެފައިވާކަން އެނގިފައިވާ ކަމަށެވެ.

މި ހުރިހާ ޕޯސްޓްރީ ފާމަކުން ވެސް ކުކުޅު ކާނާ ގަނެފައިވަނީ އަހުމަދުނަގަރް ޑިސްޓްރިކްޓްގައި ހުންނަ ކުކުޅު ކާނާ އުފައްދާ ކުންފުންޏަކުންނެވެ.

މި ޝަކުވާ އާ ގުޅިގެން ފުލުހުން ދަނީ މިކަމާ ގުޅޭ ގޮތުން ކަމުގެ ތަޖުރިބާކާރުންގެ ހިޔާލު ހޯދަމުންނެވެ.

"ތަޖުރިބާކާރު އޮފިޝަލުންނާ މަޝްވަރާ ކުރުމުން އެ ފަރާތުން ބުނަނީ ވަކި ވައްތަރެއްގެ ކާނާ އާ ކުކުޅުތަކާ ނުގުޅިގެން މި ކަހަލަ މައްސަލައެއް ކުރިމަތިވެދާނޭ. އަދި ކުރިން ކާން ދިން އެއްޗެތި ކާން ދޭން ފެށިފަހުން ކުކުޅުތައް ބިސް އަޅަން ފަށައިފިކަމުގެ ރިޕޯޓުތައް ދަނީ ލިބެމުން،" އިނިސްޕެކްޓަރު ބުންޏެވެ.

ކުކުޅު ކާނާ އުފައްދާ ކުންފުނިން މިހާރު ވަނީ އެ ކުންފުނީގެ އުފެއްދުންތައް ކާންދިން ކުކުޅުތައް ބިސް ނާޅައިގެން ޕޯލްޓްރީ ފާމްތަކެއް ލިބުނު ގެއްލުމުގެ ބަދަލު ދޭން އެއްބަސް ވެފައި ކަމަށް ވެސް އިނިސްޕެކްޓަރު ބުންޏެވެ.