ކޮވިޑް-19ގެ ބަލި އިންޑިއާގައި ހަލުވިކަމާއެކު ފެތުރި އެތައް ބަޔަކު ހާލުގައި ޖެހިފައިވާތީ ގަތަރު އެއާވޭސް އިން އިންޑިއާއަށް ހިލޭ މެޑިކަލް ސާމާނު އުފުލައިދޭން ނިންމައިިފި އެވެ.
ގަތަރު އެއާވޭސް އިން ބުނީ މިހާލަތުގައި އިންޑިއާ އަށް ބޭނުންވާ 300 ޓަނުގެ މެޑިކަލް ސާމާނު އެ ގައުމަށް އުފުލައިދޭން ގަސްދު ކުރާ ކަމަށެވެ. މި ތަކެއްޗަކީ ދުނިޔޭގެ އެކި ސަރަހައްދުތަކުން އިންޑިއާ އަށް ފޮނުވާ ތަކެއްޗެވެ.
ގަތަރު އެއާލައިނުގެ ސީއީއޯ އަކްބަރު އަލް ބޭކާ ވިދާޅުވި ގޮތުގައި އިންޑިއާ އާއި ގަތަރަކީ ދިގު އަދި ވަރަށް ހާއްސަ ގުޅުމެއް އޮންނަ ދެ ގައުމު ކަމަށާ އިންޑިއާގެ ހާލަތާއި މެދު ހިތާމަ ކުރާ ކަމަށެވެ.
ގަތަރު އެއާވޭސް އިން މިހާތަނަށް ކޮވިޑް ވެކްސިންގެ 20 މިލިއަނަށް ވުރެ ގިނަ ޑޯޒް ޔުނިސެފަށް ގެންގޮސްދީފައިވެ އެވެ.
ގަތަރު އެއާވޭސް އަކީ 60 އަށް ވުރެ ގިނަ މަންޒިލަށް އުދުހޭ ދުނިޔޭގެ އެންމެ މަޝްހޫރު އެއާލައިންތަކުގެ ތެރޭގައި ހިމެނޭ އެއާލައިނެކެވެ.