ހަބަރު

ހިޔާލުފާޅުކުރުމުގެ މިނިވަންކަން ހަނިކުރާ ވިސްނުމެއް ނެތް: ދުންޔާ

Nov 8, 2015

ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައި ވަނީ ސިޔާސީ އެދުންތަކެއް ކުރިއަށް ނެރެގެން ނޫން ކަމަށާއި އިދިކޮޅު ފަރާތްތަކުގެ އަޑު ބަންްދުކޮށް ހިޔާލުފާޅުކުރުމުގެ މިނިވަންކަން ހަނިކުރުމުގެ ވިސްނުމެއް ވެސް ސަރުކާރުން ނުގެންގުޅޭ ކަމަށް ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވެއްޖެ އެވެ.

ޗައިނާގެ ޝިންހުއާ ނިއުސް އަށް ދެއްވާފައިވާ އިންޓަވިއުއެއްގައި ދުންޔާ ވިދާޅުވީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކޮށްފައިވިޔަސް ހިޔާލުފާޅުކުރުމުގެ މިނިވަންކަން އެއްވެސް ވަރަކަށް ހިފަހައްޓާފައިނުވާ ކަމަށާއި ގާނޫނު އަސާސީން ދިވެހިންނަށް ލިބިދީފައިވާ ގިނަ ހައްގުތައް ހަމަ އެ ގޮތުގައި ފޯރުކޮށްދީފައިވާ ކަމަށެވެ.

މިނިސްޓަރު މިހެން ވިދާޅުވެފައިވާއިރު ފާހަގަކޮށްލަން ޖެހެނީ ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ސަރުކާރުން ހުރަސް އަޅަމުންދާ ކަމަށް ބުނެ ސަރުކާރާ ދެކޮޅު ޓީވީ ސްޓޭޝަން "ރާއްޖެ ޓީވީ" ގެ ރަސްމީ ޕްރޮގްރާމްތައް މެދުކަނޑާލާފައިވާ ކަމެވެ. އެމީހުން ސަރުކާރު ކުށްވެރިކުރާއިރު އިދިކޮޅު އެހެން ފަރާތްތަކުން ވެސް ބުނަމުން ދަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްގެން އުޅެނީ އިދިކޮޅު މީހުންގެ އަޑު ކަނޑުވާލުމުގެ ބޭނުމުގައި ކަމަށެވެ.

ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައި ވަނީ ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަވަހާރަކޮށްލުމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ރޭއްވެވި ކަމުގެ ތުހުމަތުކުރެވި އޭނާ އާއި ގިނަ އަދަދެއްގެ ބަޔަކު ހައްޔަރުކޮށްފައި ވަނިކޮށެވެ. އަދި ބޮމާއި ބަޑި އާއި ހަތިޔާރު އެކި ތަންތަނުން ފެނި އާންމުންނަށް ނުރައްކާ ބޮޑުވެދާނެ ފަދަ ހާލަތެއް މެދުވެރިވެފައިވާ ކަމަށް ބުނެ އެވެ.

ދުންޔާ ވިދާޅުވެފައި ވަނީ ހާލަތު ރަނގަޅުވުމާއެކު ކުއްލި ނުރައްކަލުގެ ހާލަތު ސަރުކާރުން އުވާލާނެ ކަމަށެވެ. އަދި އެ ވަގުތު ޖެހުމުން ސިފައިން ފުލުހުން ރައީސަށް އެ ލަފާ އަރުއްވާނެ ކަމަށެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އާންމުކޮށްފައިވާތީ ބައިނަލްއަގުވާމީ ފަރާތްތަކުގެ ފިއްތުމާއި ފާޑުކިޔުން ވެސް ވަނީ ރާއްޖެ އަށް އަމާޒުވެފަ އެވެ. ނަމަވެސް ގައުމުގައި ހަލަބޮލިކަމެއް ނެތްކަން ޔަގީންކޮށް ދިނުމަށް ބައިނަލްއަގުވާމީ މުޖުތަމައާ ގުޅިގެން މަސައްކަތްކުރައްވަމުން ގެންދަވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވެފައިވެ އެވެ.

"ހަލަބޮލިކަމެއް ގައުމުގައި ނެތް. މީހުންގެ ދިރިއުޅުމާއި އާންމު މަސައްކަތް ދަނީ ބަރާބަރަށް ކުރިއަށް. ސްކޫލްތަކުގައި ކިޔަވައިދޭ. އަދި ރިސޯޓްތައް ވަރަށް އަމާން. ޓޫރިސްޓުންނަކަށް މިކަމުގެ އެއްވެސް ނޭދެވޭ އަސަރެއް ނުކުރާނެ،" ދުންޔާ ވިދާޅުވި އެވެ.