އެމްޑީޕީގެ ފުރަތަމަ ރައީސް އަދި މާލޭގެ ކުރީގެ މަޖިލިސް މެންބަރު އިބްރާހީމް އިސްމާއީލް (އިބްރާ)ގެ މަންދު ކޮލެޖަށް ބަދަލުގެ ގޮތުގައި 15 މިލިއަން ރުފިޔާ ދިނުމަށް ދައުލަތުން އެއްބަސްވެފައި ވަނީ ދައުލަތުން އެ ކުންފުންޏަށް ބޮޑު ގެއްލުމެއް ދީފައި ވާތީ ކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ބުނެފި އެވެ.
އެޓާނީ ޖެނެރަލް އޮފީހުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ސިވިލް ކޯޓު ހުކުމުގައި މަންދަށް ނަގައިދީފައިވާ ބަދަލަކީ އެޑިޔުކޭޝަން މިނިސްޓްރީން އެއްބަސްވުމަކާއި ހިލާފުވުމާއި ގުޅިގެން މަންދަށް ގެއްލުން ލިބުމުގެ ސަބަބުން ނަގައިދީފައިވާ ބަދަލެއް ކަމަށެވެ. މަންދަށް ބޮޑު ގެއްލުމެއް ލިބުނީ ދައުލަތުން ސީދާ އެއްބަސްވުމާ ހިލާފުވުމުން ކަންވެސް ފާހަގަކޮށްފައިވެ އެވެ.
އޮޑިޓް އޮފީހުން ދީފައިވާ ލަފަޔަކީ ކޮންޓްރެކްޓާ ހިލާފުވުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ކޯޓަކުން ނަގައި ދިނުމުގައި ކޮންޓްރެކްޓާ ބެހޭ ގާނޫނުގެ ދަށުން ދީފައިވާ ލަފަޔެއް ކަމަށް އޭޖީ އޮފީހުން ބުނެ އެވެ. ދައުލަތުން މަންދު ކޮލެޖާ އެކު ހަދާފައިވާ އެއްބަސްވުން ދައުލަތުން ބާތިލްކުރުމާ ގުޅިގެން މަންދު ކޮލެޖް ހިންގާ މާލެ ހައި ކުންފުނިން ކުއްލިއަކަށް ތަނެއް ކުއްޔަށް ހިފަން ޖެހުމަކީ އެޑިއުކޭޝަން މިނިސްޓްރީ އާއި އެކުންފުންޏާއި ދެމެދު ވެވުނު އެއްބަސްވުން ބާތިލް ކުރުމުގެ ސަބަބުން ދިމާވި މައްސަލައެއް ކަމަށްވެސް ބަޔާނުގައިވެ އެވެ.
"އެ އެއްބަސްވުމާ ހިލާފުވެއްޖެ ނަމަ ގެއްލުން ވާނެ ކަން އާދައިގެ ކޮންމެ މީހަކަށްވެސް އެނގޭނެ،" ބަޔާނުގައިވެ އެވެ.
އޭޖީ އޮފީހުން ބުނީ މަންދަށް ލިބުނު ގެއްލުމާ ގުޅޭ ކިތާބީ ހެކި ނަފީކުރުމަށް ބަލާއިރު އެ ހެކި ދައުލަތަށް ބަލިކޮށްލެވެން ނެތް ކަމަށެވެ. އެހެންކަމުން ޝަރީއަތެއްގައި މައްސަލަ ކުރިއަށް ގެންދާއިރު ލިޔެކިޔުންތަކުން ސާބިތުވާ ހަރަދު ދެއްކުމަށް ދައުލަތުގެ މައްޗަށް އަމުރުކުރުމުގެ ފުރުސަތު ބޮޑު ކަންވެސް ފާހަގަކޮށްފައިވެ އެވެ. އަދި ޝަރީއަތެއްގައި މައްސަލަ ކުރިއަށް ގެންދާއިރު ގިނަ ދުވަސްތަކެއް ނަގާނެ ކަމަށާއި އެދުވަސްތަކުގައި ވެސް ބަދަލުގެ ގޮތުގައި ދޭންޖެހޭ ފައިސާ އިތުރު އަރަމުންދާނެ ކަމަށެވެ.
"ޝަރީއަތުން މައްސަލަ ނިންމުމަށް އިތުރު މުއްދަތު ހޭދަކުރަން ޖެހުމުގެ ސަބަބުން ގެއްލުމުގެ ބަދަލުގެ ގޮތުގައި ދޭން ޖެހޭ އަދަދު އިތުރުވެގެން ދިއުމުގެ އިހުތިމާލް އޮތުމުން އެޑިޔުކޭޝަން މިނިސްޓްރީން ބަޔާންކޮށްފައިވާ އަދަދު ދައުލަތުން ދައްކާ ހަލާސްކުރާ ގޮތުގެ މަތިން މި މައްސަލަ ސިވިލް ކޯޓުގެ ޑިސްޕިއުޓް ރިޒޮލިއުޝަން ޑިވިޝަނުގައި ސުލްހަވެރިކަމާއެކު ހައްލުކުރުމަށް ދެފަރާތުން އެއްބަސްވުމަކަށް އައީ އެވެ." ބަޔާނުގައިވެ އެވެ.
މަންދަށް ލިބުނު ގެއްލުމުގެ ބަދަލުގެ މިންވަރު ކަނޑައެޅުމަށްޓަކައި އޮޑިޓް އޮފީހުން ހެދި އެސެސްމަންޓް ރިޕޯޓެއްގައި ބުނެފައިވަނީ އެ ކޮލެޖަށް ބަދަލުގެ ގޮތުގައި އެންމެ ގިނަ ވެގެން ވެސް ދޭން ޖެހޭނީ 1.5 މިލިއަން ރުފިޔާ ކަމަށެވެ. އެއީ އެމްއީއެސް އިމާރާތުގައި ހުރި ހަރުމުދަލާއި އިންވެޓްރީގެ އަގުގެ އިތުރުން އެމްއީއެސް ހިންގި އިމާރާތަށް މަންދުން ކުރި ހަރަދުތަކަށް ބެލުމަށް ފަހު ކަނޑައަޅާފައިވާ އަދަދެކެވެ. އަދި މީގެ ކުރީން މަންދަށް ދައުލަތުން ފައިސާ ދީފައިވާ ކަންވެސް ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ. އޮޑިޓްގައި ބުނެފައިވަނީ ކުރިން 4.6 މިލިއަން ރުފިޔާ މަންދަށް ދީފައިވާ ކަމަށެވެ.
މަންދު ކޮލެޖުން ބަދަލު ހޯދަން ދައުވާ ކުރީ ކުރިން މާލެ އިންގްލިޝަން ސްކޫލު (އެމްއީއެސް) ހިންގި އިމާރާތުގައި އެ ކޮލެޖު ހިންގަމުން ދަނިކޮށް އެތަނުން އެ ކޮލެޖު ބޭރުކޮށްލި މައްސަލާގައި ލިބުނު ގެއްލުމުގެ ބަދަލު ނަގަން ދައުވާ ކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން ހުކުމްކުރުމާ ގުޅިގެންނެވެ.
މަންދު ކޮލެޖުން އެދުނީ ގެއްލުމުގެ ބަދަލުގެ ގޮތުގައި 18 މިލިއަން ރުފިޔާ ނަގައިދިނުމަށެވެ. ނަމަވެސް ދައުލަތުން ހުށަހެޅީ ބަދަލުގެ ގޮތުގައި 15 މިލިއަން ރުފިޔާ ދިނުމަށާއި އެ ފައިސާ އެއްމަސް ދުވަހުގެ ތެރޭގައި ދެއްކުމަށެވެ. މަންދު ކޮލެޖު ހިންގާ ކުންފުނި، މާލެ ހައި ޕްރައިވެޓް ލިމިޓެޑުން ވަނީ ދައުލަތުގެ ހުށަހެޅުން ބަލައިގަނެ މައްސަލަ ނިންމަން އެއްބަސްވެފަ އެވެ.
އެމްއީއެސް ހިންގި އިމާރާތް ނުވަތަ މިހާރުގެ އިއްޒުންދީން ސްކޫލުގައި މަންދު ކޮލެޖު ހިންގަން އެ އިމާރާތް ހަވާލުކުރީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގަ އެވެ. މާލެ ހައި ޕްރައިވެޓް ލިމިޓެޑާ އެކު ސޮއި ކުރި އެއްބަސްވުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ބާތިލްކުރީ 2015 ވަނަ އަހަރުގެ ތެރޭގަ އެވެ.
މިކަމާ ގުޅިގެން ކޮލެޖު ހިންގަން ކުއްލި ގޮތަކަށް ތަނެއް ހޯދައި ވަސީލަތްތައް ގާއިމުކުރަން ޖެހުމުގެ ސަބަބުން މަންދު ކޮލެޖުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލާގައި ކޯޓުން ނިންމީ އެއްބަސްވުން ބާތިލްކުރީ ރަނގަޅަށް ކަމަށެވެ. މަންދު ކޮލެޖުން އެ ހުކުމް ހައިކޯޓުގައި އިސްތިއުނާފް ކުރުމުން ހައިކޯޓުން ވަނީ ދަށު ކޯޓުގެ ހުކުމް ބާތިލްކޮށްފަ އެވެ. ދައުލަތުގެ ފަރާތުން ހައިކޯޓުގެ ހުކުމް އިސްތިއުނާފް ކުރުމުން ސުޕްރީމް ކޯޓުން ވަނީ ހައިކޯޓުގެ ހުކުމަށް ތާއީދުކޮށް އެއްބަސްވުން ބާތިލްކުރީ ރަނގަޅަށް ނޫން ކަމަށް ހުކުމް ކޮށްފަ އެވެ. އަދި ބަދަލު ހޯދަން ދައުވާ ކުރެވޭނެ ކަމަށްވެސް ހުކުމްގައި ކަނޑައަޅާފައިވެ އެވެ.