މަންދު ކޮލެޖް

ގެެއްލުމުގެ ބަދަލާ މިހާރު ދެކޮޅު ހަދަނީ ކީއްވެ؟

ގެއްލުމުގެ ބަދަލުގެ ގޮތުގައި ބައެއް ކުންފުނިތަކަށް ބޮޑެތި އަދަދުތަކުން ފައިސާ ދެމުން ދިއުމާއި ޝަރުއީ މަރުހަލާއިން ބަދަލު ދޭން އެއްބަސްވުމަކީ ދައުލަތަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒު ކުރަމުންދާ ކަމެކެވެ. ބައެއް މީހުންގެ ނަޒަރުގައި ސަރުކާރުން ބަދަލު ދެމުންދަނީ ސަރުކާރާ ގާތް ގުޅުމެއް އޮންނަ ކުންފުނިތަކާއި ސަރުކާރުގައި ނުފޫޒު ގަދަ ބޭފުޅުންގެ ހިއްސާ ނުވަތަ އެ ބޭފުޅުންގެ އާއިލީ މަސްލަހަތު އޮންނަ ކުންފުނިތަކަށެވެ. އަދި އެގޮތަށް ބަދަލު ދިނުމުގެ ފަހަތުގައި އެތައް ކަމެއް ފޮރުވިފައިވާ ކަމުގެ ތުހުމަތުތައް ކުރެއެވެ.

މި ފަހުން މިފަދަ ތުހުމަތުތަކެއް އަމާޒުކުރި އެއް މައްސަލައަކީ އެމްޑީޕީގެ ފުރަތަމަ ރައީސް އަދި މާލޭގެ ކުރީގެ މަޖިލިސް މެންބަރު އިބްރާހީމް އިސްމާއީލް (އިބްރާ) ގެ މަންދު ކޮލެޖަށް ބަދަލުގެ ގޮތުގައި 15 މިލިއަން ރުފިޔާ ދިނުމަށް ދައުލަތުން އެއްބަސްވުމެވެ. ސިވިލް ކޯޓުގެ ޑިސްޕިއުޓް ރިޒޮލިއުޝަން މަރުހަލާ ނުވަތަ ޝަރީއަތަށް މައްސަލަ ނުގެންގޮސް ހައްލުކުރާ މަރުހަލާގެ ތެރެއިން ދައުލަތުން އެކަމަށް އެއްބަސްވީ މި މަހުގެ 22 ވަނަ ދުވަހު އެވެ.

ދައުލަތުގެ ވަކީލުންނާއި މަންދު ކޮލެޖު ހިންގާ މާލެ ހައި ޕްރައިވެޓް ލިމިޓެޑްގެ ވަކީލުން ސިވިލް ކޯޓުގައި އެކަމަށް އެއްބަސްވީ ކުރިން މާލެ އިންގްލިޝަން ސްކޫލު (އެމްއީއެސް) ހިންގި އިމާރާތުގައި އެ ކޮލެޖު ހިންގަމުން ދަނިކޮށް އެތަނުން އެ ކޮލެޖު ބޭރުކޮށްލި މައްސަލާގައި ލިބުނު ގެއްލުމުގެ ބަދަލު ނަގަން ދައުވާ ކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރުމާއި ގުޅިގެން ގެއްލުމުގެ ބަދަލު ހޯދަން ކުރި ދައުވާއާ ގުޅިގެންނެވެ.

މަންދު ކޮލެޖުން އެދުނީ ގެއްލުމުގެ ބަދަލުގެ ގޮތުގައި 18 މިލިއަން ރުފިޔާ ނަގައި ދިނުމަށެވެ. ނަމަވެސް ދައުލަތުން ހުށަހެޅީ ބަދަލުގެ ގޮތުގައި 15 މިލިއަން ރުފިޔާ ދިނުމަށާއި އެ ފައިސާ އެއްމަސް ދުވަހުގެ ތެރޭގައި ދެއްކުމަށެވެ. މާލެ ހައި ޕްރައިވެޓް ލިމިޓެޑުން ވަނީ ދައުލަތުގެ ހުށަހެޅުން ބަލައިގަނެ މައްސަލަ ނިންމަން އެއްބަސްވެފަ އެވެ.

މި ނިންމުމާއެކު ބައެއް ބޭފުޅުންގެ ބޮޑެތި ފާޑުކިޔުން ސަރުކާރަށް އަމާޒު ވެގެން ދިޔައެވެ. ނަމަވެސް އެ ފާޑުކިޔުންތަކުގެ ފަހަތުގައި ބޮޑަށް ފޮރުވިފައި އޮތީ މިހާރުގެ ސަރުކާރު ހިންގާ މައި ޕާޓީ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ތެރޭގައި އޮތް ބައިބައިވުމާއި ހިޔާލު ތަފާތުމެވެ. މަންދު ކޮލެޖަށް ބަދަލު ދޭން ނިންމުމުން އެކަމަށް އެންމެ ބޮޑަށް ފާޑުކިޔަމުން ދަނީ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ވަފާތެރި ބޭފުޅުންނެވެ.

އެފަދަ ބައެއް ބޭފުޅުންގެ ނަޒަރުގައި އާދައިގެ މުސާރައެއްގެ ވަޒީފާގައި ހުންނަ މީހަކު ވަޒީފާއިން ކަނޑައިލީ ގާނޫނާ ހިލާފަށް ކަމަށް ސްޕްރީމް ކޯޓުން ހުކުމް ކުރުމުން އަހަރު ދުވަހުގެ މުސާރަކޮޅު އެކަނި ދޭން ދައުލަތަށް ބޮޑު ބުރަޔަކަށް ވެއެވެ. ނަމަވެސް ވަކި ބަޔަކާ ޖެހުމުން އެކަން ދާދި ފަސޭހަ ކަމަކަށްވެއެވެ. ބައެއް އެހެން ބޭފުޅުން މި ނިންމުން ގުޅުވީ ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން ރާއްޖެ އޮތް ހާލަތަށެވެ. މިފަދަ ހާލަތެއްގައި ބަދަލުދޭން ނިންމުން އެއީ ވަރަށް ބޮޑު ގޯހެއް ކަމަށް ސިފަ ކޮށްފައި ވެއެވެ.

ބައެއް އެހެން ބޭފުޅުންގެ ނަޒަރުގައި ޝަރުއީ ކޯޓެއްގެ ނިހާއީ ހުކުމެއްނެތި ދައުލަތުގެ ފައިސާއިން ބަދަލު ނުދެވޭނެ އެވެ. ދެބަސްވެ ޝަރުއީ މަރުހަލާއަށް ގޮސްފައިވާ މައްސަލައެއްގައި ހުކުމްކޮށް ވަކިގޮތެއް ކަނޑައެޅުުމުގެ ބާރު ސަރުކާރު ހިންގާ ފަރާތަށް ލިބިގެން ނުވާ ކަމަށްވެސް ގަބޫކުރާ ބޭފުޅުންވެސް އެބަ ތިއްބެވެ.

ނަމަވެސް އެ ބޭފުޅުން އެ މޭރުމުން ވާހަކަ ދައްކަވަނީ ފެންނަން އޮތް ހަގީގަތް ފޮރުވުމަށް ފަހު އެވެ. އެންމެ ފުރަތަމަ ކަމަކީ ސަރުކާރު ވުޖޫދު ކުރުމަށް ރައްޔިތުންނަށްވީ ވައުދުތަކެވެ. އެކި ގޮތްގޮތުން އަނިޔާ ލިބުނު މީހުންނާއި ސިޔާސީ ބޭނުމަށް ގެއްލުން ދިން ކުންފުނިތަކަށް ގެއްލުމުގެ ބަދަލު ހޯދާދީ އިންސާފު ގާއިމު ކުރުމަކީ ސަރުކާރުގެ ވައުދެކެވެ.

މަންދު ކޮލެޖްގެ މަައްސަލައަކީ އެފަދަ އެއް މައްސަލައެވެ.

އެމްއީއެސް ހިންގި އިމާރާތް ނުވަތަ މިހާރުގެ އިއްޒުންދީން ސްކޫލުގައި މަންދު ކޮލެޖު ހިންގަން އެ އިމާރާތް ހަވާލުކުރީ އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ރައީީސް ކަމުގަ އެވެ. މާލެ ހައި ޕްރައިވެޓް ލިމިޓެޑާ އެކު ސޮއި ކުރި އެއްބަސްވުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ބާތިލްކުރީ 2015 ވަނަ އަހަރުގެ ތެރޭގަ އެވެ. އަދި އެއް ރެއެއްގެ ދަންވަރު އެ އިމާރާތުގެ ބޭރު ގޭޓްގައި ބޮޑު ތަޅު އެޅުވިއެވެ.

މިކަމާ ގުޅިގެން ކޮލެޖު ހިންގަން ކުއްލި ގޮތަކަށް ތަނެއް ހޯދައި ވަސީލަތްތައް ގާއިމުކުރަން ޖެހުމުގެ ސަބަބުން މަންދު ކޮލެޖުން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅި އެވެ. ކޯޓުން ނިންމީ އެއްބަސްވުން ބާތިލްކުރީ ރަނގަޅަށް ކަމަށެވެ. މަންދު ކޮލެޖުން އެ ހުކުމް ހައިކޯޓުގައި އިސްތިއުނާފް ކުރުމުން ހައިކޯޓުން ވަނީ ދަށު ކޯޓުގެ ހުކުމް ބާތިލްކޮށްފަ އެވެ. އަދި ދައުލަތުގެ ފަރާތުން ހައިކޯޓުގެ ހުކުމް އިސްތިއުނާފް ކުރުމުން ސުޕްރީމް ކޯޓުން ވަނީ ހައިކޯޓުގެ ހުކުމަށް ތާއީދުކޮށް އެއްބަސްވުން ބާތިލްކުރީ ރަނގަޅަށް ނޫން ކަމަށް ހުކުމް ކޮށްފަ އެވެ. އަދި ބަދަލު ހޯދަން ދައުވާ ކުރެވޭނެ ކަމަށްވެސް ހުކުމްގައި ކަނޑައަޅާފައިވެ އެވެ.

މަންދުން އިހުތިޔާރު ކުރީ ގާނޫނީ މަގެވެ. އަދި މިއީ މި ސަރުކާރު އައި ފަހުން ބަދަލުދޭން އެއްބަސްވި ފުރަތަމަ ކުންފުންޏެއް ނޫނެވެ. ބިލިއަނަކާ ގާތްކުރާ އަދަދަކަށް އެކި ކުންފުނިތަކަށް ބަދަލު ދޭން އެއްބަސްވިއިރު އެ ވާހަކަ ބައެއް ބޭފުޅުން ނުދައްކައެވެ. އެހެން ވީމަ ވަކި ކުންފުންޏަކަށް ބަދަލު ދޭން ނިންމުމުން އެކަމަށް ފާޑުކިޔުމުން އިހުލާސްތެރިކަމާމެދު ސުވާލު އުފެދެއެވެ.

މަންދުގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި އެމްއީއެސް އިމާރާތުގައި ތަޅު އަޅުވާ އެތައް މަހެއް ވަންދެން އެ ކޮލެޖްގެ މުދަލާއި ތަކެތި ހިފަހައްޓާފައި ހުރުމަކީ ލިބުނު ވަރަށް ބޮޑު ގެއްލުމެކެވެ. ބަދަލު ހޯދަން ޝަރީއަތަށް މައްސަލަ ހުށައެޅީ އެކަމުގެ ސަބަބުންނެވެ.

ކޯޓްގެ ހުކުމެއް ނެތި މަންދަށް ފައިސާ ދޫކުރަން ނިންމުމުން ބައެއް ބޭފުޅުން ފާޑުކިޔާއިރު މިއީ ޑިސްޕިއުޓް ރިޒޮލިއުޝަން މަރުހަލާގައި ބަދަލު ދޭން ދައުލަތުން އެއްބަސްވީ ފުރަތަމަ ފަހަރެއްވެސް ނޫނެވެ. އަދި ސާފު މައްސަލައެއްގައި ޑިސްޕިއުޓް ރިޒޮލިއުޝަން މަރުހަލާގައި ބަދަލު ދޭން ނިންމުމުގައި ދައުލަތަށްވެސް ފައިދާތަކެެއް ހުންނާނެ ކަން ބައެއް ގާނޫނީ ވަކީލުން ފާހަގަ ކުރައްވައެވެ.

ކުރީގެ ޕްރޮސެކިއުޓަރު ޖެނެރަލް އަހުމަދު މުއިއްޒު ވިދާޅުވި ގޮތުގައި ނިހާއީ ހުކުމަކުން ދޭން ޖެހޭ ބަދަލު ފަހަރެއްގައި ބޮޑުވުމަކީ ވެދާނެ ކަމެވެ. އެ މައްސަލައަކީ ސާފު މައްސަލައެއް ނަމަ ޑިސްޕިއުޓް ރިޒޮލިއުޝަން މަރުހަލާގައި ބަދަލު ދޭން ނިންމުމުގައި މައްސަލައެއް ނެތެވެ.

ގާނޫނީ ވަކީލު އަދި ރައީސް ނަޝީދުގެ ކޮއްކޮ ނާޒިމް އަބްދުއްސައްތާރުގެ ނަޒަރުގައި މަންދަށް 15 މިލިއަން ރުފިޔާގެ ބަދަލެއް ދިނުމަށް ސިވިލް ކޯޓުން ނިންމި ނިންމުމަކީ ވަރަށް ރަނގަޅު ނިންމުމެކެވެ. އަދި އޭނާގެ ނަޒަރުގައި ބަދަލުގެ ގޮތުގައި 15 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދޭން ޖެހޭނެ ކަމަށެވެ.