ކުޑަ ކުޑަ ހިސާބު ޓެސްޓަކުން ފޭލްވުމުން މީހެއްގެ ކައިވެނި ކެންސަލް ކުރަން ޖެހިދާނެ ކަމަށް ހީކުރާނީ ކާކު ހެއްޔެވެ؟ ހަމަ ޔަގީނުން ވެސް ކައިވެންޏަށް ތައްޔާރު ވެފައިވާ މި ފިރިހެންމީހާއެއް މިފަދަ ކަމެއް ދިމާވެދާނެ ކަމަކަށް ޚިޔާލު ވެސް ކޮށްފައެއް ނެތެވެ.
އިންޑިޔާގެ އުއްތަރު ޕްރަދޭޝްގައި މިދިޔަ ހޮނިހިރު ދުވަހު ކުރަން އޮތް ކައިވެންޏަކަށް ފިރިހެންމީހާ ވެޑިން ހޯލަށް ދިޔައީ ކައިވެނީގެ ހުވަފެންތައް ދެކެމުންނެވެ. އިންޑިޔާގައި ކުރާ ކައިވެނިތަކުގައި ފިރިހެންމީހާ އޭނާގެ އާއިލާގެ މީހުންނާއި އެކުވެރިންނާއި އަދި ބެރު ދުންމާރި ތާޅާފިލީގައި (ބާރާތު) ކައިވެނީގެ ހޯލަށް ވަދެގެން ދިޔައިރު ވެސް ކައިވެނިކުރާ އަންހެންމީހާއަށް އޭނާގެ ވާން އުޅޭ ފިރިމީހާގެ ތައުލީމީ ފެންވަރާ މެދު ޝައްކުތައް ވާން ވަނީ ފަށާފަ އެވެ.
އެހެންވެ ހިންދޫން ކައިވެނި ކުރާއިރު އެކަކު އަނެކަކުގެ ކަރުގައި އަޅުވާ މާ ފަތި އެޅުވުމުގެ ކުރިން ފިރިހެންމީހާގެ ފެންވަރު ބަލާލަން އަންހެންމީހާ ގަސްތުކުރި އެވެ. އަދި މާފަތި އޭނާގެ ކަރުގައި އަޅުވަން ހުއްދަ ލިބޭނީ ގުނަކުރާ ނަވަތަ ކިޔައިދިނީމަ ކަމަށް ބުންޏެވެ.
އަންހެންމީހާ އެދުނީ ދޭއްގެ ގުނަ ކުރާ ނަވަތަ ކަމަށް ވިޔަސް ފިރިހެންމީހާއަށް ދޭއްގެ ނަވަތަ ވެސް ކިޔައިދޭން ނޭނގި މި ޓެސްޓުން ވަނީ ފޭލިވެފަ އެވެ. އަންހެންމީހާ އައި ރުޅިން ކައިވެނި ނުކުރާނެ ކަމަށް ބުނެ ވަގުތުން ކައިވެނި ވަނީ ކެންސަލް ކޮށްފަ އެވެ.
އެ ސަރަހައްދުގެ ސްޓޭޝަން ހައުސް އޮފިސަރު ވިނޯދް ކުމާރު ބުނި ގޮތުގައި މި ކައިވެންޏަކީ އެރޭންޖް މެރިޖެކެވެ. ނުވަތަ ދެ ފަރާތުގެ އާއިލާއިން ހަމަޖެއްސި ކައިވެންޏެކެވެ. ފިރިހެންމީހާ އަކީ މަހޯބާ ޑިސްޓްރިކްޓްގެ ދާވަރު އަވަށަށް ނިސްބަތްވާ މީހެއް ކަމަށާއި އަންހެންމީހާ ނިސްބަތްވަނީ އެހެން އަވަށަކަށް ކަމަށް ވިނޯދް ބުންޏެވެ.
މި ކައިވެނި ކުރާ ތަނަށް ދެ އަވަށުގެ ވަރަށް ގިނަ އަދަދެއްގެ ބަޔަކު ޖަމާވެފައި އޮތް ކަމަށާއި ކައިވެނީގެ ކަންކަން ފަށަން ތައްޔާރުވެފައި ވަނިކޮށް އަންހެންމީހާ ކުއްލިއަކަށް ކައިވެންޏަށް ދެކޮޅު ހެދީ ކަމަށް ވިނޯދް ބުންޏެވެ.
އާދައިގެ ހިސާބެއް ހަދާލަން ނޭނގޭ ފެންވަރުގެ މީހަކާ ކައިވެނި ކުރަން ބޭނުން ނޫންކަމަށް ބުނެ އަންހެންމީހާ އެތަނުން ތެދުވެގެން ދާން ފެށުމުން އާއިލާގެ މީހުންނާއި އެކުވެރިން އޭނާއަށް ނަސޭހަތްދީ އެގޮތަށް އެކަން ނުކުރަން ވަރަށް ބާރު އެޅި ކަމަށް ސްޓޭޝަން އޮފިސަރު ބުންޏެވެ. ނަމަވެސް އެއްވެސް މީހެއްގެ ބަހެއް ނާހާ އަންހެންމީހާ އެތަނުން ނުކުމެގެން ދިޔައީ އެވެ.
ކައިވެނިކުރަން ހަމަޖެހިފައިވާ އަންހެންމީހާގެ ދެބެންގެ ދެދަރި މީހަކު އިންޑިޔާގެ ނޫހަކަށް ބުނެފައިވާ ގޮތުގައި ފިރިހެންމީހާ އަކީ އެއްވެސް ވަރަކަށް ތައުލީމު އުނގެނިފައި ނެތް މީހެއްކަން އެނގުމުން އެމީހުންނަށް ހަގީގަތުގައި ވަރަށް ބޮޑު ޝޮކެއް ލިބުނެވެ.
"ފިރިހެންމީހާއަކީ ނުކިޔަވާ ހުރި މީހެއްކަން އޭނާގެ އާއިލާއިން އޮތީ ސިއްރު ކޮށްފައި. ހިޔެއް ނުވޭ އޭނާ އެއްގޮތަކަށް ވެސް ސްކޫލަކަށް ދިޔަހެނެއް ވެސް. ފިރިހެންމީހާގެ އާއިލާއިން އަހަރެމެންނަށް މަކަރު ހަދާ އޮޅުވާލީ. އެހެންވެ އަހަރެންގެ ހިތްވަރުގަދަ ދައްތަ ކައިވެންޏަށް ދެކޮޅު ހެދީ. މުޖުތަމައުގެ ފަރުދުންގެ ފަރާތުން ކުރިމަތިވާނެ މަލާމާތާއި މައްސަލަތަކަކަށް ވެސް އޭނާއެއް ނުބަލާ،" އޭނާ ބުންޏެވެ.
މި މައްސަލައިގެ ތެރެއަށް އެ ހިސާބުގެ ފުލުހުން ނުވައްދާ މައްސަލަ މިހާރު ވަނީ ހައްލުކޮށްފަ އެވެ. އެއީ ކައިވެންޏަށް ދެ ފަރާތުގެ އާއިލާއިން ބަދަލު ކޮށްފައި ހުރި ގަހަނާ އާއި އެނޫންވެސް ތަކެތި އަނބުރާ ރައްދުކޮށް އާއިލާ އިން މިކަން ހައްލު ކުރަން އެއްބަސްވެފައި ވާތީ އެވެ.