ބަނޑުބޮޑުކަން ނޭނގި ފްލައިޓެއްގައި ދަތުރުކުރި އަންހެނަކު ދަތުރުގެ ވަކި ހިސާބަކުން މަތިންދާބޯޓު ތެރެއަށް ވިހައިފި އެވެ. ލަވީނިއާ މައުންގާ ކިޔާ މި އަންހެންމީހާ ބުނި ގޮތުގައި އޭނާ ބަނޑުބޮޑުކަމެއް އެއްގޮތަކަށް ވެސް އޭނާ ނުދެނަހުރި ކަމަށެވެ. ތިން ވަނަ ޓްރައިމިސްޓާއަށް އަޅާފަހުން މަތިންދާބޯޓުގައި ދަތުރުކުރުމުގެ ހުއްދަ އާއްމުކޮށް އެއާލައިންތަކުން ނުދެ އެވެ. ނަމަވެސް ޚުދް މި އަންހެންމީހާ އަށް ވެސް އޭނާ ބަނޑުބޮޑުކަން ނޭނގޭތީ ދުވަސް ފުރާ ވިހަން ކައިރިވެފައި އިންދާ ވެސް ފްލައިޓުގައި ދަތުރު ކުރެވޭ ގޮތް ވީއެވެ.
ލަވީނިއާ އޭނާގެ އާއިލާއާއެކު ދަތުރުކުރަމުން ދިޔައީ ހަވާއީ އަށެވެ. އޭނާގެ ރަށުން ހަވާއީ އަށް މަތިންދާބޯޓުގައި ދާން ހަ ގަޑިއިރު ނަގަ އެވެ. ދަތުރުގެ މެދެއްހާ ހިސާބުން ކުއްލިއަކަށް ލަވީނިއާގެ ބަނޑުގައި އާދަޔާޚިލާފަށް ރިއްސަން ފެށީ އެވެ.
ނަސީބަކުން އެ ފްލައިޓުގައި ފަސިންޖަރުންގެ ގޮތުގައި ނިއޯނެޓަލް އިންޓެންސިވް ކެއާ ޔުނިޓުގެ ތިން ނަރުހަކު ދަތުރުކުރި އެވެ. އަދި ފިޒީޝަނެއްގެ އެސިސްޓެންޓެއްގެ ގޮތުގައި މަސައްކަތްކުރާ މީހަކާއި ފެމެލީ މެޑިސިން ޑޮކްޓަރަކު ވެސް އެ ފްލައިޓުން ދަތުރު ކުރި އެވެ.
މި އެންމެން ވެސް އަންހެންމީހާ އެ ފްލައިޓުގެ ފާޚާނާ ތެރޭގައި ބައިންދައިގެން ވިއްސީ އެވެ. މި މަންޒަރުތައް ހިމެނޭ ވީޑިއޯއެއް މިހާރު ވައިރަލް ވެފައި ވެއެވެ. ވީޑިއޯކޮށްފައިވަނީ ފްލައިޓުން ދަތުރުކުރި ފަސިންޖަރެއް ކަމަށްވާ ޖޫލިއާ ހެންސަން އެވެ. ވިހޭ އަންހެންމީހާގެ މޫނު ނުފެންނަ ގޮތަށް ނަގާފައިވާ މި ވީޑީއޯގައި ކުއްޖާ އުފަންވުމާއެކު ރޮއިގަންނަ އަޑު ވެސް ހިމެނެ އެވެ.
ޓިކްޓޮކްގައި ހެންސަން ޝެއާކުރި ކްލިޕްގައި މިކަންކަން ހިނގަމުންދިޔަ ގޮތް ވެސް އޭނާ ވަނީ ވަރަށް މަޑުމަޑުން ކިޔައިދީފަ އެވެ. އަންހެންމީހާ ވިހެއުމުން މަތިންދާބޯޓުގެ ކެބިން ކުރޫ އަކު ވަނީ ފްލައިޓް ތެރޭގައި މީހަކު ވިހައިފިކަމަށް ބުނެ އޭނާއަށް ތަރުހީބުގެ އަތްތިލަބަޑިއެއް ދޭން ފަސިންޖަރުންގެ ކިބައިން އެދިފަ އެވެ. އެއާއެކު އަތްތިލަބަޑީގެ އަޑުން މުޅި ފްލައިޓް ތެރެ ގުގުމާލި އެވެ.
މިދިޔަ ހޮނިހިރު ދުވަހު ލެވީނިއާ ކުރި ޓުވީޓެއްގައި އޭނާގެ ވީޑިއޯ ވައިރަލް ވުމުން މީހުން ދިން ތަރުހީބަށް ޝުކުރު އަދާކޮށްފައި ވެއެވެ. އަދި އޭނާ ވިހޭ ފިރިހެން ދަރިފުޅަށް ރޭމޮންޑް ކައިމާނާ ވަޑޭ ކޯބޭ ލަވާކީ މޮންގާގެ ނަން ދީފައިވާ ކަމަށް ބުނެފައި ވެއެވެ.
ފްލައިޓް ޖެއްސުމާއެކު ޕެރަމެޑިކްސް އަރައި އަންހެންމީހާ ވަގުތުން ހޮސްޕިޓަލަށް ގެންދިޔަ އެވެ. ކުއްޖާގެ ބައްޕަ އީތަން މަގަލައި އޭނާގެ ފޭސްބުކް ޕޭޖުގައި ލިޔެފައިވާ ގޮތުގައި މިއީ ނުވެސް އެނގި ތިއްބާ އެމީހުންނަށް ލިބުނު "މިރަކްލް ބޭބީ" އެކެވެ. އަދި އަންހެންމީހާ ވިހެއުމުގައި އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދިން އެންމެންނަށް ފިރިހެންމީހާ ވަނީ ޝުކުރު އަދާކޮށްފަ އެވެ.
"އަންހެނުން ވިހާފައި މިވަނީ އޭނާ އިނީ ބަލިވެކަން އެއްގޮތަކަށް ވެސް އަހަރެމެންނަށް ނޭނގި ކަމަށް ވާތީ އަހަރެމެން އެންމެންނަށް ވެސް މިކަމުން ވަރަށް ބޮޑު ޝޮކެއް ވަނީ ލިބިފައި،" ފިރިހެންމީހާ ބުނެފައި ވެއެވެ.