ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ލައިފްސްޓައިލް

ނޫސްވެރިޔާ ރަޖީވް ހާލު ބޮޑުވެ އައިސީޔޫގައި

އިންޑިޔާގައި ވަރަށް މަޝްހޫރު ފިލްމް ޖާނަލިސްޓެއް އަދި ކްރިޓިކް އެއް ކަމަށްވާ ރަޖީވް މަސަންދަށް ކޮވިޑް ޖެހި ވަރަށް ހާލު ބޮޑުވެފައިވާ ކަމަށް އިންޑިޔާގެ ނޫސްތަކުން ބުނެފި އެވެ. ރަޖީވް ކޮރޯނާވައިރަހަށް ޕޮޒިޓިވް ވީތާ މާ ގިނަ ދުވަހެއް ނުވެ އޭނާގެ ހާލު ވަރަށް ބޮޑުވެގެން މިހާރު ހޮސްޕިޓަލެއްގެ އައިސީޔޫގައި ފަރުވާ ދެމުންދާ ކަމަށް ވެސް ހަބަރުތައް ބުނެ އެވެ.

މުމްބައިގެ ކޮކީލާބެން ހޮސްޕިޓަލުގައި ރަޖީވް އަށް ފަރުވާ ދެމުން ދާއިރު އޭނާގެ އޮކްސިޖަން ލެވެލް އަދިވެސް ވަރަށް ދަށެވެ.

ރަޖީވް އާއެކު މަސައްކަތް ކުރާ ނޫސްވެރިޔާ ސޮމެން މިޝްރާ ބުނި ގޮތުގައި ރަޖީވްގެ ހާލު ވަރަށް ގޯހެވެ. ނަމަވެސް އަދި ވެންޓިލޭޓަރަށް ނުލާ ކަމަށް އޭނާ ބުންޏެވެ.

ރަޖީވްގެ ހާލު ބޮޑުކަން އެނގުމުން ވަރަށް ގިނަ ފަންނާނުން ވަނީ އެކަމާ ކަންބޮޑުވެ ހިތާމަކުރާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި މެސެޖުތައް ޕޯސްޓް ކޮށްފަ އެވެ. މި ފަންނާނުންގެ ތެރޭގައި ދިއާ މިރްޒާ، ސްވާރާ ބާސްކަރް، ބިޕާޝާ ބާސޫ، ސުނިލް ޝެޓީ ފަދަ އެކްޓަރުން ހިމެނެ އެވެ.

ރަޖީވް އޭނާގެ ކެރިއަރު ފެށީ ނޫސްވެރިއެއްގެ ގޮތުގަ އެވެ. އޭނާ ވަނީ އިންޑިޔާގެ ނަން މަޝްހޫރު ވަރަށް ގިނަ ނޫސްތަކުގައި މަސައްކަތް ކޮށްފަ އެވެ. ފިލްމް ކްރިޓިކްސް އެއްގެ ގޮތުގައި 25 އަހަރަށް ވުރެ ގިނަ ދުވަހު އޭނާ ވަނީ މަސައްކަތް ކޮށްފަ އެވެ.

އޭނާ މިހާރު މަސައްކަތް ކުރަނީ ކަރަން ޖޯހަރްގެ ޓެލެންޓް މެނޭޖްމަންޓް އެޖެންސީ ދަރްމާ ކޯނާސްޓޯން އެޖެންސީގެ ޗީފް އޮޕަރޭޓިން އޮފިސަރެއްގެ ގޮތުގަ އެވެ.

ކޮވިޑް ބަލީގައި އިންޑިޔާގެ މަޝްހޫރު ނޫސްވެރިއަކު މިދިޔަ ހަފުތާގައި މަރުވެފައި ވެއެވެ. ރޯހިތު ސަރްދާނާ އަކީ ޒީ ނިއުސް އެންކަރެއްގެ ގޮތުގައި އަދި ލައިވް ޝޯ ހޯސްޓެއްގެ ގޮތުގައި ވަރަށް ގިނަ ދުވަހު މަސައްކަތްކޮށްފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އަދި އާޖް ތަކް ޗެނަލް އަށް އޭނާ ބަދަލުވެފައިވަނީ ދާދިފަހަކުންނެވެ.

އުމުރުން 41 އަހަރުގެ ރޯހިތު މަރުވީ ކޯވިޑް ޖެހިގެން ގޭގައި އައިސޮލޭޝަންގައި ހަފުތާއަކު ހުރި ފަހުން ކުއްލިއަކަށް ހާލު ބޮޑުވެގެން ހޮސްޕިޓަލަށް ގެންދިޔަތާ މާ ގިނަ ދުވަސްތަކެއް ނުވަނީސް މިދިޔަ ހަފުތާގަ އެވެ.