ބޮލީވުޑް

ނޭފަތުގެ ސާޖަރީއެއް ހަދަން އެބަ ވިސްނަން: އަލާޔާ އެފް

ނޭފަތުގެ ޕްލާސްޓިކް ސާޖަރީއެއް ހަދަން ވިސްނަމުންދާ ކަމަށް ބަތަލާ އަލާޔާ އެފް ބުނެފި އެވެ. އަލާޔާ ބުނީ ނޭފަތުގެ އެ ފަރާތުގައި ކުޑަކޮށް އުފުލިފައި ހުރި ތަންކޮޅެއް އެބަ އިން ކަމަށާއި ސާޖަރީ ހަދައިގެން އެތަންކޮޅު ރަނގަޅު ކޮށްލަން ވިސްނާ ކަމަށެވެ.

ޒޫމް ޓީވީ އިންޓަވިއު އެއްގައި އަލާޔާ މިހެން ބުނުމުން ޝޯގެ އޭނާގެ ނޭފަތުގެ އެއް ފަރާތް ކުޑަކޮށް އުފުލިފައި ހުރިކަން ފާހަގަ ނުކުރެވޭ ކަމަށް ޝޯގެ ހޯސްޓް ބުންޏެވެ. އެއާއެކު އަލާޔާ ބުނީ އޭނާއަށް ވެސް ސާޖަރީ ހަދާނީތޯ ނޫންތޯ ނުނިންމިގެން އުޅޭ ކަމަށެވެ.

އަލާޔާ ބޮލީވުޑަށް ތައާރަފްވީ ނިތިން ކައްކަރްގެ "ޖަވާނީ ޖާނެމަން" އިން މިދިޔަ އަހަރު އެވެ. މި ފިލްމުގައި ދައްކަނީ 40 ގެ އަހަރުތައް ގުނަމުންދާ އަންހެނުން ހިތި ފިރިހެނެއްގެ ވާހަކަ އެވެ. އެ ފިރިހެންމީހާގެ 21 އަހަރުގެ އަންހެންދަރިއަކު ހުރިކަމާއި އެ އަންހެންކުއްޖާ ބަލިވެ އިންކަން އޭނާއަށް ކުއްލިއަކަށް އެނގުމުން ދެން ވާގޮތް ފިލްމުގައި ދައްކަ އެވެ.

މި ފިލްމުގައި އަލާޔާ ކުޅުނު ރޯލަށް ވަރަށް ގިނަ ބަޔަކު ތައުރީފުކުރި އެވެ. އަދި މޮޅު ބަތަލާއެއްގެ ގޮތުގައި ކުރިޔަށްދާނެ ހުނަރާއި ގާބިލްކަން އަލާޔާގެ ހުރިކަމަށް ކްރިޓިކްސް ވެސް ބުނެފައި ވެއެވެ. މިދިޔަ އަހަރުގެ ފިލްމްފެއާ ބެސްޓް ފީމޭލް ޑެބިއު އެވޯޑު މި ފިލްމުން އަލާޔާ ވަނީ ހޯދާފަ އެވެ.

އަލާޔާ ބުނި ގޮތުގައި ފުރަތަމަ ފިލްމުން އޭނާއަށް އެއްވެސް ވަރަކަށް ނެގެޓިވް ކޮމެންޓްސް ނުލިބުމުން ވަރަށް ހިތްހަމަޖެހިއްޖެ އެވެ.

"އަހަރެން ނުބުނަން ބެލުންތެރިންގެ ލޯތްބަށް އަހަރެން އުންމީދު ނުކުރަމެކޭ. އުންމީދުކުރިން. ނަމަވެސް އަހަރެންގެ ރޯލަށް ބެލުންތެރިން މި މިންވަރަށް ތަރުހީބުދީ ލޯބި ދޭނެ ކަމަކަށް ހިއެއް ނުކުރަން،" އަލާޔާ ބުންޏެވެ.

އަލާޔާ އަކީ ކުރީގެ މަޝްހޫރު އެކްޓަރެއް ކަމަށްވާ ކަބީރް ބޭދީގެ ކާފަ ދަރިއެކެވެ. އަލާޔާގެ މަންމަ ޕޫޖާ ބޭދީއަކީ ވެސް ކުރިން ބައެއް ފިލްމުތަކުގައި ހަރަކާތްތެރިވެފައިވާ ބަތަލާ އެކެވެ.