ވެންޓިލޭޓަރު ހިޔާނާތާ ގުޅިގެން ސަސްޕެންޑްކޮށްފައިވާ ހެލްތު މިނިސްޓްރީގެ ދެ ޑެޕިއުޓީ މިނިސްޓަރުން ކަމުގައިވާ ޝިޔާމާއި މުހައްމަދާއި ނިޝާމާ މުހައްމަދު މަގާމުން ވަކިކޮށްފި އެވެ.
ނިޝާމާ އާއި ޝިޔާމާ މަގާމުން ވަކިކޮށްފައިވަނީ ވެންޓިލޭޓަރު ހިޔާނާތާ ގުޅިގެން ފިނޭންސް މިނިސްޓްރީން ކުރިއަށް ގެންދިޔަ ހާއްސަ އޮޑިޓަށް ފަހު އެކުލަވާލާފައިވާ ރިޕޯޓްގައި އެ ދެ ބޭފުޅުން މަގާމުން ވަކިކުރުމަށް ލަފާ ދީފައި ވަނިކޮށެވެ. މިމައްސަލާގައި އޮޑިޓް އޮފީހުން ހަދާފައިވާ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓްގައި ވެސް ވެންޓިލޭޓަރު ގަތުމަށް އުސޫލުތަކާއި ހިލާފަށް ހެލްތު މިނިސްޓްރީން އަމަލު ކޮށްފައިވާކަން ހާމަކޮށްފައިވެ އެވެ.
ނިޝާމާ އަކީ ވެންޓިލޭޓަރު ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި އިއުލާނާ ގުޅިގެން ހުށަހެޅި ޕްރޮޕޯސަލްތައް ދިރާސާކުރި ހެލްތު މިނިސްޓްރީގެ ބިޑް ކޮމިޓީގެ ޗެއާ އެވެ.
ވެންޓިލޭޓަރުގެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަހުގީގު ކުރުމަށްފަހު 12 މީހެއްގެ މައްޗަށް ދައުވާ ކުރަން ޕްރޮސިކިއުޓާ ޖެނެރަލް އޮފީހަށް ދެ ފަހަރަށް ފޮނުވި އެވެ. ނަމަވެސް މައްސަލަ ސާބިތު ކުރެވޭ ވަރަށް ހެކި ނެތް ކަމަށް ވިދާޅުވެ އެ މައްސަލާގައި އެއްވެސް މީހެއްގެ މައްޗަށް ޕީޖީ އަދި ދައުވާ އުފުލާފައެއް ނުވެ އެވެ.
އޭސީސީން ދައުވާ ކުރަން ފޮނުވި ބޭފުޅުންގެ ތެރޭގައި ޖޭޕީއަށް ނިސްބަތްވާ ނިޝާމާއި އަދާލަތު ޕާޓީއަށް ނިސްބަތްވާ ޝިޔާމާ ހިމެނެ އެވެ.
ވެންޓިލޭޓަރުތައް ރާއްޖެ އަށް ލިބިފައި ނުވާތީ ސަރުކާރުން ހޭދަކުރި ފައިސާ އަނބުރާ ހޯދުމަށް އެ މައްސަލަ އާބިޓްރޭޝަނަށް ހުށަހަޅަން ވެސް ސަރުކާރުން މިހާރު ވަނީ ނިންމާފަ އެވެ.
ދުބާއީގެ އެގްޒެކިއުޓާސް ކުންފުންޏަށް 75 ވެންޓިލޭޓަރު ގެންނަން ހަވާލުކޮށްގެން މިހާތަނަށް ލިބިފައިވަނީ 15 ވެންޓިލޭޓަރެވެ. ވެންޓިލޭޓަރު ގެންނަން އެގްޒެކިއުޓާސް ކުންފުންޏަށް ވަނީ އެޑްވާންސްގެ ގޮތުގައި 30.91 މިލިއަން ރުފިޔާ ދީފަ އެވެ.
ވެންޓިލޭޓަރު އެއްބަސްވުމުގެ މައްސަލާގައި ނިޝާމާ ސަސްޕެންޑް ކުރުމުން އޭނާ ކުރިން ނެރުއްވާފައިވާ ބަޔާނެއްގައި ބުނެފައިވަނީ ވެންޓިލޭޓަރު ގަންނަން އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ހަވާލުކުރުމަށް ނިންމީ މާލިއްޔަތު ގަވާއިދާ އެއްގޮތަށް ބަޖެޓުގައި ފައިސާ ހުރި ކަން ޔަގީންކުރުމަށްފަހު ކަމަށެވެ. މީގެ އިތުރުން ބިޑް ކޮމިޓީގެ ފަރާތުން ޑަބްލިއުއެޗްއޯގެ ކަންޓްރީ އޮފީހުން މައުލޫމާތު ހޯދި ކަންވެސް ފާހަގަކުރައްވާފައިވެ އެވެ. އަދި އެ މުއާމަލާތަށް ފިނޭންސް މިނިސްޓްރީން އެޕްރޫވަލް ދިނުމަށްފަހު ސިންގަލް ސޯސް ޕްރޮކިއުމަންޓްގެ އުސޫލުން ކުރިއަށް ގެންދިޔުމަށް އެންގި ކަމަށްވެސް ބަޔާނުގައިވެ އެވެ. އެހެންކަމުން ނިޝާމާ ވަނީ ވެންޓިލޭޓަރުގެ މައްސަލަ ތަހުގީގުކުރާއިރު ބިޑް ކޮމިޓީގެ މެންބަރުންގެ މައްސަލަ އެކަނި ބެލުމުގެ ބަދަލުގައި މިކަމާ ގުޅުންހުރި ހުރިހާ މަރުހަލާއެއްގައި ބައިވެރިވި އެންމެންގެ މައްސަލަ ބެލުމަށްވެސް އެދިވަޑައިގެންފަ އެވެ.
ވެންޓިލޭޓަރުތައް ގަންނަން ހެލްތުު މިނިސްޓްރީ ބިޑް ކޮމިޓީގެ އެންމެ އިސް ފަރާތެއްގެ ގޮތުގައި އަމަލު ކޮށްފައިވަނީ ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު ހެޔޮނިޔަތުގައި ކަމަށްވެސް ނިޝާމާ ކުރިން ވިދާޅުވެފައިވެ އެވެ.