ކޮވިޑް-19 ގެ ކޭސްތައް ގިނަވެފައިވާތީ މާދަމާއިން ފެށިގެން 10 ދުވަހަށް ސަރުކާރު އޮފީސްތައް ބަންދުކޮށް މަސައްކަތްތައް އޮންލައިންކޮށް ކުރަން ކުރަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ނިންމަވައިފި އެވެ.
ރައީސް އޮފީހުން ބުނީ މާލެ ސަރަހައްދުގައި ހުރި ސަރުކާރުގެ ހުރިހާ އޮފީހެއް އެ މުއްދަތުގައި ބަންދުވާނެ ކަމަށެވެ. އަދި އެ މުއްދަތުގެ ތެރޭގައި މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތް ކުރުމަށާއި، ސަރުކާރުގެ އިދާރާތަކުން އޮންލައިންކޮށް ދެވެން ހުރި ހުރިހާ ހިދުމަތެއް އޮންލައިންކަށް ދޭނެ ކަމަށެވެ.
އެހެންނަމަވެސް ސަރުކާރުގެ އިދާރާތަކުން ދެމުންދާ އަސާސީ ހިދުމަތްތައް ލިބޭނެ ކަމަށާއި އިދާރާއަކުން ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށްޓަކައި މުވައްޒަފުން ހާޒިރުވާން ޖެހިއްޖެނަމަ މެނޭޖްމަންޓްގެ އިރުޝާދުގެ ދަށުން ހާޒިރުވެވެ އެވެ.
އޮފީސްތައް ބަންދު ކުރި ނަމަވެސް އެއީ ސަރުކާރުގެ ރަސްމީ ބަންދު ދުވަސްތަކެއްގެ ގޮތުގައި ނުބަލާނެ އެވެ.
ކޮވިޑް-19 އިގެ ކޭސްތައް އިތުރުވާތީ އެޗްއީއޯސީ އިން ރޭ ވަނީ ފިޔަވަޅުތައް ހަރުކަށި ކުރަން ނިންމާފަ އެވެ. އޭގެތެރޭގައި ސަރުކާރު އޮފީސްތައް ބަންދު ކުރުމާއި، ރޭގަނޑު 12:00 އިން ފަތިހު 4:00 އަށް ދުއްވާއެއްޗެހި ދުއްވުން މަނާ ކުރުމާއި ސުކޫލުތަކުގެ ކިޔެވުން އޮންލައިންކޮށް ކުރިއަށް ގެންދިއުން ހިމެނެ އެވެ.
މީގެ އިތުރުން ކުޅިވަރު ކުޅޭ މައިޒާން ތަކާއި ޕާކުފަދަ ތަންތަން ބަންދުކުރުމާއި ހުއްދަ ނުނަގައި ރަށްރަށަށް ދިއުން ވެސް ވަނީ މަނާކޮށްފަ އެވެ.
ކޮވިޑް ކޭސްތައް 300 އިން މަަތީގައި ހުންނަތާ ހަފްތާއެއް ވަނީ ވެފަ އެވެ. ގިނަ ދުވަސް ދުވަހު ޕޮޒިޓިވް އަދަދު ހުރީ 400 އިން މަތީގަ އެވެ. އިއްޔެ ވަނީ 500 އަށް ވުރެ ގިނަ މީހުން ޕޮޒިޓިވްވެފަ އެވެ.
މި އަހަރުގެ މިދިޔަ ހަތަރު މަސް ދުވަހު 17،000 އަށް ވުރެ ގިނަ މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފަ އެވެ.