ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ބިލް ގޭޓްސް އާއި މެލިންޑާ ވަރިވާން ކޯޓަށް

ބިލް ގޭޓްސް އާއި މެލިންޑާ ވަރިވަނީ އެވެ. ވަރިވާން އެދި ކޯޓަށް ލިޔުންތައް ހުށަހެޅީ މެލިންޑާ އެވެ. ދެމަފިރިން ބަޔާނެއް މެދުވެރިކޮށް ބުނެފައިވާ ގޮތުން ގާނޫނީ ގޮތުން ދެމަފިރިންގެ ހައިސިއްޔަތު އަދި ގެއްލިފައި ނެތް ނަމަވެސް ދެމީހުން މިހާރު ތިބީ އެކުގައި ދިރިއުޅެވޭ ވަރަށް ވުރެ ދުރުގައި ކަމަށެވެ. ދެމަފިރިންގެ ގޮތުގައި ދިރިއުޅެވޭ ވަރަށް ވުރެ ހިއްސުތަކާއި އިހުސާސްތައް ވެސް ބީރައްޓެހިވެފައިވާ ކަމަށެވެ.

ބިލް އާއި މެލިންޑާގެ ކައިވެންޏަށް 27 އަހަރުވެއްޖެ އެވެ. މިދެމީހުން ކައިވެނި ކުރީ ޖެނުއަރީ 1، 1994 ގައެވެ. ދެމަފިރިންނަށް ތިން ދަރިން ލިބިފައިވެ އެވެ. ހުރިހާ ކުދިން ވެސް ތިބީ ބޮޑެތިވެ އަމިއްލައަށް އުޅެވޭވަރު ވެފަ އެވެ. އެންމެ ހަގު ކުއްޖާއަށް މިއަހަރު ސެޕްޓެމްބަރުގައި 19 އަހަރު ފުރޭނެ އެވެ.

މެލިންޑާ ކޯޓަށް ހުށަހެޅި ލިޔުންތަކުގައި މުދާ ބެހުމާ ބެހޭ ގޮތުން ދެމަފިން އެއްބަސްވެފައި ނުވާ ކަމަށް ބުނެފައިވެ އެވެ. އެހެންނަމަވެސް، ދެ މީހުން އެކުގައި ހޯދާފައި ހުރި މުދަލާ ފައިސާއަށް ހަދާނެ ގޮތަކާ ބެހޭ ގޮތުން މަޝްވަރާ ކުރެވެމުން އަންނަ ކަމަށް ވަނީ ބުނެފަ އެވެ.

މެލިންޑާ ކޯޓުގައި އެދިފައި ވަނީ ދެމަފިރިންނަށް ނިސްބަތްކުރެވޭ އެއްވެސް ބާވަތެއްގެ މުދަލަކަށް ނުފޫޒު ފޯރުވައިގެން މުއާމަލާތެއް ހިންގަފާނެތީ އެފަދަ ހާލަތެއްގައި އެކަމެއް ހުއްޓުވައި ދިނުމަށެވެ.

ބިލް ގޭޓްސް އަކީ މައިކްރޮސޮފްޓްގެ ބާނީ އެވެ. މަހުޖަނެކެވެ. ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ ލަގަބު އެތައް ފަހަރަކު ހޯދާފައިވެ އެވެ. އާންމު އެސްޓިމޭޓްތަކުން ދައްކާ ގޮތުން ބިލް ގޭޓްސްގެ މިލްކިއްޔާތުގައި 130 ބިލިއަން އެމެރިކާ ޑޮލަރު އެބަހުއްޓެވެ.

ބިލް އެންޑް މެލިންޑާ ގޭޓްސް ފައުންޑޭޝަން ނިސްބަތްކުރެވެނީ ދެމަފިރިންނަށެވެ. ދެމީހުން ވަރިވުމަށް ފަހު ވެސް ފައުންޑޭޝަން ހިންގުމުގައި ބައިވެރިވާނެ ކަމަށް ބުނެ އެވެ. ފައުންޑޭޝަން ހިންގުމުގައި ދެމީހުން ވަކިވަކިން ގެންގުޅޭނީ ކޮންކަހަލަ ސިޔާސަތެއް ކަމެއް އަދި ނޭނގެ އެވެ.

ބިލް އެންޑް މެލިންޑާ ގޭޓްސް ފައުންޑޭޝަންއިން އިންސާނިއްތަށް ވަރަށް ގިނައި އެހީވެ އެވެ. ދުނިޔެއިން މެލޭރިޔާ ނައްތާލުމާއި ޕޯލިއޯ އާއި ހިމަބިހި އަދި ދުނިޔެއަށް ނުރައްކާކުރާ ކޮވިޑް ފަދަ ބަަލިތަކުން އަރައިގަތުމަށް ވެކްސިނާއި ބޭސް އުފެއްދުމަށް މިލިއަނުން ހޭދަކުރެ އެވެ.

ބިލް ގޭޓްސް އާއި މެލިންޑާ އަކީ ނަމޫނާ ދެމަފިރިންގެ ގޮތުގައި ދުނިޔެ ދެކިގެން ތިއްބައި ވަރިވާން ކޯޓަށް ދިޔ ޚަބަރާއެކު ސިހުނު ސިހުން ފިލައިގެންދާން ދުވަސްތަކެއް ނަގާނެ އެވެ. މިދެމީހުން ވަރިވާން އުޅޭ ކަމަށް ގިނަ ބަޔަކަށް އަދި ވެސް ގަބޫލެއް ނުކުރެވެ އެވެ.