ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް ވެކްސިން

ރާއްޖެއަށް ވެކްސިން ލިބުން ދަތިވެއްޖެ

ރާއްޖެއަށް ވެކްސިން ލިބުން ދަތިވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

ރާއްޖެއަށް ވެކްސިން ލިބުމުގައި ދަތިވީ ދުނިޔޭގައި މިވަގުތު ކޮވިޑް-19ގެ ހާލަތު ގޯސްވަމުން އަންނާތީ އާއި ވަކިން ހާއްސަކޮށް ވެކްސިން އެންމެ ގިނައިން އުފައްދާ އިންޑިއާގެ ހާލަތު ގޯސްވެފައި ވާތީ ކަމަށް އެޗްޕީއޭ އިން ބުނެ އެވެ.

"އެހެން ގައުމުތަކެކޭ އެއްގޮތަށް ރާއްޖެއަށް ވެކްސިން ލިބުމުގައި ދަތިތަކެއް ކުރިމަތިވެފައިވޭ،" އެޗްޕީއޭ އިން ނެރެފައިވާ ބަޔާނެއްގައިވެ އެވެ.

ވެކްސިން ލިބުން ދަތިވެގެން އެޗްޕީއޭ އިން މިއަދު ވަނީ އިންޑިއާ އިން ގެންނަ ކޮވިޝީލްޑް ވެކްސިން ޖަހައިދިނުން ވަގުތީ ގޮތުން ހުއްޓާލާފަ އެވެ. ނަމަވެސް އެމަޖެންސީ ހާލަތްތަކުގައި ބަލި ހާލު ހުންނަ ގޮތުން ވެކްސިން ޖަހަން ޖެހިއްޖެ ހާލަތެއްގައި ޖަހައިދޭނެ ކަމަށް ބުނެފައިވެ އެވެ.

ވެކްސިން ލިބުން ދަތިވެފައިވީ ނަމަވެސް ކޮވިޝީލްޑް ވެކްސިންގެ އިތުރު ޝިޕްމެންޓެއް ހޯދުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށްވެސް އެޗްޕީއޭ އިން ބުނެ އެވެ. އެގޮތުން ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި އިތުރު ބެޗެއް ލިބޭނެ އިންތިޒާމްތައް ހަމަޖެއްސުމުގެ މައްސައްކަތް މިހާރުވެސް ހިނގަމުންދާ ކަމަށް ޔަގީންކޮށްދީފައިވެ އެވެ.

ރާއްޖޭގެ އާބާދީގެ 67.69 ޕަސެންޓަށް މިހާރު ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފަ އެވެ. 24.67 ޕަސެންޓްގެ އާބާދީ އަކަށް ވެކްސިންގެ ދެވަނަ ޑޯޒް ޖަހައިފަވާއިރު ބޮޑު އާބާދީއެއް ޖަހައިފައި ވަނީ ކޮވިޝީލްޑް ވެކްސިނެވެ.