ބޮލީވުޑް

ފިލްމެއް ކުޅެން ފަލަވާން ނަރްގިސް ދެކޮޅު

Nov 9, 2015

ބޮލީވުޑްގެ ގިނަ ތަރިންނަކީ ކުޅޭ ފިލްމުތަކުގެ ރޯލާއި އެއްގޮތަށް ހަށިގަނޑު ބައްޓަންކޮށް، ސިފައަށް ބޮޑެތި ބަދަލުތަކެއް ގެންނަ މީހުންނެވެ.

ބައެއް ފަހަރު ބަތަލާއިން ވެސް ކުޅޭ ރޯލަކާއި އެއްގޮތަށް ހަށިގަނޑުގެ ބަރުދަން އިތުރުކޮށް ނުވަތަ ލުއިކޮށް އުޅުނު ނަމަވެސް، ކުޅޭ އެއްވެސް ރޯލަކަށް ބަރުދަން އިތުރުކުރަން ބަތަލާ ނަރްގިސް ފަކްރީ ދެކޮޅުހަދަ އެވެ.

މިފަހުން ނޫސްތަކަށް ދިން އިންޓަވިއުއެއްގައި ނަރްގިސް ވަނީ އޭނާ ކުޅޭ ރޯލަކަށް ފަލަވާން ޖެހިއްޖެނަމަ އެކަމެއް އޭނާ އަކަށް ނުވާނެ ކަމަށް ބުނެފަ އެވެ.

ނަރްގިސް، 26، ބުނެފައިވާ ގޮތުގައި ކުޅޭ ރޯލާއި އެއްގޮތަށް ބަރުދަން އިތުރުކޮށް، ލުއިކުރުމަކީ ބަތަލާއިންނަށް ވުރެން ބަތަލުން ކުރާ ކަމެއް ކަމަށެވެ. އަދި އޭނާ އަކީ ވަރަށް ދުޅަހެޔޮކޮށް ހުންނަން ލޯބިކުރާ ތަރިއަކަށް ވުމުން އެއްވެސް ފިލްމަކަށް ބަރުދަން އިތުރުކޮށް، ފަލަ ނުވެނޭ ކަމަށް ބުނަމުން ނަރްގިސް ބުންޏެވެ.

މަޝްހޫރު ބަތަލާއިންގެ ތެރެއިން ވިދްޔާ ބާލަން އާއި ރާނީ މުކަރްޖީ ވަނީ ބައެއް ފިލްމުތައް ކުޅުމަށް ބަރުދަން އިތުރުކޮށްފަ އެވެ. އަދި ބަތަލުންގެ ތެރޭގައި އާމިރް ޚާން މިހާރު ކުޅެމުން އަންނަ "ޑަންގާލް" އަށް ބަރުދަން 90 ކިލޯ އަށް ވުރެން މައްޗަށް ޖައްސާލާފައިވާއިރު، ސަލްމާން ޚާން ވެސް އަންނަނީ ދެން އެންމެ އަވަހަށް ކުޅެން ފަށާ "ސުލްތާން" އަށް ބަރުދަން އިތުރު ކުރަމުންނެވެ.

އެމެރިކާސް ނެކްސްޓް ޓޮޕް މޮޑެލް އިން މަޝްހޫރުވި، ނަރްގިސް ބޮލީވުޑަށް ތައާރަފުވެފައިވަނީ 2011 ވަނަ އަހަރު ނިކުތް "ރޮކްސްޓާ" އިންނެވެ. އޭގެފަހުން ނަރްގިސް އަކީ ބޮލީވުޑްގެ އެންމެ ފިޓް ބަތަލާއިންގެ ތެރޭގައި ހިމެނޭ ތަރިއެކެވެ.

ނަރްގިސް މިވަގުތު އަންނަނީ ކުރީގެ މަޝްހޫރު ކްރިކެޓް ތަރި މުހައްމަދު އަޒްހަރުއްދީންގެ ހަޔާތުގެ މައްޗަށް އުފައްދާ ފިލްމު "އަޒްހަރު"ގެ މަންޒަރުތައް ނަގަމުންނެވެ.

މިފިލްމުގައި ނަރްގިސް އާއެކު ފެނިގެންދާނީ އިމްރާން ހާޝިމީ އާއި ޕްރާޗީ ދޭސާއީ އެވެ.