ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދަރުމަވަންތަ ހޮސްޕިޓަލް

ދަރުމަވަންތަ ފުރިއްޖެ، އެޗްއެމްއެފް ފުރުމާ ގާތަށް

ކޮވިޑް-19 ގެ އެންމެ ހާލުބޮޑު ބަލި މީހުންނަށް ފަރުވާ ދިނުމަށް ދިވެހިންގެ މައި ހޮސްޕިޓަލް ދަރުމަވަންތާގެ 11 ވަނަ ފްލޯގައި ގާއިމުކޮށްފައިވާ އައިސީޔޫ ފުރިއްޖެ އެވެ.

އެޗްއީއޯސީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބުރޫކް އަޒީޒު ވިދާޅުވީ ދަރުމަވަންތާގައި ގާއިމުކޮށްފައިވާ އައިސީޔޫ ޔުނިޓްގައި ނުވަ ބެޑް ހުންނައިރު ނުވަ މީހަކު އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާ ކަމަށެވެ. އޭގެ ތެރެއިން ހަ މީހަކު އޮތީ ވެންޓިލޭޓަރުގައެވެ.

މީގެ އިތުރުން 181 މީހަކަށް އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާއިރު ހުޅުމާލެ މެޑިކަލް ފެސިލިޓީވެސް ފުރުމާ ގާތުގައިވާ ކަމަށް މަބުރޫކް ވިދާޅުވިއެވެ.

ވެންޓިލޭޓަރަށްލާ މީހުން އާންމު ގޮތެއްގައި ދެ ހަފްތާއަށްވުރެ ގިނަ ދުވަހު ވެންޓިލޭޓަރުގައި ބާއްވަން ޖެހޭއިރު ކޮވިޑް ޖެހޭ މީހުންގެ ތެރެއިން އިތުރު ބައެއްގެ ހާލު ސީރިއަސްވެ ވެންޓިލޭޓަރަށްލާން ޖެހިއްޖެނަމަ ރާއްޖެ ނުރައްކާތެރި ހާލަތަކަށް ވެއްޓޭނެ އެވެ.

އައިސީޔޫގައި ފަރުވާ ދެމުންދާ މީހުންގެ ތެރެއިން އެކަކީ މާބަނޑު މީހެކެވެ. މިއީ މާބަނޑު މީހަކަށް ކޮވިޑް ޖެހި ހާލު ސީރިއަސްވި ފުރަތަމަ ފަހަރެވެ. ދިވެހިންގެ މައި ހޮސްޕިޓަލް ދަރުމަވަންތައިގެ 16 ވަނަ ފަންގިފިލާގައި ކޮވިޑް ޖެހޭ މާބަނޑު މީހުންނަށް ހާއްސަ ޔުނިޓެއް ވަނީ ގާއިމުކޮށްފައެވެ.

ޑޮކްޓަރު މުހައްމަދު އަލީ ވިދާޅުވީ މާބަނޑު މީހުންނަކީ މީގެ ކުރީން ކޮވިޑްގެ ހައި ރިސްކު ކެޓަގަރީގައި ހިމެނޭ ބައެއް ނޫން ނަމަވެސް މި ކޭސްއާއެކު ހާލަތު ބަދަލުވެފައިވާ ކަމަށެވެ.

ކޮވިޑް ޖެހޭ މީހުންގެ އަދަދު ބޮޑުތަނުން އިތުރުވަމުންދާއިރު މިއަދުވެސް 601 މީހަކަށް ބަލިޖެހިފައިވެއެވެ. މިއަދަކީ ރާއްޖެއިން އެންމެ ގިނަ ބަޔަކު ކޮވިޑަށް ޕޮޒިޓިވްވި ދުވަހެވެ. މިއަދު ޕޮޒިޓިވްވި މީހުނާއެކު ރާއްޖޭގެ ކޮވިޑް ނަންބަރު ވަނީ 31،931 އަށް އަރާފަ އެވެ.

މިވަގުތު ރާއްޖޭގައި ކޮވިޑުން ރަނގަޅު ނުވެ ތިބީ 6،508 މީހުންނެވެ. މިހާތަނަށް 25،340 މީހުން ވަނީ ކޮވިޑުން ރަނގަޅުވެފަ އެވެ. މިވަގުތު ވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް 181 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.

ކޮވިޑް ޖެހިގެން ރާއްޖެއިން މިހާތަނަށް މަރުވީ 74 މީހެކެވެ.