ކޮވިޑް-19 އިން ދިފާއުވުމަށް ޖަހަމުންދާ ވެކްސިންގެ ތެރެއިން ރާއްޖޭގައި މިވަގުތު ވެކްސިން ހުރި މިންވަރު ސަރުކާރުން ސާފުކޮށްދީފި އެވެ.
ރާއްޖޭގައި ތިން ބްރޭންޑެއްގެ ވެކްސިން ދަނީ ޖަހަމުންނެވެ. އެއީ އިންޑިއާގައި އުފައްދާ ކޮވިޝީލްޑް ވެކްސިނާއި ޗައިނާގައި އުފައްދާ ސިނޯފާމް އަދި ފައިޒާ ވެކްސިނެވެ.
ރާއްޖޭގެ ގިނަ ބަޔަކު ޖަހާފައިވަނީ ކޮވިޝީލްޑްގެ ފުރަތަމަ ޑޯޒް ނަމަވެސް މިވަގުތު ކޮވިޝީލްޑް ވެކްސިން ދިނުން ވަނީ ހުއްޓާލާފަ އެވެ. އެއީ ވެކްސިން ހުސްވެ ވެކްސިން ލިބޭނެ ދުވަހެއް އަދި ޔަގީން ނުވާތީ އެވެ.
ވެކްސިން ދިނުން މިއަދު ހުއްޓާލުމާއި ހަމައަށްވެސް ސަރުކާރުން ވަނީ ވެކްސިން ދިނުން މެދުނުކެނޑި ކުރިއަށް ގެންދާނެ ކަމަށް ބުނެފަ އެވެ. އަދި ރާއްޖޭގައި މިވަގުތު ކޮވިޝީލްޑް ވެކްސިން ހުރި މިންވަރު ސާފުކޮށްދޭން ވެސް ސަރުކާރުން ދެކޮޅު ހެދި އެވެ.
އެންއީއޯސީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު މަބުރޫކް އަޒީޒު ވަނީ މިވަގުތު ރާއްޖޭގައި ވެކްސިން ހުރި މިންވަރު ހާމަކޮށްދެއްވާފަ އެވެ.
މަބުރޫކް ވިދާޅުވީ ކޮވިޝީލްޑްގެ ހުރީ 1،700 ޑޯޒް ކަމަށެވެ. ވެކްސިން ދިނުން މެދުކަނޑާލި ނަމަވެސް ކޮންމެހެން ވެކްސިން ދޭންޖެހޭ މީހުންނަށް އެ ޑޯޒްތަކުން ވެކްސިން ދޭނެ އެވެ.
ސިނޯފާމްގެ 137،000 ޑޯޒް އެބަހުއްޓެވެ. އެ ވެކްސިންގެ ފުރަތަމަ އަދި ދެވަނަ ޑޯޒް ޖެހުން މިހާރުވެސް ކުރިއަށް ގެންދެ އެވެ. މާލޭގައި އާޓް ގެލަރީގައި އާއި ވިލިމާލޭގަައި ޔޫތު ސެންޓަރު އަދި ހުޅުމާލޭގައި ޓްރީޓޮޕް ހޮސްޕިޓަލްގައި ސިނޯފާމް ވެކްސިން ޖަހައިދޭނެ އެވެ.
ހާއްސަ ބަލިތަކަށް ފަރުވާ ހޯދަމުންދާ މީހުންނަށް ފައިޒާ ވެކްސިން ދެމުންދާއިރު ފައިޒާގެ 4،600 ޑޯޒް އެބަހުއްޓެވެ. އެ ވެކްސިން މިހާތަނަށް 1400 މީހުން ޖަހާފައިވާއިރު ދެވަނަ ޑޯޒް ޖަހަން ޖެހުމުން އެޗްޕީއޭއިން ގުޅާނެ ކަމަށްވެސް މަބުރޫކް ވިދާޅުވި އެވެ. މީގެ އިތުރުން ބާކީ ހުރި ވެކްސިން ޖެހުމަށް ބޭނުންވާ އެ ވެކްސިން ޖެހޭ ކެޓަގަރީއަށް ފެތޭ މީހުން ރަޖިސްޓްރީ ވުމަށްވެސް އޭނާ ވަނީ އެދިފަ އެވެ.
މަބުރޫކް ވަނީ ވެކްސިން ސްޓޮކްގެ މައުލޫމާތު ހާމަނުކޮށް ފަސްކުުރުމަކީ ގޯހެއް ކަމަށް އެއްބަސްވެވަޑައިގެންފަ އެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ވެކްސިން ސްޓޮކް ހާމަކުރަމުން ގެންދާނެ ކަމަށް ވިދާޅުވި އެވެ.