ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
މުހައްމަދު މަބްރޫކް އަޒީޒް

ވެކްސިން ހުރި މިންވަރު ހާމަ ނުކުރުމަކީ ހެދުނު ގޯހެއް: ސަރުކާރު

ކޮވިޑް-19 އިން ދިފާއު ވުމަށް ޖަހާ ވެކްސިންގެ ތެރެއިން ރާއްޖޭގައި މިވަގުތު ވެކްސިން ހުރި މިންވަރު ސާފުކޮށް ނުދީ ފަސް ކުރުމަކީ ހެދިފައިވާ ގޯހެއް ކަމަށް ސަރުކާރުން އެއްބަސް ވެއްޖެ އެވެ.

ރާއްޖޭގައި ތިން ބްރޭންޑެއްގެ ވެކްސިން ޖަހަ އެވެ. އެއީ އިންޑިއާގައި އުފައްދާ ކޮވިޝީލްޑް ވެކްސިނާއި ޗައިނާގައި އުފައްދާ ސިނޯފާމް އަދި ފައިޒާ ވެކްސިނެވެ.

ރާއްޖޭގެ ގިނަ ބަޔަކު ޖަހާފައި ވަނީ ކޮވިޝީލްޑްގެ ފުރަތަމަ ޑޯޒް ނަމަވެސް މިވަގުތު ކޮވިޝީލްޑް ވެކްސިން ދިނުން ވަނީ ހުއްޓާލާފަ އެވެ. އެއީ ވެކްސިން ހުސްވެ ވެކްސިން ލިބޭނެ ދުވަހެއް އަދި ޔަގީން ނުވާތީ އެވެ. ވެކްސިން ދިނުން އިއްޔެ ހުއްޓާލުމާއި ހަމައަށް ވެސް ސަރުކާރުން ވަނީ ވެކްސިން ދިނުން މެދުނުކެނޑި ކުރިއަށް ގެންދާނެ ކަމަށް ބުނެފަ އެވެ. އަދި ރާއްޖޭގައި މިވަގުތު ކޮވިޝީލްޑް ވެކްސިން ހުރި މިންވަރު ސާފުކޮށް ދޭން ވެސް ސަރުކާރުން ދެކޮޅު ހެދި އެވެ.

ސަރުކާރުގެ ތަރުޖަމާނު މުހައްމަދު މަބުރޫކް އަޒީޒު ރޭ ވިދާޅުވީ ވެކްސިން ހުރި އަދަދު ހާމަ ނުކޮށްގެން މީޑިއާގައި އާންމުން ފާޅުކުރި ކަންބޮޑުވުންތައް ބަލައިގަންނަ ކަމަށެވެ. އަދި ވިދާޅުވީ ކޮވިޑުން ރައްކާތެރިވުމަށް ކުރެވޭ މަސައްކަތަކާއި މީޑިއާ އާއި ރައްޔިތުން އަދި ސަރުކާރުން ގުޅިގެން ކުރާ ކަމެއް ކަމުން ސަރުކާރާއި ރައްޔިތުން އަދި މީޑިއާގެ މެދުގައި އިތުބާރު އޮންނަން ވާނެ ކަމަށެވެ.

މަބުރޫކް ވަނީ ކުރިއަށް އޮތްތާ އެ މައުލޫމާތު ހާމަކުރައްވާނެ ކަމުގެ ޔަގީން ކަން ދެއްވާފައެވެ.

"މި އަދަދުތައް ކުރީންސުރެ ހާމަ ނުކުރެވި ހުރުމާއި ގުޅިގެން ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށް މީޑިއާވެސް އަދި އާންމު ރައްޔިތުންގެ ތެރެއިންވެސް ވޭ. އަޅުގަނޑު ދަންނަވަން ބޭނުން އެކަން އަޅުގަނޑުމެން ބަލައިގަންނަން. ތިބޭފުޅުންނާއި އާންމު ރައްޔިތުންނާއި ސަރުކާރުން ގުޅިގެން މި މަސައްކަތް ކުރާކަމުގައިވާނަމަ އެ އިތުބާރު އޮންނަންވާނެ. މި އަދަދުތައް ތިބޭފުޅުންނަށް ހާމަކޮށް ފެންނަން ހުންނަންވާނެ. އަދި އިދާރަކުރެއްވިއްޔާ ކުރިއަށް ހުރި ދުވަސްތަކުގައި ސްޓޮކްތަކަށް އަންނަ ބަދަލުތައް ސާފުކޮށް ކިޔައިދޭނަން،" މަބުރޫކް ވިދާޅުވި އެވެ.

މަބުރޫކް ވަނީ ރާއްޖޭގައި ކޮވިޑް ވެކްސިން މިހާރު ހުރި މިންވަރު ވެސް ރޭ ހާމަކޮށްފަ އެވެ.

މަބުރޫކް ވިދާޅުވި ގޮތުގައި ކޮވިޝީލްޑްގެ ހުރީ 1،700 ޑޯޒެވެ. ވެކްސިން ދިނުން މެދުކަނޑާލި ނަމަވެސް ކޮންމެހެން ވެކްސިން ދޭންޖެހޭ މީހުންނަށް އެ ޑޯޒްތަކުން ވެކްސިން ދޭނެ އެވެ.

ސިނޯފާމްގެ 137،000 ޑޯޒް އެބަހުއްޓެވެ. އެ ވެކްސިންގެ ފުރަތަމަ އަދި ދެވަނަ ޑޯޒް ޖެހުން މިހާރު ވެސް ކުރިއަށް ގެންދެ އެވެ. މާލޭގައި އާޓް ގެލަރީގައި އާއި ވިލިމާލޭގަައި ޔޫތު ސެންޓަރު އަދި ހުޅުމާލޭގައި ޓްރީޓޮޕް ހޮސްޕިޓަލްގައި ސިނޯފާމް ވެކްސިން ޖަހައިދެ އެވެ.

ހާއްސަ ބަލިތަކަށް ފަރުވާ ހޯދަމުންދާ މީހުންނަށް ފައިޒާ ވެކްސިން ދެމުންދާއިރު ފައިޒާގެ 4،600 ޑޯޒް އެބަހުއްޓެވެ. އެ ވެކްސިން މިހާތަނަށް 1400 މީހުން ޖަހާފައިވާއިރު ދެވަނަ ޑޯޒް ޖަހަން ޖެހުމުން އެޗްޕީއޭއިން ގުޅާނެ ކަމަށް ވެސް މަބުރޫކް ވިދާޅުވި އެވެ. މީގެ އިތުރުން ބާކީ ހުރި ވެކްސިން ޖެހުމަށް ބޭނުންވާ އެ ވެކްސިން ޖެހޭ ކެޓަގަރީއަށް ފެތޭ މީހުން ރަޖިސްޓްރީ ވުމަށް ވެސް އޭނާ ވަނީ އެދި ވަޑައިގެންފަ އެވެ.