ޗައިނާގެ ޒިޖިއަންގްގެ ފިރިހެނަކު އޭނާގެ ދެ އަހަރުގެ ފިރިހެން ދަރިފުޅު ވިއްކާލައިފި އެވެ. ކުއްޖާ ވިއްކާލާފައި ލިބުނު ފައިސާ މި މީހާ ބޭނުން ކުރީ ކުއްޖާގެ މަންމަ ނޫން އެހެން މީހަކާ ކައިވެނިކޮށްގެން އެ މީހާ އާއެކު މުޅި ޗައިނާގެ ދަތުރުކޮށްލާށެވެ.
މި ހާދިސާގެ ހަބަރު ޗައިނާ ފުލުހުންނަށް ލިބުމުން މިހާރު ވަނީ މި މީހާ ހޯދައި ހައްޔަރު ކޮށްފަ އެވެ.
ޒީޖިއަންގް ލީގަލް ޑެއިލީގައިވާ މި ޚަބަރުގައިވާ ގޮތުން ޒީ ނަމަކަށް ކިޔާ މި ފިރިހެންމީހާ ކުއްޖާ ވިއްކާލީ އެ ކުއްޖާގެ މަންމަ ވަރިކުރުމަށްފަހު ކޯޓުން ކުއްޖާ ބެލެހެއްޓުން ޒީ އާ ހަވާލު ކުރުމުންނެވެ. ޖިއާޖިއާ ވަނަމަކަށް ކިޔާ ދެ އަހަރުގެ މި ކުޑަކުއްޖާގެ މަންމަ އަކީ ޒީ ދެ ވަނަ އަށް ކައިވެނި ކުރި އަންހެނެކެވެ. ކައިވެނި ކުރީއްސުރެ ދެ މީހުން އަރާރުން ވަމުން އައިސް އެންމެ ފަހުން ޒީ އެ އަންހެންމީހާ ވަރިކުރީ އެވެ. ވަރިކުރިއިރު ކުއްޖަކު ލިބިފައިވާތީ ކޯޓުގައި މައްސަލަ ޖެއްސުމުން ކޯޓުން ޒީ އާ ދަރިފުޅު ބެލުން ހަވާލުކުރީ އެވެ. މަންމަ އާ ބެލުން ހަވާލުކުރީ އެ ދެ މީހުންނަށް ލިބިފައި ހުރި އަންހެން ކުއްޖެކެވެ.
ކުއްޖާ ވިއްކާލީ އޭނާ ބެލުން ބޮޑު ބުރަޔަކަށް ވެގެން ނުބަލަން ވެގެން ކަމަށް ޒީ ބުނެފައި ވެއެވެ.
ކުއްޖާގެ ކޯޓުން ޒީ އާ ހަވާލު ކުރިޔަސް އޭނާއަކީ އެހެން ޝަހަރެއްގައި މަސައްކަތްކުރާ މީހަކަށް ވާތީ ވަޒީފާ ދޫކޮށްލާފައި ކުއްޖާ ބަލަން ހުރެވޭނެ ގޮތެއް ނެތުމުން ޒީ އޭނާގެ ބޭބެއަކާއި އާއިލާގެ މީހުންނާ ކުއްޖާ ހަވާލު ކުރީ އެވެ. އެމީހުން ކައިރީގައި ހުއްޓާ މިދިޔަ މަހު ޒީ އައިސް ކުއްޖާ ގެންދިޔައީ އެވެ. ކުއްޖާގެ މަންމަ އޭނާ ދެކެން ބޭނުން ވާތީ ކަމަށް ބުނެފަ އެވެ.
ކުއްޖާ ގެންދިޔަތާ އެތައް ދުވަހެއް ވީއިރުވެސް އަނބުރާ ނުގެނެސްގެން ފުލުހުންނަށް އެ މައްސަލަ ހުށަހެޅީ ކުއްޖާ ބަލަމުންދިޔަ ޒީގެ ބޭބެ އެވެ.
ޒީ އެ ކުއްޖާ ޗަންގްސޫ ސިޓީގައި ދިރިއުޅޭ ދަރިން ނުލިބޭ ދެމަފިރިއަކަށް ވިއްކާލިކަން އެނގުނީ ފުލުހުން ކުރި ތަހުގީގުންނެވެ. އެ ކުއްޖާ ވިއްކާނީ 158،000 ޔުއާން އަށެވެ. އެއީ ގާތްގަނޑަކަށް 24،500 ޔޫއެސް ޑޮލަރެވެ. މި ފައިސާ ޒީ ބޭނުންކޮށްފައިވަނީ އެހެން މީހަކާ ކައިވެނިކޮށްގެން އަލަށް ކައިވެނިކުރި މީހާ ގޮވައިގެން ޗައިނާގެ އެކި ރަށްތައް ބަލާލަން ދަތުރުކުރާށެވެ.
ޗައިނާ ފުލުހުން މިހާރު ވަނީ ކުޑަ ކުއްޖާ ހޯދައި އެ ކުއްޖާގެ ބޮޑުބޭބެ އާ ހަވާލުކޮށްފަ އެވެ. އަދި ޒީގެ ދެމަފިރިންގެ މައްޗަށް ދައުވާ ކުރަން ވަނީ ނިންމާފަ އެވެ.
ދަރިން ވިއްކުމުގެ ވަރަށް ގިނަ ހާދިސާތައް ފާއިތުވީ އަހަރުތަކުގައި ޗައިނާގައި ހިނގާފައި ވެއެވެ. އެގޮތުން އިންޓަނެޓުގައި ކުއްޖަކު ވިއްކަން އުޅުނު ޗައިނާ މީހަކު ވެސް ދާދިފަހުން އެ ގައުމުގެ ފުލުހުން ހައްޔަރުކޮށްފައި ވެއެވެ. އަދި އައިފޯނަކާއި މޮޓޯބައިކެއް ގަންނަން ވެގެން 19 އަހަރުގެ މީހަކު އޭނާއަށް އަލަށް ލިބުނު އަންހެންދަރިއަކު ވިއްކާލި ކަން ވެސް ފަޅާ އަރާފައި ވެއެވެ.