ރައީސް އޮފީސް

ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީއަކަށް ހަމްދާން

ރައީސް އޮފީހުގެ ޕޮލިސީ ސެކެޓްރީއަކަށް އެ އޮފީހުގެ އަންޑާ ސެކެޓްރީގެ މަގާމުގައި ހުންނެވި އަހުމަދު ހަމްދާން އައްޔަން ކުރައްވައިފި އެވެ.

ޕޮލިސީ ސެކެޓްރީއަކަށް ހަމްދާން އައްޔަން ކުރެއްްވީ ކުރިން އެ މަގާމުގައި ހުންނެވި އާމިނަތު ޝައުނާ އެންވަޔަމަންޓް، ކްލައިމެޓް ޗޭންޖް އަދި ޓެކްނޮލޮޖީ މިނިސްޓަރުގެ މަގާމަށް މިއަދު އައްޔަން ކުރެއްވުމާ ގުޅިގެން ނެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ހަމްދާނަށް މަގާމުގެ ލިޔުން ދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

ހަމްދާން އަންޑާ ސެކެޓްރީގެ މަގާމު ފުރުއްވަން ފެއްޓެވީ 2018 ވަނަ އަަހަރު އެވެ. އޭނާ ވަނީ ޕޮލިޓިކަލް ސައިންސްގެ ދާއިރާއިން އޮސްޓްރޭލިއަން ނެޝެނަލް ޔުނިވާސިޓީން ބެޗެލާސް ޑިގްރީ ހާސިލް ކުރައްވައި އަދި ޔުނިވާސިޓީ އޮފް މެންޗެސްޓާގައި އިލެކްޝަންސް އެންޑް ޑިމޮކްރަސީއިން މާސްޓާސް ޑިގްރީއެއް ހާސިލް ކުރައްވައިފަ އެވެ. މީގެ ކުރިން ޔޫއެންޑީޕީގައި ޕްރޮޖެކްޓް ކޯޑިނޭޓަރެއްގެ ވަޒީފާއާއި އަދި ގައުމީ ޔުނިވާސިޓީގައި ޕާޓް ޓައިމް ލެކްޗަރާއެއްގެ ވަޒީފާ ފުރުއްވެވި އެވެ.