މިނިސްޓްރީ އޮފް ޖެންޑާ އެންޑް ފެމިލީ

ޖެންޑާގެ ދެ ވެރިން ހެލްތު މިނިސްޓްރީއަށް

މިނިސްޓަރު އޮފް ސްޓޭޓް ފޯ ހެލްތުގެ މަގާމަށް އައިޝަތު ރަޝީދު އަދި މިނިސްޓަރު ފޯ ހެލްތުގެ ނައިބުގެ މަގާމަށް އަބްދުއްޝުކޫރު އަބްދުލްހަކީމް އައްޔަން ކުރައްވައިފި އެވެ.

ސަރުކާރުގެ އެކި މަގާމުތަކަށް ބަދަލު ގެންނަމުންދާ މި ދަނޑިވަޅުގައި ހެލްތަށް ބަދަލު ކުރެއްވި ސްޓޭޓް މިނިސްޓަރާއި ނައިބަކީ ކުރީން ޖެންޑާ މިނިސްޓްރީގައި އެ މަގާމުތަކުގައި ތިއްބެވި ބޭފުޅުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ޅ) އިން ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ ވާޖިބު އަދާކުރެއްވުމަށްޓަކައި ބޭނުންފުޅުވާ މަގާމުތަކަށް މީހުން އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން މިނިސްޓަރު އޮފް ސްޓޭޓް ފޯ ހެލްތުގެ މަގާމަށް އައިޝަތު ރަޝީދު އަދި މިނިސްޓަރު ފޯ ހެލްތުގެ ނައިބުގެ މަގާމަށް އަބްދުއްޝުކޫރު އަބްދުލްހަކީމް އައްޔަން ކުރައްވާފައިވާ ކަމަށެވެ.

ޖެންޑާގެ ދެ ވެރިން ހެލްތަށް ބަދަލުކޮށްފައި ވަނީ ޖެންޑާ މިނިސްޓްރީގައި ބޮޑެތި ހިޔާލު ތަފާތުވުންތަކެއް އުފެދި މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ އާއި އެ މިނިސްޓްރީގައި ސިޔާސީ މަގާމުތަކުގައި ތިއްބެވި އެހެން ވެރިންނާއި ވަރަށް ބޮޑަށް ގުޅުން ގޯސްވެފައިވާ ވަގުތެއްގައެވެ.