ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވެންޓިލޭޓަރު ހިޔާނާތް

އެގްރިމަންޓްގައި ސޮއި ފޯޖްކޮށްފައިވޭ: ޝިޔާމާ

ކޮވިޑް-19 އާއި ގުޅިގެން ރާއްޖެއަށް ބޭނުންވާ ވެންޓިލޭޓަރު ހޯދަން މިނިސްޓްރީ އޮފް ހެލްތާއި ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ދެމެދު އެކުލަވާލި އެއްބަސްވުމުގައި ފޯޖް ކޮށްފައިވާ ސޮއި ބޭނުންކޮށްފައިވާ ކަމަށް އެ އެއްބަސްވުމުގައި ސޮއި ކުރެއްވި ހެލްތު މިނިސްޓްރީގެ ކުރީގެ ނާއިބު ޝިޔާމާ މުހައްމަދު ވިދާޅުވެއްޖެ އެވެ.

ވެންޓިލޭޓަރު މުއާމަލާތާ ގުޅުންހުރި ހިޔާނާތުގެ މައްސަލަތައް ބެލުމަށްފަހު ޝިޔާމާ އިއްޔެ ވަނީ މަގާމުން ވަކިކޮށްފަ އެވެ. އެހެންކަމުން ޝިޔާމާ މިއަދު ވަނީ އޭނާ އަށް ކުރެވޭ ތުހުމަތުތަކާއި އަމާޒުވާ ފާޑުކިޔުންތަކަށް ފުރަތަމަ ފަހަރަށް ޖަވާބު ދެއްވާފަ އެވެ.

އެގޮތުން ޝިޔާމާ މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ވެންޓިލޭޓަރުގެ އެއްބަސްވުމުގައި ސޮއިކުރެއްވުމުގެ ކުރިން އެ އެއްބަސްވުމުގެ އަގުގެ ޖުމްލަ ފައިސާގެ 90 ޕަސަންޓް އެކުންފުންޏަށް ދީފައިވާ ކަން އެއްވެސް ވަރަކަށް އެނގިވަޑައިގެންފައި ނުވާ ކަމަށެވެ. އެހެންކަމުން އެހާ ބޮޑު މާލީ މުއާމަލާތެއް ހަދާއިރު ދެފަރާތުގެ މެދުގައި އެއްބަސްވުމެއް ނެތި ފައިސާ ފޮނުވުމަކީ، ފިނޭންސް މިނިސްޓްރީގެ އިހްމާލެއް ކަން ފާހަގަކުރެއްވި އެވެ. ހަމަ އެހެންމެ އެ މައްސަލައިގައި މަގާމުން ވަކިކުރުމަކީ ވެންޓިލޭޓަރުތައް ނުލިބުމުން ދައުލަތަށް ލިބުނު ގެއްލުމުގެ ބަދަލުގެ ހައްލެއް ކަމުގައި ދެކެވަޑައިނުގަންނަވާ ކަމަށެވެ.

"މިބޮޑު މުޢާމަލާތް ފެށިގެން ނިމުމާއި ހަމައަށް ވެސް މީގައި މަސައްކަތް ކުރި އެކި ފަންތީގެ މުވައްޒިފުން ހިމެނޭ ގޮތުން އެކަށީގެންވާ ތަހުގީގެއް ހިންގަން ޖެހޭނެ ކަމަށް އަޅުގަނޑު ދެކެމެވެ. އެއްބަސްވުމަކީ، މުއާމަލާތެއްގެ ބައިވެރިން އަމަލުކުރަން ހެދޭ ލިޔުމަކަށް ވާއިރު، އެއާ ނުލައި ފައިސާ ދޫކުރުމަކީ ސަރުކާރުގެ ފައިސާ އާއި މުދަލަށް އިހްމާލު ވުމެވެ." ބަޔާނުގައިވެ އެވެ.

ޝިޔާމާ ވިދާޅުވީ ވެންޓިލޭޓަރުގެ އެގްރިމަންޓްގައި ސޮއިކުރެއްވި ކަމަށާއި ނަަމަވެސް އޭނާ އަށް ލިބިވަޑައިގެންނެވި މެއިލްގެ ކޮޕީގައި އޮތް އޭނާގެ ސޮޔަކީ ފޯޖްކޮށްފައި އޮތް ސޮއެއް ކަމަށެވެ. ނަމަވެސް އެކަން ފުލުހުންނަށް ހުށަހެޅުމުން އެ މައްސަލަ ބަލައިނުގަނެ ބޭރުކޮށްލި ކަމަށެވެ. އަދި އެންޓި ކޮރަޕްޝަން ކޮމިޝަންގެ ތަހުގީގުގައި އެކަމާ ގުޅޭ ގޮތުން ތަކުރާރުކޮށް ވާހަކަދައްކަވާފައިވާނެ ކަމަށެވެ. އެެހެންކަމުން މައްސަލައިގެ ފުރިިހަމަ ޖިނާއީ ތަހުގީގެއް ހިންގުމަށް އޭނާ ވަނީ ކަމާ ގުޅޭ އިދާރާތަަކަށް ގޮވާލައްވާފަ އެވެ. އަދި އެފަދަ ތަހުގީގަކަށް ފުރިހަމައަށް އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަން ދެއްވި އެވެ.

ވެންޓިލޭޓަރުގެ މައްސަލާގައި ޝިޔާމާ އާއި އެކު އެއްބަސްވުމުގައި ސޮއިކުރެއްވި ހެލްތު މިނިސްޓްރީގެ ކުރީގެ ނައިބް ނިޝާމާ މުހައްމަދު ވެސް މިހާރު ވަނީ މަގާމުން ވަކިކޮށްފަ އެވެ. އެއްބަސްވުމާ އެއްގޮތަށް ވެންޓިލޭޓަރުތައް ފޯރުކޮށްދީފައި ނުވާތީ އެ އެގްރިމަންޓްވެސް މިހާރު ވަނީ ބާތިލްކޮށްފަ އެވެ.

ވެންޓިލޭޓަރު ފޯރުކޮށްދިނުމަށް ދުބާއީގެ އެގްޒެކިއުޓާސް ކުންފުންޏާ އެކު ހެލްތު މިނިސްޓްރީން އެއްބަސްވުމުގައި ސޮއި ކުރީ އޭޕްރީލް 2، 2020 ގައެވެ. އެއްބަސްވުމުގައި ވަނީ އެޑްވާންސް ޕޭމަންޓް ހަދާތާ 29 މަސައްކަތު ދުވަހުގެ ތެރޭގައި މުދާ ފޯރުކޮށްދިނުމަށެވެ. ނަމަވެސް އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ގޮތަށް 75 ވެންޓިލޭޓަރު ފޯރުކޮށްދޭން އޮތް ނަމަވެސް މިހާތަނަށް ލިބިފައިވަނީ އެންމެ 15 ވެންޓިލޭޓަރެވެެ. ވެންޓިލޭޓަރު ގެންނަން ދުބާއީގެ ކުންފުންޏަށް ވަނީ އެޑްވާންސްގެ ގޮތުގައި 30.91 މިލިއަން ރުފިޔާ ދީފަ އެވެ.

ވެންޓިލޭޓަރުގެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނުން ނިންމައި 12 މީހެއްގެ މައްޗަށް ދައުވާ ކުރަން ޕްރޮސިކިއުޓާ ޖެނެރަލް އޮފީހަށް ދެ ފަހަރު ފޮނުވުމުން ވެސް ހެކި ނެތްކަމަށް ބުނެ ޕީޖީން ނިންމާފައިވަނީ ދައުވާ ނުކުރާށެވެ. ނަަމަވެސް މަޖިލީހުގައި ހިމެނޭ އެމްޑީޕީގެ ބައެއް މެމްބަރުން ދޫނުދެއްވުމުން އެ މައްސަލަ އަނެއްކާ ވެސް ރިވިއު ކުރަން ޕީޖީން ވަނީ ފައްޓަވާފަ އެވެ