ޑރ. މުހައްމަދު ޖަމީލް އަހުމަދު

ވުޒާރާތައް އުފައްދައި އުވާލަނީ ސިޔާސަތެއް އޮވެގެނެއް ނޫން: ޖަމީލް

މި ސަރުކާރުން މިނިސްޓްރީތައް އުފައްދާ އުވާލަނީ އެއްވެސް ސިޔާސަތެއް އޮވެގެން ނޫންކަން ހާމެވެފައިވާ ކަމަށް ވިދާޅުވެ ކުރީގެ ނާއިބު ރައީސް އަދި އިދިކޮޅު ކޯލިޝަންގެ އެޑްވައިޒަރު ޑރ. މުހައްމަދު ޖަމީލް އަހުމަދު، ސަރުކާރުގެ ނިންމުންތަކަށް ފާޑުވިދާޅުވެއްޖެ އެވެ.

ސަރުކާރު ހިންގުމަށް ގެންނަވާ ބަދަލުތަކުގެ ތެރެއިން ބައެއް މިނިސްޓްރީތަކުގެ ވެރިން އަދި ސްޓޭޓް މިނިސްޓަރުންނާއި ޑެޕިއުޓީ މިނިސްޓަރުން ވަނީ އެއް މިނިސްޓްރީން އަނެއް މިނިސްޓްރީއަށް ބަދަލު ކުރައްވާފައެވެ. އަދި ސައިންސް މިނިސްޓްރީ އުވާލައްވާ އެންވަޔަރަންމަންޓް މިނިސްޓްރީގެ ނަން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީގެ ނަމަށް ވަނީ ބަދަލު ކުރައްވާފައެވެ.

މި ސަރުކާރުން ސައިންސް މިނިސްޓްރީ އެއް އުފެއްދެވި އެންމެ ބޮޑު އެއް ބޭނުމަކީ އެ ދާއިރާ ކުރިއަރުވާ އަދި އިންޓަނެޓްގެ އަގު ހެޔޮ ކުރުމަށް ސަރުކާރުން ވެފައިވާ ވައުދު ފުއްދެވުމެވެ. ނަމަވެސް އެ ވައުދު ނުފުއްދި ވަނިިކޮށް އެ މިނިސްޓްރީ މިވަނީ އުވާލާފައެވެ. މީގެ ކުރިން ހައުސިން މިނިސްޓަރުގެ މަގާމުގައި ހުންނެވި އައިމިނަތު އާތިފާ ޝަކޫރު މަގާމުން އިސްތިއުފާ ދެއްވުމުން އެ މިނިސްޓްރީވެސް އުވާލައްވާ ޕްލޭނިން މިނިސްޓްރީގެ ތެރެއަށް މިނިސްޓްރީގެ މެންޑޭޓް ވަނީ ގެންދަވާފައެވެ.

އެކަމަށް އިޝާރާތް ކުރައްވާ ޖަމީލް ވިދާޅުވީ ކެބިނެޓަށް އާ ވިސްނުމެއް ނުގެނެވުނު ކަމަށާ މިނިސްޓަރުން ބަދަލު ކުރެއްވުމުން ފެނިގެން ދަނީ މިނިސްޓްރީތައް އުފައްދައި އުވާލަނީ އެއްވެސް ސިޔާސަތެއް އޮވެގެން ނޫން ކަމެވެ.

"ސްލޯވާތީ އިގްތިސާދަށް އަންނާނެ ކަމަށް ވިދާޅުވި 'ބޫމް' އަދި އިންޓަނެޓުގެ އަގަށް ގެންނަ ބަދަލު މި ފެނުނީބާ," ކެބިނެޓަށް މިއަދު ގެނައި ބަދަލަށް އިޝާރާތް ކުރައްވާ ޖަމީލް ވިދާޅުވިއެވެ.