އެމްއެމްޕީއާރުސީގެ ހިޔާނާތް

އެމްއެމްޕީއާރްސީގެ ތަހުގީގަށް ސަލީމް ހާޒިރުކޮށްފި

May 5, 2021

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ތަހުގީގަށް ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަހްމަދު ސަލީމް އެސެޓް ރިކަވަރީ ކޮމިޝަނަށް ހާޒިރުކޮށް ސުވާލުކޮށްފި އެވެ.

އޭދަފުށި ދާއިރާގެ މަޖިލިސް މެންބަރު ސަލީމް ކޮމިޝަނަށް ހާޒިރުކުރީ އިއްޔެގެ ވަގުތެއްގަ އެވެ. އެކަމަކު އެއީ ތަހުގީގު ހިނގަމުންދާ މައްސަލަ އަކަށް ވާތީ ކޮމިޝަނުން އެ މައްސަލާގައި ވާހަކައެއް ނުދެއްކި އެވެ.

އެސެޓް ރިކަވަރީ ކޮމިޝަނުން އެމްއެމްޕީއާރްސީގެ ތަހުގީގު ކުރިއަށް ގެންދަނީ ފުލުހުންނާއި އޭސީސީއާ ވެސް ގުޅިގެންނެވެ.

ކޮމިޝަނަށް ހާޒިރުކުރި މައްސަލާގައި ސަލީމް ފޯނަށް ޖަވާބު ނުދެއްވާތީ އޭނާގެ ބަހެއް ވެސް ލިބޭ ގޮތެއް ނުވި އެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅިގެން ރިޔާސީ ކޮމިޝަންގެ ތަހުގީގަށް މީގެކުރިން ވެސް މަޖިލީހުގެ ބައެއް މެންބަރުންނާއި ނިމިދިޔަ ސަރުކާރުގެ އިސް ބައެއް ބޭފުޅުން ހާޒިރުކޮށް ސުވާލުކޮށްފައިވެ އެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގައި ބައިވެރިވުމުގެ ތުހުމަތުގައި 267 މީހުން ހިމެނޭ ލިސްޓެއް އޮތް ކަމަށް އެސެޓް ރިކަވަރީ ކޮމިޝަނުން ކުރިން ހާމަކޮށްފައިވެ އެވެ. އެ ލިސްޓްގައި މަޖިލީހުގެ ކުރީގެ 44 މެންބަރުންނާއި މިހާރުވެސް މެންބަރުންގެ ގޮތުގައި ތިއްބެވި 16 ބޭފުޅަކާއި ކުރީ ސަރުކާރުގައި އިސް މަގާމުތަކެއް އަދާކުރެއްވި 30 ބޭފުޅަކާއި މިނިވަން މުއައްސަސާތަކުގައި މަސައްކަތް ކުރެއްވި ފަސް ބޭފުޅަކާއި ސަލާމަތީ ހިދުމަތްތަކަށް ނިސްބަތްވާ ހަތް އޮފިސަރަކާއި އަދި ފަސް ފަނޑިޔާރަކު ހިމެނެ އެވެ.

އެސެޓް ރިކަވަރީ ކޮމިޝަނަށް ކުރީގެ ނައިބް ރައީސް އަހްމަދު އަދީބް ހާޒިރުކުރުމުން ދީފައިވާ ބަޔާނުގައި ވަރަށް ގިނަ މައުލޫމާތާއި ހެކި ލިބިފައިވާ ކަމަށް ކޮމިޝަނުން ބުނެފައިވެ އެވެ. އަދީބް ވަނީ އެމްއެމްޕީއާރްސީގެ ހިޔާނާތް ހިންގި ގޮތުގެ މައުލޫމާތުތައް ތަފްސީލްކޮށް ތަހުގީގުގައި ވިދާޅުވެ ދެއްވާ، އެއްބާރުލުން ދެއްވާނެ ކަމަށްވެސް ވިދާޅުވެފަ އެވެ.

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިދިޔަ ހަފްތާގެ ތެރޭގައި ވަނީ އެމަނިކުފާނު މަޖިލީހުގެ ރިޔާސަތުގައި އިންނެވިހާ ދުވަހަކު އެމްއެމްޕީއާރްސީގެ މައްސަލަ ފޮރުވަން ފުރުސަތު ނުދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.