ހިޔާ މަޝްރޫއުގެ ދަށުން އަޅާފައިވާ ފްލެޓްތަކަށް ކަރަންޓު ދިނުމަށް ގެނެސްފައިވާ ކޭބަލްތައް ވަގަށް ނަގާފައިވާތީ މަޝްރޫއު ކުރިއަށް ގެންދިއުމަށް ވަރަށް ބޮޑު ދަތިތަކަކާއި ކުރިމަތިވާނެ ކަމަށް އެޗްޑީސީން ބުނެފި އެވެ.
އެޗްޑީސީން މިހެން ބުނެފައި މިވަނީ ހިޔާ މަޝްރޫއުގެ ދަށުން އަޅާފައިވާ ފްލެޓްތަކަށް ކަރަންޓް ދިނުމަށް ގެނެސްފައި ހުރި ކޭބަލްތައް ވަގަށް ނަގާފައިވާ ކަމަަށް ބުނާ މައްސަލައެއް ރެއިން ފެށިގެން މީޑިއާގައި ރިޕޯޓްކޮށްފައި ވަނިކޮށެވެ. މިވައްކަމުގައި އެޗްޑީސީގެ އިސް މުވައްޒަފުންތަކެއް ބައިވެރިވާ ކަމަށްވެސް ތުހުމަތުތަކެއް ވަނީ ކުރެވިފަ އެވެ.
އެޗްޑީސީން މިއަދު ބުނީ ކޭބަލްތައް ގެއްލުމާއި ގުޅިގެން އެ ކޯޕަރޭޝަންގެ އޮޑިޓް ޓީމުންނާއި ފުލުހުން ގުޅިގެން މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި މީހުން އާބާދުވުމުގެ ކުރިން ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމަށް ގެނެސްފައިވާ ކޭބަލްތައް ގެއްލުމަކީ މަޝްރޫއު ހިންގުމަށް ވަރަށް ބޮޑެތި ދަތިތައް ކުރިމަތިވާނެ ކަމެއް ކަމުގައިވެސް އެޗްޑީސީން މައުލޫމާތުދެ އެވެ.
އެޗްޑީސީން އިތުރަށް ބުނީ މި އަމަލު ހިންގި ބައެއް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެ ކޯޕަރޭޝަންގެ މުވައްޒަފުންގެ ބައިވެރިވުން އޮވެއްޖެނަމަ އެމީހުންނާ ދޭތެރޭ ވަގުތުން ފިޔަވަޅު އަޅާނެ ކަމުގެ ޔަގީންކަންވެސް ވަނީ ދީފަ އެވެ.
ހިޔާ ފްލެޓްތަކަށް މީހުން ވަނުމުގެ ކުރިން ގާއިމުކުރަން ޖެހޭ އަސާސީ ހިދުމަތްތައް ހުއްޓުމަކަށް ނުގެނެސް ތާވަލުގައިވާ ގޮތަށް މަސައްކަތްތައް ކުރިއަށް ގެންދެވޭތޯ މަސައްކަތް ކުރާނެ ކަމަށް ވެސް އެޗްޑީސީ އިން ބުނެ އެވެ.