ވަގުތީ ގޮތުން ގޭ ބަންދަށް ބަދަލު ކުރައްވާފައި ހުންނެވި ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމަށް ބަދަލު ކުރުމުގެ ފުރުސަތު ދީފި އެވެ.
ކޮވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން ވަކީލުންގެ ބައްދަލްވުންތައް އޮތީ މެދުކަނޑިފައެވެ.
މައި ޖަލު ހުންނަ މާފުށީގައި ކޮވިޑްގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެ ޖަލުގައި ތިބި ގައިދީންނާއި ބައެއް އޮފިސަރުންވެސް ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ. ކޭސްތައް ގިނަވާން ފެށުމުން ރައީސް ޔާމީން ޖަލު ބަންދުން ގޭ ބަންދަށް ބަދަލު ކުރައްވާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރެއެވެ.
ބައްދަލްވުމަށް ފަހު އެމަނިކުފާނުގެ ވަކީލުންގެ ޓީމުގައި އިސްކޮށް ހުންނެވި ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވީ ކޮވިޑްގެ ނުރައްކާގެ ސަބަބުން މެދުކެނޑިފައި ވަކީލުންގެ ބައްދަލްވުންތަކަށް މިއަދު ފުރުސަތު ދީފައިވާ ކަމަށެވެ. އަދި ވަކީލުންގެ ބައްދަލްވުންތަކަށް ފުރުސަތު ލިބިގެން ދިއުމަކީ ރައީސް ޔާމީނަށް އިންސާފު ހޯދާދިނުމަށް ކުރާ މަަސައްކަތަށް މުހިންމު ކަމެއް ކަމަށެވެ.
"ރައީސް ޔާމީނަށް އަނިޔާގެ މައްޗަށް ކާމިޔާބު ލިބި އެމަނިކުފާނުގެ މައުސޫމްކަން ސާބިތުވެގެން ދާނެ. ހެޔޮއެދޭ އެންމެ ރައްޔިތުންގެ ދުއާއަށް އެދެން،" ޖަމީލް ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވެފައިވެއެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނީ ކ. މާފުށީ ގައި ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުންދާ މިދަނޑިވަޅުގައި މާފުށީ ޖަލުގެ އޮފިސަރުން ޕޮޒިޓިވްވަމުންދާތީ އެޖަލުގައި ހުކުމް ތަންފީޒު ކުރައްވަމުން ގެންދެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން ގޭ ބަންދަށް ބަދަލުކޮށްފައިވަނީ ވަގުތީ ގޮތުން ނަމަވެެސް އެކަމަށް ވަކި މުއްދަތެއް ކަނޑައަޅާފައި ނުވާ ކަމަށެވެ.