ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ފަރުކޮޅުފުށި ފުރިއްޖެ، ވެލިދޫ އޮޕަރޭޝަނަށް ގެންނަނީ

ފަރުކޮޅުފުށި އައިސޮލޭޝަން ފެސިލިޓީ ފުރި ވެލިދޫ އައިސޮލޭޝަން ފެސިލިޓީ މާދަމާ އޮޕަރޭޝަނަށް ގެންނަން ނިންމައިފި އެވެ.

އެޗްއީއޯސީގެ މިރޭގެ ނޫސްވެެރިންގެ ބައްދަލްވުމުގައި ސަރުކާރުގެ ތަރުޖަމާން މުހައްމަދު މަބުރޫކް އަޒީޒު ވިދާޅުވީ ކޮވިޑްގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެ އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާ ސެންޓަރުތަކާއި އައިސޮލޭޝަން ސެންޓަރުތައްވެސް ފުރެމުންދާ ކަމަށެވެ. އެގޮތުން ފަރުކޮޅުފުށި އައިސޮލޭޝަން ފެސިލިޓީ މިހާރު ވަނީ ފުރިފައެވެ. އެއީ 111 އެނދެވެ.

މަބުރޫކް ވިދާޅުވީ ވެލިދޫ އައިސޮލޭޝަން ފެސިލިޓީ މާދަމާ އޮޕަރޭޝަނަށް ގެންނަން ނިންމާފައިވާ ކަަމަށެވެ.

ހުޅުމާލެ މެޑިކަލް ފެސިލިޓީގައި 248 އެނދު ހުރިއިރު 171 އެނދު ވަނީ ފުލްވެފައެވެ. އަދި ދަރުމަވަންތަ ހޮސްޕިޓަލްގެ އައިސީޔޫ ފުރި މާބަނޑު މީހުންނަށް ހާއްސަކުރި ޑީއެޗް 16 ވެސް ވަނީ ފުރުމާ ގާތުގައެވެ. ހުހަށް ވަނީ އެންމެ އެނދެކެވެ.

އައިސީޔޫގައި ފަރުވާ ދެމުންދާ މީހުންގެ ތެރެއިން އެކަކީ މާބަނޑު މީހެކެވެ. މިއީ މާބަނޑު މީހަކަށް ކޮވިޑް ޖެހި ހާލު ސީރިއަސްވި ފުރަތަމަ ފަހަރެވެ. ދިވެހިންގެ މައި ހޮސްޕިޓަލް ދަރުމަވަންތައިގެ 16 ވަނަ ފަންގިފިލާގައި ކޮވިޑް ޖެހޭ މާބަނޑު މީހުންނަށް ހާއްސަ ޔުނިޓެއް ވަނީ ގާއިމުކޮށްފައެވެ.

މިވަގުތު ރާއްޖޭގައި ކޮވިޑުން ރަނގަޅު ނުވެ ތިބީ 7،109 މީހުންނެވެ. މިހާތަނަށް 25،473 މީހުން ވަނީ ކޮވިޑުން ރަނގަޅުވެފަ އެވެ. މިވަގުތު ވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް 198 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ. ކޮވިޑް ޖެހިގެން ރާއްޖެއިން މިހާތަނަށް މަރުވީ 74 މީހެކެވެ.