ލައިފްސްޓައިލް

މާލީ މީހަކު އެއްމާބަނޑު ނުވަ ދަރިން ވިހައިފި

އެއްމާބަނޑު ދެ ކުދިން ތިން ކުދިން ވިހެއުމަކީ ވަރަށް އާއްމުކަމެއް ނަމަވެސް އެއްމާބަނޑު ނުވަ ކުދިން ވިހެއުމަކީ މުޅި ދުނިޔެއިން ވެސް ވަރަށް މަދު ފަހަރަކު ނޫނީ ފެންނަ ކަމެއް ނޫނެވެ.

މާލީގެ 25 އަހަރުގެ މީހަކު ދާދިފަހުން ވަނީ އެއްމާބަނޑު ނުވަ ކުދިން ވިހާފަ އެވެ. ހަލީމާ ސިސޭ ނަމަކަށް ކިޔާ މި އަންހެން މީހާ ބަލިވެ އިނީއްސުރެ އޭނާގެ ހާލަތު މޮނިޓާ ކުރަމުންދިޔަ ޑޮކްޓަރުން ހީކޮށްގެން ތިބީ އޭނާގެ ބަނޑުގައި އޮތީ އެއްމާބަނޑު ހަތް ކުދިން ކަމަށެވެ. ސަބަބަކީ ބަނޑުގެ ސްކޭންތަކުން ފެންނަނީ ހަތް ކުދިން ކަމަށް ވާތީ އެވެ.

ނަމަވެސް ސިޒޭރިއަން ހަދައިގެން ނެގިއިރު ހަލީމާގެ ބަނޑުގައި ނުވަ ދަރިން އޮތުމުން ޑޮކްޓަރުންނަށް ވެސް ވަރަށް ބޮޑު ހައިރާން ކަމެއް ލިބުނެވެ. ހަލީމާ އަށް އެއްމާބަނޑު ނުވަ ކުދިން ލިބިފައިވާކަން މާލީގެ ހެލްތު މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ ޔަގީންކޮށްދީފަ އެވެ.

މިހާ ގިނަ ކުދިން އެއްފަހަރާ ވިހާ ވާހަކައަކީ ވަރަށް މަދުން އިވޭ ވާހަކަ އަކަށް ވާތީ ހަލީމާގެ ވާހަކަ ވެސްޓް އެފްރިކާގެ މި ގައުމުގައި ވެސް ވަނީ ވަރަށް މަޝްހޫރުވެފަ އެވެ. އަދި މި ވާހަކަ މީހުން ދައްކަނީ ވަރަށް ޝައުގުވެރިކަމާއި އުފަލާ އެކުގަ އެވެ.

ހަލީމާ ވިހެއީ މޮރޮކޯގަ އެވެ. އެއީ މާލީގެ ހޮސްޕިޓަލުތަކުގައި ހަލީމާ ވިއްސުމުގެ ގާބިލްކަން ނެތުމުން ހަލިމާއަށް ހާއްސަ ފަރުވާތަކެއް ބޭނުންވާ ކަމަށް މިދިޔަ މާޗްމަހު މާލީގެ ޑޮކްޓަރުން ބުނުމާ ގުޅިގެން އެ ގައުމުގެ ސަރުކާރުން ޚާއްސަ ފްލައިޓެއް ހަމަޖައްސައި ހަލީމާ މޮރޮކޯ އަށް ފޮނުވާދިނީމަ އެވެ.

ހަލީމާގެ ސްކޭންތަކުން ފެންނަނީ ހަތް ކުދިންނަށް ވާތީ އެންމެން ވެސް ހީކޮށްގެން ތިބީ ހަލީމާ ވިހާނީ އެއްމާބަނޑު ހަތް ކުދިން ކަމަށެވެ.

ހަލީމާ ސިޒޭރިއަން ހަދައިގެން ވިއްސާފައި ވަނީ ފަސް އަންހެންކުދިންނާއި ހަތަރު ފިރިހެން ކުދިންނެވެ. އަދި ހުރިހާ ކުދިންގެ ހާލު ވެސް ރަނގަޅު ކަމަށް ވެއެވެ.

ގިނަ ފަހަރަށް އެއްމާބަނޑު މިހާ ގިނަ ކުދިންނަށް ބަލިވެ އިނދެ ވިހާއިރު ގިނަ ކުދިންގެ ފުރާނަ ސަލާމަތެއް ނުވެ އެވެ. ނަމަވެސް ހަލީމާގެ ހުރިހާ ކުދިން ސަލާމަތްވުން މިއީ ވެސް ވަރަށް މަދު ހާލަތެއްގައި ނޫނީ ދިމާވެފައިވާ ގޮތެއް ނޫނެވެ.

އޭއެފްޕީއަށް ދީފައިވާ އިންޓަވިއު އެއްގައި މާލީގެ ހެލްތު މިނިސްޓަރު ފަންޓާ ސިބޭ ވިދާޅުވީ ކުދިންގެ މަންމަ އާއި ކުދިންގެ ހާލު ވެސް ރަނގަޅު ކަމަށެވެ.

ހަލީމާ އާއި އޭނާގެ ބަނޑުގައި އޮތް ނުވަ ކުދިންގެ ފުރާނަ ސަލާމަތް ކުރުމަށް މަސައްކަތް ކުރި މާލީ އާއި މޮރޮކޯގެ މެޑިކަލް ޓީމުތަކަށް ހެލްތު މިނިސްޓަރު ވަނީ ޝުކުރު އަދާ ކޮށްފަ އެވެ. ހަލީމާ މޮރޮކޯއަށް ގެންދިޔައިރު އޭނާއާއެކު މެޑިކަލް ޓީމެއް ގޮސްފައި ވެއެވެ.

ހެލްތު މިނިސްޓަރު ވިދާޅުވީ ހަލީމާ އެނބުރި މާލީ އަށް އަންނަން އަދި ދުވަސްކޮޅެއް ނަގާނެ ކަމަށެވެ.