ޖޯޖެޓް ލެޕޯލޭއަކީ ބެލްޖިއަމް މީހެކެވެ. މީގެ ދެ އަހަރެއް ކުރިން އޭނާ އިސްލާމްވީ އަވަށްޓެރި މުސްލިމް އާއިލާއެއްގެ ދިރިއުޅުން ފެނިފައި އިސްލާމް ދީނަށް އުފެދުނު ލޯތްބެއްގެ ސަބަބުންނެވެ.
އުމުރުން 92 އަހަރުގެ ޖޯޖެޓަކީ އަލަށް އިސްލާމްވި އެންމެ ދުވަސްވީ މީހާ ކަމަށް ނުވެ ހިނގައިދާނެ އެވެ. ނަމަވެސް ބެލްޖިއަމްގައި އަލަށް އިސްލާމްވީ އެންމެ ދުވަސްވީ މީހަކީ ޖޯޖެޓް އެވެ.
ފާއިތުވީ 50 ވަރަކަށް އަހަރުއްސުރެ ޖޯޖެޓްގެ އަވަށްޓެރިއެއްގެ ގޮތުގައި މުހައްމަދާއި އޭނާގެ އާއިލާ ދިރިއުޅެފައި ވެއެވެ. ޖޯޖެޓްގެ އާއިލާގެ އެންމެން މަރުވެ އެކަނި ވުމުން މުހައްމަދުގެ އާއިލާއާއެކު އެ ގޭގައި ޖޯޖެޓް ދިރިއުޅެން ފެށި އެވެ.
މުހައްމަދުގެ އާއިލާގައި ތިބެނީ އޭނާގެ އަންހެނުންނާއި ފިރިހެން ދަރިފުޅު އަދި ދެ އަންހެން ދަރިންނެވެ. މުހައްމަދު ދެކެނީ ޖޯޖެޓް އަކީ އޭނާގެ މަންމައެއްގެ ގޮތުގަ އެވެ. މުހައްމަދުގެ މަންމަ މީގެ އެތައް އަހަރެއް ކުރިން ވަނީ މަރުވެފަ އެވެ. މަންމައެއް ނެތްކަމުގެ ފަޅުކަން އޭނާއަށް އިހްސާސް ނުވަނީ ޖޯޖެޓްގެ ފަރާތުން ލިބެމުންދާ މައިވަންތަ ލޯބީގެ ސަބަބުންނެވެ.
މުހައްމަދުގެ ގޭގައި އެ އާއިލާއާއެކު ޖޯޖެޓް ދިރިއުޅެން ފެށުމާއެކު އާއިލާ އެކީގައި ނަމާދުކުރާ ތަނާއި ގުރުއާން ކިޔަވާ ތަން ޖޯޖެޓް އަށް ފެންނަމުން ދިޔަ އެވެ. އަދި އެމީހުންގެ ދިރިއުޅުން ފެނިފައި އިސްލާމް ދީންކަން ކަންކަން ހޯދާހިތް ވާން ފެށި އެވެ.
ޖޯޖެޓް ބުނި ގޮތުގައި އެ އާއިލާގެ އެކަކު އަނެކަކާ ވާހަކަ ދައްކާ ގޮތާއި އިހުތިރާމްކުރާ މިންވަރު ފެނުމުން ވަރަށް ހިތްހަމަޖެހެ އެވެ.
ޖޯޖެޓްގެ ވެސް އަންހެންދަރިއަކު ހުރެ އެވެ. ނަމަވެސް ދުރު ހިސާބެއްގައި އުޅޭ އެ އަންހެންދަރިފުޅު އެންމެ ފަހަރަކު ވެސް ޖޯޖެޓްގެ ހާލު ބަލާލަން ގުޅާލައެއް ނަހަދަ އެވެ. އާއިލާއެއްގެ ފަރާތުން ލިބެންވާ ލޯތްބާއި އަޅާލުން އޭނާއަށް ލިބެމުން ދިޔައީ މުހައްމަދާއި އޭނާގެ އާއިލާގެ ފަރާތުންނެވެ.
މީގެ ދެ އަހަރެއް ކުރިން ރޯދަ މަހަކު ޖޯޖެޓް އާއި މުހައްމަދު އޭނާގެ އާއިލާއާއެކު މޮރޮކޯއަށް ދަތުރެއް ކުރި އެވެ. އެ ދަތުރުގައި އެ ގައުމުގެ މުސްލިމުން ރޯދަ ހިފާ އިސްލާމް ދީނުގެ ޝިއާރުތައް ފާޅުކުރަމުން ދިޔަ ގޮތް ފެނިފައި ޖޯޖެޓް ވަރަށް ބޮޑަށް ދީނަށް ޝައުގުވެރިކަން އުފެދުނެވެ. އެހެންވެ ބްރަސެލްސްގައި ހުރި މިސްކިތަށް މުހައްމަދާއި އާއިލާ ގޮވައިގެން ޖޯޖެޓް ގޮސް އެ މިސްކިތުގެ އިމާމެއްގެ އަތްމައްޗަށް އިސްލާމްވީ އެވެ. އިސްލާމް ވުމަށް ފަހު ޖޯޖެޓްގެ ނަމަކީ ނޫރް އިސްލާމް އެވެ.
އިސްލާމް ދީނުގެ ހިދާޔަތު ލިބެން ﷲ އިރާދަ ކުރައްވައިފިނަމަ ކިތަންމެ އުމުރުން ގިނަ ދުވަސްވެފައިވާ މީހަކަށް ވެސް ހިދާޔަތު ލިބިދާނެކަން ނޫރު އިސްލާމަށް ދިމާވި ކަންކަމުން ޔަގީން ކުރެވެ އެވެ.