ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ލައިފްސްޓައިލް

ބަލި މީހަކު ވެހިކަލެއްގެ ދަތްގަނޑުގައި ބާއްވައިގެން ހޮސްޕިޓަލަށް

އިންޑިޔާގެ ކަރްނާޓަކާގެ ފިހާރައެއްގެ ތަޅުންގަނޑު މައްޗަށް ވެއްޓިފައި އޮތް އަންހެނަަކު ހޮސްޕިޓަލަށް ގެންދާނެ ވެހިކަލެއް ނުލިބިގެން ބިމުގެ ފަސްގަނޑު ނަގަން ގެންގުޅޭ ހެވީ ވެހިކަލެއްގެ ދަތްގަނޑުގައި ބާއްވައިގެން އެ އަންހެންމީހާ ހޮސްޕިޓަލަކަށް ގެންގޮސްްދީފި އެވެ.

މި ހާދިސާގައި 42 އަހަރުގެ މި އަންހެންމީހާ ފިހާރައެއްގެ ތަޅުންގަނޑު މަތީގައި ހޭނެތިފައި އޮއްވާ ފެނުމުން އޭނާ ހޮސްޕިޓަލަށް ގެންދަން އެއްވެސް ވެހިކަލް އަކަށް އަރުވަން ވެހިކަލް ދުއްވާ މީހުން އެއްބަސް ނުވީ އެވެ. އެމީހާ ކޮވިޑަށް ޕޮޒިޓިވް ވެދާނެ ކަމަށް ހީކޮށްފަ އެވެ. އެންމެ ފަހުން ހެވީ ވެހިކަލެއްގެ ދަތްގަނޑުގައި ބާއްވައިގެން ގެންދިއުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް އެންމެންނަށް ވެސް ފެނުނީ އެވެ.

އެ އަންހެންމީހާ އަކީ ކައިރި އަވަށަކަށް މަސައްކަތް ކުރަން ގޮސްފައި އެނބުރި އަވަށަށް ދާން ހިނގަމުން ދިޔަ މީހެކެވެ. އޭނާއާއެކު އޭނާގެ 12 އަހަރުގެ ކުޑަ އަންހެން ދަރިފުޅު ހުއްޓެވެ.

މަންމަ ހޭނެތިގެން ދެމިފައި ބިންމަތީގައި އޮތުމުން ހަދާނެ ގޮތެއް ނޭނގި މި ކުއްޖާ ބިރުން ރޮމުން ދިޔައިރު އެ މަންޒަރު ބަލަން ތިބި އެއްވެސް މީހަކު އެ ކުއްޖާއަށް އެހީތެރިކަމެއް ފޯރުކޮށެއް ނުދިނެވެ. އަދި އެމްބިއުލެންސް އަކަށް ވެސް ގުޅައެއް ނުދިނެވެ. އެންމެ ފަހުން ކޮންމެވެސް މީހަކު ޕޮލިހަށް ގުޅުމުން ފުލުހުން އައިސް ވެސް މާ ބޮޑު އެހީތެރިކަމެއް އެމީހާ ހޮސްޕިޓަލަށް ގެންދަން ފޯރުކޮށް ނުދިން ކަމަށް ވެއެވެ.

އަވަށުގެ މީހުންނަށް ފުލުހުން އެންގީ ވެހިކަލަކަށް އަރުވައިގެން އެ މީހާ ހޮސްޕިޓަލަށް ގެންދިއުމަށެވެ. ނަމަވެސް އެއްވެސް ދުއްވާ އެއްޗަކަށް އެމީހާ އަރުވަން އެއްވެސް މީހަކު ގަބޫލު ނުވުމުން ބިމުން ވެލިގަނޑު ކަހަން ގެންގުޅޭ ޒާތުގެ ވެހިކަލެއްގެ ދަތްގަނޑު ތެރެއަށް ލާފައި އެ މީހާ ހޮސްޕިޓަލަށް ފޮނުވީ އެވެ. އެ މީހާ ގެންދެވެން އޮތް އެންމެ ރަނގަޅު ގޮތަކީ އެއީ ކަމަށް ބަލާފަ އެވެ.

ނަމަވެސް ނަސީބު ދިމާކުރި ގޮތުން ހޮސްޕިޓަލަށް އަންހެންމީހާ ގެންދިޔައިރު ވެސް އޮތީ މަރުވެފައި ކަމަށް އޭނާ ބެލި ޑޮކްޓަރުން ވަނީ ބުނެފަ އެވެ.

ޗަންދްރަކާލާ ނަމަކަށް ކިޔާ މި އަންހެންމީހާ އަކީ ހޮޓާ ހޮޓަލުގައި ހުންނަ އެކި ކަހަލަ މަސައްކަތްތައް ކޮށްދީގެން އާމްދަނީ ހޯދާ މީހެކެވެ. އޭނާގެ ދަރިފުޅު ވެސް މަންމަ އާއެކު އެ މަސައްކަތްތަކުގައި ބައިވެރިވެ މަސައްކަތް ކުރެ އެވެ.

މަސައްކަތު މީހެއްގެ ގޮތުގައި ވެސް އެކި ތަންތާނގައި މަސައްކަތްކުރާ މި މީހާ އޭނާގެ ދަރިފުޅާއެކު މިދިޔަ ބުދަ ދުވަހު މަސައްކަތް ނިންމާފައި އަމިއްލަ އަވަށަށް ދާން ދަތުރުފެށިއިރު ރޭގަނޑު ވަރަށް ދަން ވެއްޖެ އެވެ. ޗަންދުރަކާންތާ ބަލިވެ އުޅޭތާ އޭރު ވެސް ދެ ތިން ދުވަސް ވެއްޖެ އެވެ. އެހެންވެ ހިނގަން ފެށުމުން ބަލި ހާލު މާ ބޮޑުވާން ފެށުމުން ފިހާރައެއްގެ ތަޅުންގަނޑުމަތީގައި އިށީނީ އެވެ. ރޭގަނޑު އެތަނުގައި ތިބެފައި އިރުއެރީމަ އަވަށަށް ދާން ހިނގައިގަތުމަށް ނިންމައިގެންނެވެ.

އެ އަވަށުގެ ބައެއް މީހުން މި ދެ މައިންނަށް ފެނާއި ކާނާ ފޯރުކޮށްދިން ކަމަށް ވެއެވެ. ޗަންދުރަކާލާ ވަރުބަލިވެފައި ހުރި ވަރުން އޭނާގެ ދަރިފުޅުގެ އުނގުގައި ބޯ އަޅާލައިގެން ލޯ މަރާލީ އެވެ. މެންދުރު ވީއިރުވެސް އޭނާ ހޭ ނުލައިގެން ކުޑަ އަންހެންކުއްޖާ އޭނާގެ މަންމަ ހޭ ލައްވަން ވަރަށް މަސައްކަތް ކުރި އެވެ. މަންމަ އޮތީ މަރުވެފައިކަން ކުއްޖާއަށް އިހްސާސްވީ އެހިސާބުންނެވެ.

ކުއްޖާ ރޯ އަޑަށް އެތަނަށް އެއްވި މީހުން ޗަންދުރަކާލާ ހޮސްޕިޓަލަށް ގެންދަން ބޭނުންވިޔަސް އެ މީހުންގެ އަމިއްލަ ވެހިކަލުގައި އަންހެންމީހާ ހޮސްޕިޓަލަށް ގެންގޮސްދޭކަށް އެއްވެސް މީހަކު އެއްބަހެއް ނުވި އެވެ. އެންމެ ފަހުން އެންމެ އަވަހަށް ގެންދެވޭނެ ގޮތަކީ ބިންކޮންނަ އެތީގެ ދަތްގަނޑަށް ލައިގެން ކަމަށް އެތާ ތިބި މީހުންނަށް ގަބޫލު ކުރެވިގެން އެއަށް ލައިގެން ގެންދިޔައީ އެވެ.

މިއީ ވަރަށް އިންސާނިއްޔަތުކަން ކުޑަކޮށް ހިނގާފައިވާ ކަމެއްކަމަށް މި ޚަބަރަށް ކޮމެންޓުކުރި ގިނަ ބަޔަކު ބުނެފައި ވެއެވެ.

މަރުވި އަންހެންމީހާގެ 12 އަހަރުގެ ދަރިފުޅު ފިޔަވައި އިތުރު ކުޑަ ފިރިހެންކުއްޖެއް އޭނާގެ އަވަށުގައި ހުންނަ ގޭގައި ހުރި ކަމަށް ވެއެވެ. އަންހެންމީހާގެ ފިރިމީހާ ވަނީ މީގެ އަހަރުތަކެއް ކުރިން މަރުވެފަ އެވެ.