ޑރ. އަހުމަދު ޒާހިރު އަލީ

ފިތުރު ޒަކާތް ދައްކާ މިންވަރު މަދު

އެހެން އަހަރުތަކުގެ ރޯދަމަހާ އަޅާ ބަލާއިރު މިހާތަނަށް ފިތުރު ޒަކާތް ދެއްކި މީހުންގެ އަދަދު މަދު ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ ވިދާޅުވެއްޖެ އެވެ.

ޑރ. ޒާހިރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފިތުރު ޒަކާތް ދެއްކުމަށް ފަހު ވަގުތަށް މަޑުނުކޮށް ވީހާވެސް އަވަހަކަށް ޒަކާތް ދެއްކުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ. ފައިސާގެ އިތުރުން ގޮވާމުން ވެސް ފިތުރު ޒަކާތް ދެއްކޭނެ ގޮތް ހަމަޖައްސާފައިވާ ކަމަށް ވިދާޅުވި އެވެ.

މިދިޔަ އަހަރުގެ ރޯދަ މަހު ފިތުރު ޒަކާތުގެ ފައިސާގެ ގޮތުގައި ލިބިފައި ވަނީ 1،942201ރ އެވެ. މިނިސްޓްރީގެ އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުގައި 12 ވަނަ ރޯދައިގެ ނިޔަލަށް ޒަކާތުގެ ގޮތުގައި ލިބިފައި ވަނީ 899،031ރ. އެވެ.

ފިތުރު ޒަކާތުގެ މިންވަރަކީ ޒަކާތް ނެރޭ ބާވަތަކުން ސާއެއްގެ މިންވަރެވެ. އެއީ ގާތްގަނޑަކަށް 2.5 ކިލޯ އާއި 3 ކިލޯއާ ދެމެދުގެ މިންވަރެކެވެ. ޒަކާތް ނެރެން ޖެހެނީ އެބަޔަކު އާންމުކޮށް ކެއުމުގައި ބޭނުންކުރާ މައިގަނޑު ގޮވާމުގެ ބާވަތުންނެވެ. ރާއްޖޭގައިނަމަ ހަނޑުލުން ނުވަތަ ފުށުން ނެރުން ހުއްދަ ވެގެން ވެއެވެ.

މިމަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ފިތުރު ޒަކާތް ބަލައިގަންނާނެ ކަމަށް އިސްލާމިކް މިނިސްޓްރީ އިން ބުނެ އެވެ.