ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ކޮރަޕްޝަން މާނަކޮށްދިން އިސްލާހު ތަސްދީގު ކުރައްވައިފި

May 6, 2021

އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ގާނޫނަށް ދެވަނަ އިސްލާހު ގެނައުމުގެ ބިލް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް މިއަދު ތަސްދީގު ކުރައްވައިފި އެވެ.

އެ އިސްލާހު ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މިދިޔަ އޭޕްރީލް މަހުގެ 19 ވަނަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގަ އެވެ.

އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ގާނޫނުގެ 23 ވަނަ މާއްދާގެ (ހ) އަށް ގެނައި އިސްލާހުގައި "ކޮރަޕްޝަން" އިތުރަށް މާނަކޮށްދީފައިވެ އެވެ. އެގޮތުން ކޮރަޕްޝަނަކަށް ވާނީ ކޮރަޕްޝަންގެ ކުށާއި، ކޮރަޕްޝަންގެ ކުށެއް ކުރުމަށްޓަކައި ހިންގާ އެންމެހައި އަމަލުތައް ހިމެނޭ ގޮތުން ކަމަށް ބުނެފައިވެ އެވެ. އޭސީސީގެ ގާނޫނުގައި ކުރިން އޮތް ގޮތުން ކޮރަޕްޝަނަކީ ކޮރަޕްޝަން ހުއްޓުވުމާއި މާނަކުރުމުގެ ގާނޫނުގައިވާ ކުށްތައް އެކަންޏެވެ.

މިއަދު އަމަލުކުރަން ފެށި އިސްލާހުގައި އޭސީސީގެ ގާނޫނުގެ 23 ވަނަ މާއްދާގެ (ހ) ގެ ފަހަތަށް (ށ) ގެ ގޮތުގައި އަކުރެއް އިތުރުކޮށް "ކޮރަޕްޝަންގެ ކުށް" ވެސް އިތުރަށް މަނާކޮށްދީފައިވެ އެވެ. އެގޮތުން ކޮރަޕްޝަންގެ ކުށް ކަމަށް ބުނެފައިވަނީ ގާނޫނުލްއުގޫބާތުގެ 510، 513، 515، 516، 517 އަދި 518 ވަނަ މާއްދާގައި ކަނޑައަޅާފައިވާ ކުށްކުށާއި، އެނޫންވެސް ގާނޫނެއްގައި ކޮރަޕްޝަންގެ ކުށް ކަމުގައި ކަނޑައަޅާފައިވާ ކޮންމެ ކުށަކަށެވެ.

ކޮރަޕްޝަނާއި ކޮރަޕްޝަންގެ ކުށް މާނަކޮށްފައި މިވަނީ ގާނޫނުގައި ކުރިން އޮތް ގޮތުން އެފަދަ މައްސަލަ ތަކުގައި ބައެއް މީހުންނަށް ދައުވާ ކުރުމަށް ދަތިތަކެއް ހުރިކަން ޕީޖީ އޮފީހާއި އޭސީސީން ކުރިން ބުނެފައިވަނި ކޮށެވެ.