މަސްތުވާތަކެތި

ހައްޔަރުގައި އަމިއްލައަށް މަރުވީ ޑުރަގު އެތެރެކުރި މީހެއް

ފުލުހުންގެ ހައްޔަރުގައި ހުއްޓާ މަރުވީ ގިނަ އަދަދެއްގެ ޑްރަަގު ހިފައިގެން އައިސް އުޅުނު އިނގިރޭސިވިލާތު މީހެއް ކަމަށް ފުލުހުންގެ ލިޔުމަކުން ސާފު ވެއްޖެ އެވެ.

ފުލުސް ހައްޔަރުގައި ހުއްޓާ ބިދޭސީއަކު މަރުވީ ކަމަށް ފުލުުހުން ބުނީ މިިދިޔަ އަންގާރަ ދުވަހު އެވެ. އެ މީހާ ހައްޔަރުކޮށްފައި ހުރީ ވިލިމާލެ ކަސްޓޯޑިއަލް ފެސިލިޓީގަ އެވެ.

ރާއްޖެއަށް ގިނަ އަދަދެއްގެ ޑްރަގު ހިފައިގެން އައި ދެ މީހެއްގެ މައުލޫމާތު ހާމަ ކުރި އިރު އެތަނުން އެކަކު އެއީ 43 އަހަރުގެ ތައިލެންޑް މީހެއް ކަމާއި ދެވަނަ މީހަކީ 30 އަހަރުގެ ޔޫކޭ މީހެއް ކަމަށް ފުލުހުން މައުލޫމާތު ދީފައިވެ އެވެ.

ހައްޔަރު ކުރި ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް މުއްދަތު ދީފައިވެ އެވެ. އެގޮތުން 43 އަހަރުގެ މީހާއަށް 15 ދުވަހުގެ މުއްދަތެއް ދީފައިވާއިރު 30 އަހަރުގެ މީހާއަށް ދެ މަސް ދުވަހުގެ މުއްދަތު ދީފައިވެ އެވެ.

ފުލުހުން ބުނީ ޔޫކޭ މީހާ ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓައި އަމިއްލައަށް މަރުވެފައިވާ ކަމަށާއި އެހެންކަމުން ކަމާ ގުޅޭ އިދާރާތަކާ ގުޅިގެން އެކަން ހިނގާދިޔަ ގޮތް ބަލަމުންދާ ކަމަށެވެ.

ކަސްޓަމްސް އާއި ފުލުހުން ގުޅިގެން ހިންގި އަށް ދުވަހުގެ އޮޕަރޭޝަނަކަށް ފަހު އެ ދެ މީހުން ހައްޔަރު ކޮށްފައި ވަނީ މިދިޔަ އެޕްރީލް މަހުގެ 25 ވަނަ ދުވަހު އެވެ. އެމީހުންގެ އަތުން 3.4 ކިލޯގެ ޑުރަގު އަތުލައިގެންފައިވެ އެވެ.