އެމްޓީޑީސީއަށް ދޫކޮށްފައިވާ ހދ. ނާގޯށީގައި ރިސޯޓެއް ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް މިއަހަރުގެ ތެރޭގައި ފަށާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
އަވަސް މިއަދު މައުލޫމާތު ދެއްވަމުން އެމްޓީޑީސީގެ މެނޭޖިން ޑިރެކްޓަރު ތަޒްމީލް އަބްދުއްސަމަދު ވިދާޅުވީ ރޯދަ މަހަށް ފަހު ގިނަ ވެގެން ދެތިންމަސް ތެރޭގައި ނާގޯށި ތަރައްގީ ކުރުމުގެ މަސައްކަތް ފަށާނެ ކަމަށެވެ. އެރަށުގައި ހަދަން ނިންމާފައިވަނީ ފަސް ތަރިއާއި ހަތަރީގެ ރޫމުތަކެކެވެ.
"ގާތްގަނޑަކަށް 500 އާއި 600 އާ ދެމެދުގެ އަދަދަކަށް ރޫމު އެތަނުގައި ހަދާނެ. އެދުގެ އަދަދުން ބެލީމާ ވެސް މިއީ ބޮޑު ރަށަކަށް ވާނެ. އެރަށް ނިމުމުން އެތާ ހުންނާނީ އެންމެ ރަނގަޅު ފެންވަރުގެ ރިސޯޓެއް ތަރައްގީ ކުރެވިފައި،" ތަރައްގީގެ ޕްލޭން އޮތް ގޮތް ހިއްސާކުރައްވަމުން ވިދާޅުވި އެވެ.
ހދ. ނައިވައިދޫ ކައިރީގައި އޮންނަ 73 ހެކްޓަރުގެ ރަށުގައި ރިސޯޓް ހެދުމަށް ތައްޔާރުވުމުގެ ގޮތުން އެރަށުގެ ބޮޑު ބައެއް މިހާރު ވަނީ ސާފުކޮށްފަ އެވެ.
ނާގޯށި ތަރައްގީކުރަން ދުބާއީގެ ކުންފުންޏެއް ވެސް އެމްޓީޑީސީން މިހާރު ވަނީ ހޯދާފަ އެވެ. ނަމަވެސް އެކުންފުނީގެ ނަމެއް ތަޒްމީލް ހިއްސާކުރައްވާފައެއް ނުވެ އެވެ.
ނާގޯށްޓަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގައި އެމްޓީޑީސީ އުފެއްދުމަށްފަހު އެންމެ ފުރަތަމަ އެ ކުންފުންޏަށް ދިން ރަށްތަކުގެ ތެރޭގައި ހިމެނޭ ރަށެކެވެ.
ނާގޯށީގައި ރިސޯޓެއް ހެދުމަށް މިދިޔަ ހުރިހާ ސަރުކާރުތަކުން ވެސް މަސައްކަތް ކޮށްފައިވެ އެވެ. އެ ރަށުގައި ރިސޯޓެއް ހަދާ މިދައުރުގެ ތެރޭގައި ހިދުމަތް ދޭން ފެށުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދުފުޅެކެވެ.
އެމްޓީޑީސީ އަށް މިވަގުތު މައިގަނޑު ގޮތެއްގައި އާމްދަނީ ލިބެނީ އެ ކުންފުނިން ކުއްޔަށް ދީފައިވާ އަނަންތަރާ ކިހަވައް މޯލްޑިވްސްއާއި އަޔާޑާ މަގުއްދޫގެ ކުލިންނެވެ.
އެމްޓީޑީސީ ގެއްލުމުގައި ހިނގަމުންދާތާ 11 އަހަރު ފަހުން ފުރަތަމަ ފަހަރަށް މިދިޔަ އަހަރު ވަނީ އެކުންފުންޏަށް ފައިދާ ލިބިފަ އެވެ. އެގޮތުން މިދިޔަ އަހަރުގެ ފައިދާގެ ގޮތުގައި ލިބުނު 50.9 މިލިއަން ރުފިޔާގެ ތެރެއިން 50 ލާރީގެ ރޭޓުން ހިއްސާގެ ފައިދާ ބެހުމަށްވެސް ވަނީ ނިންމާފަ އެވެ.