ފިނޭންސް މިނިސްޓްރީ

އޮޑިޓް އޮފީހުގެ ލަފާތަކަށް އަމަލުކުރަން އަންގައިފި

May 6, 2021

އޮޑިޓާ ޖެނެރަލް އޮފީހުން ނެރޭ އޮޑިޓް ރިޕޯޓްތަކުގައި އިސްލާހު ކުރުމަށާއި ފިޔަވަޅު އެޅުމަށް ދޭ ލަފައާއި އެއްގޮތަށް އަމަލުކުރުމަށް ދައުލަތުގެ އިދާރާތަކަށް އަންގަވައިފި އެވެ.

ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ސޮއި ކުރައްވާ ނެރުއްވާފައިވާ ސާކިއުލާގައި ބުނެފައިވަނީ އޮޑިޓް ރިޕޯޓެއް ދައުލަތުގެ މަސްއޫލު އޮފީހަކަށް ލިބުމުން ރިޕޯޓްގައި އިސްލާހުކުރުމަށާއި ފިޔަވަޅު އެޅުމަށް އަންގާފައިވާ ކަންތައްތަކާއި ގުޅޭގޮތުން އަމަލުކުރުމަކީ އެ އިދާރާއެއްގެ ޒިންމާދާރުވެރިޔާގެ މަސްއޫލިއްޔަތެއް ކަމަށެވެ.

އޮޑިޓް ރިޕޯޓްގައިވާ މައްސަލައެއްގެ ބާވަތުން އެކަމަކީ މާލިއްޔަތުގެ މައްސަލަ ބަލާ ކޮމިޓީއަށް ހުށަހަޅަންޖެހޭ މައްްސަލައެއް ކަމަށްވާނަމަ ޒިންމާދާރު ވެރިޔާ އެ މައްސަލައެއް ފިނޭންސް މިނިސްޓްރީއަށް ހުށަަހަޅަން ވެސް އަންގަވާފައިވެ އެވެ. އަދި އޮޑިޓް ރިޕޯޓްތަކުގައި އިތުރަށް ތަހުގީގުކުރަން ލަފާ ދީފައިވާ މައްސަލަތައް ތަހުގީގީ އިދާރާތަކަށް ފޮނުވުމަކީ ވެސް ޒިންމާދާރުވެރިޔާ ކުރަންޖެހޭ ކަމެއް ކަމުގައިވެސް ހަނދާންކޮށްދީފައިވެ އެވެ.

"މިހާތަނަށް މާލިއްޔަތުގެ މައްސަލަ ބަލާ ކޮމިޓީއަށް ހުށަހަޅަންޖެހޭ މައްސަލައެއް ކޮމިޓީއަށް ހުށަހަޅާފައި ނުވާނަމަ އެފަދަ މައްސަލަތައް މާލިއްޔަތުގެ މައްސަލަ ބަލާ ކޮމިޓީއަށް ހުށަހެޅުމަށާއި އަދި އިތުރަށް ތަހުގީގު ކުރުމަށް ލަފާ ދެއްވާފައިވާ ކަންކަން ތަހުގީގީ އިދާރާތަކަށް ހުށަހެޅުމަށް ދަންނަވަމެވެ" ސާކިއުލާގައިވެ އެވެ.

ދައުލަތުގެ އިދާރާތައް އޮޑިޓް ކުރުމަށްފަހު އޮޑިޓާ ޖެނަރަލް ނެރުއްވާ ރިޕޯޓްތަކުގައި އިސްލާހުކުރަން ލަފާދޭ ކަންކަން ބައެއް އިދާރާތަކުން އިސްލާހު ނުކޮށް ހުންނަ މައްސަލަ އޮޑިޓް އޮފީހުން އަބަދުވެސް ފާހަގަކުރަމުންދެ އެވެ.