ރައްޔިތުންގެ މަޖިލިސް

ނަޝީދުގެ ސިއްހީ ހާލުކޮޅާ ގުޅޭ ފުރިހަމަ މައުލޫމާތު ލިބެންދެން މަޖިލިސް ކުރިއަށް ގެންދަނީ

ރައްޔިތުންގެ މަޖިިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ސިއްހީ ހާލުކޮޅާ ގުޅޭ ފުރިހަމަ މައުލޫމާތު ލިބެންދެން މިރޭ ފެށި ރައްޔިތުންގެ މަޖިލީހުގެ ހާއްސަ ޖަލްސާ ކުރިއަށް ގެންދަން ނިންމައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރަައީސް މުހައްމަދު ނަޝީދުގެ ގެކޮޅު ގ. ކެނެރީގެ ކައިރި އެއްޗެއް ގޮއްވާލުމުގެ ސަބަބުން އެމަނިކުފާނަށް ވަނީ ޒަހަމުތަކެއް ލިބިވަޑައިގެންފައެވެ. އެކަމާއި ގުޅިގެން މިހާރު އޭޑީކޭ ހޮސްޕިޓަލްގައި ދަނީ ފަރުވާ ދެއްވަމުންނެވެ. އޭޑީކޭ އިން ބުނީ ރައީސް ނަޝީދަށް ގިނަ ޒަހަމުތަކެއް ލިބިފައިވާ ކަމަށާ ނަމަވެސް ހާލުކޮޅު ރަނގަޅު ކަމަށެވެ.

މިރޭގެ ހާދިސާއާ ގުޅިގެން މަޖިލީހުގެ ކުއްލި ޖަލްސާއެެއް ވަނީ ފަށާފައެވެ. މަޖިލީހުގެ ޖަލްސާ ފައްޓަވަމުން ރިޔާސަތުގައި އިންނަވާ މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދުﷲ ވިދާޅުވީ މިރޭގެ ހަމަލާއަކީ ރައީސް ނަޝީދަށް އަމާޒު ކުރެއްވި ހަމަލާއެއް ކަމަށާ އެއީ ޓެރަރިޒަމްގެ އަމަލެއް ކަމަށެވެ.

"ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފުރާނަފުޅަށް އަމާޒުކޮށް މިރޭ ދީފައިވާ ޓެރަރިސްޓް ހަމަލާ އަޅުގަނޑުގެ އަމިއްލަ ނަމުގަޔާއި ރައްޔިތުންގެ މަޖިލީހުގެ ހުރިހާ އިއްޒަތްތެރި މެންބަރުންގެ ނަމުގަޔާއި ރައްޔިތުންގެ މަޖިލީހުގެ މުވައްޒިފުންގެ ނަމުގައި ހަރުކަށި އިބާރާތުން ކުށްވެރިކަން. މި ފަނޑި ޓެރަރިސްޓް ހަމަލާ ރައްޔިތުންގެ މަޖިލީހުން ކުށްވެރިކުރަން. އެ ހަމަލާގައި އެމަނިކުފާނަށް ލިބިވަޑައިގެންނެވި އަނިޔާތަކަށް އޭޑީކޭގެ ޑޮކްޓަރުންގެ ހާއްސަ ޓީމަކުން، މަލްޓިސްޕެޝަލިޓީ ޓީމަކުން މިހާރު ގެންދަނީ ފަރުވާ ދެއްވަމުން،"

އީވާ ވިދާޅުވީ މިރޭގެ ހާދިސާ ފުލުހުންނާއި ސިފައިން ތަހުގީގު ކުރަމުންދާ ކަމަށެވެ. އަދި ރައީސް ނަޝީދަށް ލިބިވަޑައިގެންފައިވާ ޒަހަމުތަކަށް އޭޑީކޭގައި ޑޮކްޓަރުންގެ ހާއްސަ ޓީމަކުން ފަރުވާ ފަށާފައިވާ ކަމަށެވެ. އަދި މިރޭ ފެށި ޖަލްސާ ނިންމަވާލައްވާނީ ރައީސް ނަޝީދުގެ ސިއްހީ ހާލުކޮޅާ ގުޅޭ ފުރިހަމަ މައުލޫމާތު ލިބުމުން ކަމަށްވެސް ވިދާޅުވިއެވެ.

"ރައީސް ނަޝީދުގެ ސިއްހީ ހާލުކޮޅާ ގުޅޭ ފުރިހަމަ މައުލޫމާތު ލިބެންދެން އަޅުގަނޑު ގަސްތުކުރަނީ މި ޖަލްސާ ނުނިންމާ ކުރިއަށް ގެންދެވުމަށް. އަޅުގަނޑު ގަސްތެއް ނުކުރަން މިވަގުތުގައި އެއްވެސް ބަހުސެއް ހިނގާކަށް. އެހެން ނަމަވެސް އަޅުގަނޑުމެންނަށް ތަހުގީގުންނާއި ރައީސް ނަޝީދުގެ ސިއްހީ ހާލުކޮޅާއި ގުޅޭގޮތުން ފުރިހަމަ މައުލޫމާތު ލިބުނު މިންވަރަކުން އަޅުގަނޑު ހިއްސާ ކުރަމުން ގެންދާނަން. އަދި ފަހު ވަގުތެއްގައި މި ޖަލްސާ ކުރިއަށް ގެންދާނަން. ނަމަވެެސް މިވަގުތަށް ޖަލްސާ މެދުކަނޑާލާނަން،" މަޖިލީހުގެ ރިޔާސަތުގައި އިންނަވާ އީވާ އަބްދުﷲ ވިދާޅުވިއެވެ.