ދުނިޔެ

އިޒްރޭލުގެ ގިނަ މީހުން ބޭނުންވަނީ ފަލަސްތީނު މީހުން މަރަން: ރިޕޯޓް

ތެލްއަވީވް (އަލްޖަޒީރާ)- ކޯޓަކުން ހުކުމެއް އިއްވުމަކާނުލާ ފަލަސްތީނުގެ އާންމުންގެ ތެރޭން އިޒްރޭލަށް ނުރައްކަލެއް ކަމަށް ފެންނަ މީހުން މަރަން އިޒްރޭލުގެ ގިނަ ބަޔަކު ތާއީދު ކުރާ ކަމަށް ހިޔާލު ހޯދުމުގެ ވޯޓަކުން ދައްކައިފިއެވެ.

އިޒްރޭލުގެ ޑިމޮކްރަސީ އިންސްޓިޓިއުޓުން ނެގި ހިޔާލު ހޯދުމުގެ ވޯޓުގައި އިޒްރޭލުގެ އެކި ހިސާބުތަކުން ހަސަތޭކަ މީހުންނާ އިންޓަވިއު ކުރިއެވެ. ފަލަސްތީނުގެ އާންމުންގެ ތެރޭން އިޒްރޭލު ސިފައިންނަށް ހަމަލަދޭ މީހުން ވަގުތުން މަރާލަން އެމީހުންގެ ތެރޭން 53 ޕަސެންޓު މީހުން ތާއީދުކުރެއެވެ. އެފަދަ މީހުން ހައްޔަރު ކުރުމަށްފަހު އެމީހުންގެ ފަރާތުން ކުރިމަތި ވާނެ އިތުރު ނުރައްކަލެއް ނެތަސް އެމީހުން މަރަން މި 53 ޕަސެންޓު މީހުން ތާއީދު ކުރެއެވެ.

މި ވޯޓުގައި ބައިވެރިވި މީހުންގެ 80 ޕަސެންޓު މީހުން ދެކޭ ގޮތުގައި އިޒްރޭލަށް ހަމަލާދޭ ފަލަސްތީނު އާންމުންގެ އާއިލާތަކުގެ ގެދޮރު ވެސް ތަޅާ ސުންނާފަތި ކުރަން ޖެހެއެވެ.

އިޒްރޭލުގެ ސިޔާސީ ފަރާތްތަކުގެ ވިސްނުން ވެސް ހުރީ ހަމަ މިފަދަ ގޮތަކަށެވެ. އެގައުމުގެ ޑިފެންސް މިނިސްޓްރީގެ ނައިބު އާންމުންނަށް ގޮވާލެއްވީ ފަލަސްތީނުން ހަމަލާދޭ މީހުންނާއި ބަޑި އާއި އެކު ކުރިމަތި ލުމަށެވެ.

އިޒްރޭލުގެ އިސްތިއުމާރީ ސިފައިންނާއި ދެކޮޅު ހެދައި އެމީހުންނަށް ވަޅިން ހަމަލާދިނުން މި ފަހަކަށް އައިސް ވަނީ އިތުރުވެފައެވެ. ގައްޒާގައި ހަމަ ނުޖެހުން އިތުރުވާން ފެށީ އިޒްރޭލު ސިފައިން އަގްސާ މިސްކިތް ހިމެނޭ ސަރަހައްދުގައި ފަލަސްތީނުގެ އާންމުންނަށް އަޅުކަން ކުރަން ދަތިކޮށް ޔަހޫދީންނަށް އެ މިސްކިތުގެ ސަރަހައްދަށް ވަންނަން ހުއްދަ ދޭން ފެށީ ހިސާބުން މިދިޔަ ސެޕްޓެމްބަރުގައެވެ.

އޮކްޓޫބަރު އެކަކުން ފެށިގެން މިއަދާއި ހަމައަށް މި ހަމަ ނުޖެހުން ތަކުގައި ފަލަސްތީނުގެ 77 މީހަކު ވަނީ މަރުވެފައެވެ. މި މުއްދަތުގައި މަރުވި އިޒްރޭލު މީހުންގެ އަދަދަކީ ނުވައެކެވެ. އިޒްރޭލު ސިފައިންގެ ހަމަލާ ތަކުގައި މަރުވި ފަލަސްތީނު މީހުންގެ ތެރޭގައި ހަތިޔާރެއް ނެތި މުޒާހަރާ ކުރަމުން ދިޔަ މީހުންނާއި، އެތަން ބަލަން ތިބި މީހުންނާއި ހަމަލާއެއް ދޭން އުޅޭކަމަށް ޝައްކު ކުރެވުނު މީހުން ހިމެނެއެވެ.