ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތް ކުރާ މެދުފަންތީގެ 1500 ހައުސިން ޔުނިޓްގެ އެއްބަސްވުމުގައި ޗައިނާގެ މެޝިނަރީ އިންޖިނިއަރިން ކޯޕަރޭޝަން (ސީއެމްއީސީ) އާއެކު ސޮއިކޮށްފި އެވެ.
ހުޅުމާލޭ ޔޫތު ސިޓީގައި އިމާރާތް ކުރ މެދުފަންތީގެ 1500 ފްލެޓް އެޅުމުގެ އެއްބަސްވުމުގައި ސަރުކާރު ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒެވެ. އަދި ސީއެމްއީސީ އިން ސޮއިކުރެއްވީ ސެކަންޑް ކޮމްޕްލިޓް ޕްލާންޓް ޑިވިޝަން ޖެނެރަލް މެނޭޖަރު ޝީ ޖިން ތާއޯ އެވެ.
މިއީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހައުސިން ޔުނިޓް އިމާރަތް ކުރުމަށް ސޮއި ކުރެވޭ އެންމެ ފުރަތަމަ މަޝްރޫއު އެވެ.
މިއަދު ޖެން ހޮޓަލުގައި ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މުއިއްޒު ވިދާޅުވީ ޔޫތު ސިޓީ ތަރައްގީ ކުރުމަށްޓަކައި ކުރަން ޖެހޭ ގިނަ މަސައްކަތްތަށް އެޗްޑީސީ އިން ވަރަށް ރަނގަޅަށް ކުރަމުން އަންނައިރު ހައުސިން މިނިސްޓްރީން އެތާގައި ގެދޮރު އިމާރަތް ކުރުމަށްޓަކައި އެކި ފަރާތްތަކާ އެއްބަސް ވުން ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން މިއަދު 1500 ހައުސިން ޔުނިޓު އިމާރާތް ކުރަން ހަވާލުކުރީ ވަރަށް އިތުބާރު ހުރި ކުންފުންޏަކާއި ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
"މިދިޔަ އަހަރު ހުޅުމާލޭ ދެވަނަ ފިޔަވަހި ހިއްކި ފަހުން މިއަދާ ހަމަޔަށް އެތަން ތަރައްގީކުރުމަށް އެތަށް މަސައްކަތްތަކެއް ކުރަމުން ދޭ. އެގޮތުން އެޗްޑީސީ އިން ވަނީ މަގުތަށް ހެދުމާއި ތޮށިލުން އަދި ރިވެޓްމަންޓުގެ މަސައްކަތް ކުރަން ފަށާފަ. އަދިއަޅުގަނޑުމެން މިދަނީ ގެދޮރު ބިނާކުރުމަށް އެއްބަސް ވުން ހެދުމުގެ މަސައްކަތް ކުރަމުން. މިއަދު މިމަސައްކަތް ހަވާލުކުރެވުނު ސީއެމްއީސީ އަކީ ވަރަށް ބާރުމިނުގަ ފުރިހަމަކޮށް މިމަސައްކަތް ކުރާނެ ކުންފުންޏެއް،" މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި 1500 ހައުސިން ޔުނިޓު ގާއިމް ކުރުމުގެ މަސައްކަތުގެ އަމަލީ މަސައްކަތް އަންނަ އަހަރު ތެރޭގައި ފެށޭނެ ކަމަށާއި އަދި 2018 ވަނަ އަހަރުގެ އޭޕްރިލް ނުވަތަ މޭ މަހުގައި ފްލެޓުތަކަށް މީހުންނަށް ވަދެވޭނެ ކަމަށެވެ.
"މިއީ މެދުފަންތީގެ ހައުސިން ޔުނިޓުތަކެއް. އެހެންވީމަ މިތަން ހާއްސަކުރެވިގެންދާނީ މެދުފަންތީގެ އާމުދަނީ ލިބޭ ފަރާތްތަކަށް. އަދި އަޅުގަނޑުމެނަށް މިހާތަނަށް ލިބިފައި ހުރި އެޕްލިކޭޝަން ފޯމުތަކަށް ބަލައި އިރުވެސް މިފަދަ ފްލެޓުތަކަށް އެޕްލައިކޮށްފައި ހުރި މީހުންގެ އަދަދު ވިރަށް ގިނަ،" މުއިއްޒު ވިދާޅުވި އެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ގާއިމްކުރުމަށް ރޭވިފައިވާ އިތުރު ހައުސިން ޔުނިޓުގެ މަޝްރޫއު ތަކަށް އިޝާރަތްކޮށް މުއިއްޒު ވިދާޅުވީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ސޯޝަލް ހައުސިންގެ 7100 ހައުސިން ޔުނިޓު އަޅަން މިހާރު ފުރުސަތު ހުޅުވާލައިފަ ކަމަށާއި އަދި މިކަމަށް މިހާރު ވަރަށް ގިނަ ކުންފުނިތަކުގެ ޕްރޮޕޯސަލް ލިބިފައިވާ ކަމަށެވެ.
"އެހެންކަމުން މާލެއާ އަތޮޅުތެރޭ މީހުނަށް އުޅެވޭނެ ކަހަލަ އެތައް ހައުސިން ޔުނިޓުތަކެއް އަންނަ އަހަރު ހުޅުމާލެ ދެވަނަ ފިޔަވަހީގައި އެޅިގެންދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި 1500 ހައުސިން ޔުނިޓު އެޅުމަށް މިއަދު މި ހަވާލު ކުރެވުނު ކުންފުނިން މީގެ ކުރިން ވަނީ ހުޅުމާލޭގައި 1700 ހައުސިން ޔުނިޓު އިމާރަތްކޮށްފައެވެ. އަދި ދެކުނުގެ ބައެއް ރައްތަކުގައި ވެސް އެކުންފުނިން ވަނީ ހައުސިން ޔުނިޓުތަށް ގާއިމް ކޮށްފައި ވެއެވެ.