ރާއްޖެއިން ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ އަދަދު 83 އަށް އަރައިފި އެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ކޮވިޑްގައި މަރުވެފައިވަނީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ. އެ މީހާއަކީ އިއްޔެގެ ވަގުތެއްގައި އައިޖީއެމްއެޗްގެ އީއާރަށް ގެނައި މީހެއް ކަމަށާ އޭނާ ގެނައިއިރުވެސް ހަރަކާތެެއް ނެތް ކަމަށެވެ.
މިއީ މިދިޔަ 48 ގަޑިއިރުތެރޭ ކޮވިޑްގައި ރާއްޖެއިން މަރުވި ނުވަ ވަނަ މީހާއެވެ. މިއަދު މަރުވި ހަތަރުވަނަ މީހާއެވެ.
ކޮވިޑްގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެ ރާއްޖެއިން ބަލި ޖެހޭ މީހުންގެ އަދަދު ބޮޑުތަނުން ވަނީ އިތުުރުވެފައެވެ. މިއަދަކީ ރެކޯޑް އަދަދަކަށް ކޮވިޑަށް މީހުން ޕޮޒިޓިވްވި ދުވަހެވެ. މިއަދު 766 މީހަކު ޕޮޒިޓިވްވެފައިވާއިރު މިއީ 700 އިން މަތީގައި ޕޮޒިޓިވް ނަންބަރު ހުރި ތިން ވަނަ ދުވަހެވެ. މިއަދުގެ އިރު އޮއްސުމާ ހަމައަށް އެއްކޮށްފައިވާ ހިސާބުތަކާ ހަވަލާ ދީ އެޗްޕީއޭއިން މިރޭ ބުނި ގޮތުގައި ކޮވިޑް ބަލި ޖެހުނު މީހުންގެ ތެރެއިން 571 މީހުންނަކީ މާލޭ ސަރަހައްދުން ބަލި ޖެހުނު މީހުނެވެ. މިއަދު ޕޮޒިޓިވި މީހުންގެ ތެރެއިން 171 މީހުން ޕޮޒިޓިވްވީ އަތޮޅުތަކުގެ ތެރެއިންނެވެ. ރިސޯޓްތަކުން 23 މީހަކު ޕޮޒިޓިވްވެފައިވެއެވެ. އިންޑަސްޓްރިއަލް މަސައްކަތް ކުރާ ރަށްތަކުންވެސް މީހަކު ޕޮޒިޓިވްވެފައިވެއެވެ.
ކޮވިޑްގެ ހަތަރުވަނަ ރާޅެއްގައި ރާއްޖެ އޮތްއިރު މިއީ ކޮވިޑްގައި ދިވެހިން ހޭދަކުރާ އެންމެ ނުރައްކާތެރި ދުވަސްތަކެވެ.