އަބްދުﷲ ޝަމާލް

ރައީސް ނަޝީދަކީ އެންމެ ހައި ރިސްކް ބޭފުޅާ: ޝަމާލް

May 8, 2021
2

ސިފައިންގެއިން ސެކިއުރިޓީ ފޯރުކޮށްދޭ ބޭފުޅުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަކީ އެންމެ ހައި ރިސްކް ބޭފުޅާ ކަމަށް އެމްއެންއެންޑީއެފުން ބުނެފި އެވެ.

ނޫސްވެރިންނަށް މިރޭ މައުލޫމާތު ދެއްވަމުން ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނަރަލް އަބްދުﷲ ޝަމާލް ވިދާޅުވީ ރައީސް ނަޝީދާ ގުޅޭ އިންޒާރުގެ މައުލޫމާތު އަބަދު ލިބެމުންދާތީ އެމްއެންޑީއެފުން ހަދާފައިވާ އެސެސްމަންޓަަށް ބަލާއިރު ރައީސް ނަޝީދަކީ އެންމެ ހައި ރިސްކް ބޭފުޅާ ކަމަށެވެ.

ޝަމާލް ވިދާޅުވީ ރައީސް ނަޝީދަށް އަބަދު އިންޒާރު ލިބޭތީ އެމަނިކުފާނުގެ ސެކިއުރިޓީގެ ކަންކަން ބަލައި އެވަގުތަކުން ގެންނަން ޖެހޭ ބަދަލުތައް ގެންނަމުންދާ ކަމަށެވެ. ރައީސް ނަޝީދާ އެކު ބޮޑީގާޑުން އަބަދުވެސް ހަރަކާތްތެރިވާނީ ލީތަލް ހަތިޔާރާ އެކު ކަންވެސް ފާހަގަކުރެއްވި އެވެ. ދައުލަތުގެ އެހެން ބާރެއް ކަމުގައިވާ ޝަރުއީ ދާއިރާގެ އެންމެ އިސް ބޭފުޅާ، އުއްތަމަ ފަނޑިޔާރާއި ކުރީގެ އެހެން ރައީސުންނަށް ވުރެ މާ މަތީ ދަރަޖައެއްގައި ނަޝީދުގެ ސެކިއުރިޓީ ކަންކަން އަބަދުވެސް ބަލަމުންދާ ކަން ވެސް ޔަގީންކޮށްދެއްވި އެވެ.

"އެ މަނިކުފާނު ވަޑައިގަންނަވާ ތަންތަނަށް އެޑްވާންސަށް ޓީމުތައް ފޮނުވައިގެން ކުރަންޖެހޭ ސްކްރީންތައްކޮށް ގޮވާ އެއްޗެއް ބާއްވަފާނެ ކަމަށް ލަފާކޮށް ފޮނުވާ އެޑްވާންސް ޓީމުތަކުން ދަނީ އެސެސް ކޮށް ސެނިޓައިޒް ކުރަމުން،" ޝަމާލް ވިދާޅުވި އެވެ.

މާލެއިން ބޭރުގައި އޮތް ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ނަޝީދު ރޭ ގެއިން ނިކުމެވަޑައިގަތީ 8:25 ހާއިރު ކަމަށާއި އެމަނިކުފާނު ވަޑައިގަތުމަށް ހަމަޖެހިފައިވާ ރަށުގައި ސިފައިންގެ ޓީމެއް ދުރާލައި ގޮސް ތިބި ކަމަށްވެސް ވިދާޅުވި އެވެ. އަދި އެމަނިކުފާނު މާލެއިން ފުރާވަޑައިގަތުމަށް ހަމަޖެހިފައި އޮތީ އެއް ނަންބަރު ފާލަމުން ކަމަށްވާތީ ފާލަން ކައިރީގައިވެސް ދުރާލައި ޓީމެއް އޮތް ކަމަށް ވިދާޅުވި އެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ހަމަލާދިނީ 8:27 ހާއިރު ކަން ފާހަގަކުރައްވަމުން ޝަމާލް ވިދާޅުވީ 8:35 ހާއިރު ރައީސް ނަޝީދު އޭޑީކޭ އަށް ގެންދެވުނު ކަމަށެވެ. އަދި ހޮސްޕިޓަލަށް ގެންދިޔަ މަގުމަތީގައި ވެސް އަރިހުގައި ތިއްބެވި ސިފައިން ގެންދެވީ އެމަނިކުފާނަށް ވަމުން ދިޔަ ގޮތް ބަލައި ހާލު އޮޅުންފިލުއްވަމުން ކަމަށެވެ.

ރައީސް ނަޝީދަށް ހަމަލާ ދީފައިވަނީ އެމަނިކުފާނުގެ ގެކޮޅު ހުންނަ ނީލޯފަރު ގޯޅިން ނިކުމެވަޑައިގެން އެ ގޯޅީގެ ކޮޅަށް މަޖީދީ މަގަށްވާ ގޮތަށް އޮތް ކާރުކޮޅަށް އަރާވަޑައިގަންނަވަނިކޮށް ކައިރީ ޕާކް ކޮށްފައި އޮތް ސައިކަލެއްގައި ހަރުކޮށްފައި އޮތް އެއްޗެއް ގޮއްވާލައިގެންނެވެ. އެކަމަށް އިޝާރާތް ކުރައްވާ ޝަމާލް ވިދާޅުވީ އެ ގޯޅިއަކީ ހަނި ގޯޅިއަކަށް ވެފައި ގިނަ އަދަދެއްގެ ސައިކަލް އަބަދުވެސް ޕާކް ކުރާ ގޯޅިއަކަށް ވާތީ ސެކިއުރިޓީ ބެލެހެއްޓުމުގައި ސިފައިންނަށް ދަތިތަކެއް ކުރިމަތިވާ ކަމަށެވެ. އެކަމަކު ރޭގައި ހަމަލާދީފައިވަނީ އެ ގޯޅީގައި ސައިކަލް ޕާކް ނުކުރެވޭ ގޮތް ހެދުމަށް ކަމާ ގުޅޭ އިދާރާތަކުގައި އެދިފައި ވަނިކޮށް އެކަމަށް ހައްލެއް ނުލިބި އޮއްވާ ކަންވެސް ފާހަގަކުރެއްވި އެވެ.

ރައީސް ނަޝީދުގެ ހަތަރު ސާޖަރީއެއް ހެދުމަށްފަހު އެމަނިކުފާނު މިވަގުތު ބާއްވާފައި އޮންނެވީ އޭޑީކޭގެ އައިސީޔޫގަ އެވެ. އަދި އިތުރު ފަރުވާއަށް އެމަނިކުފާނު ސިންގަޕޫރަށް ގެންދިއުމަށް އާއިލާ އިން ގެންދަނީ މަސައްކަތް ކުރަމުންނެވެ.