ބޮލީވުޑް

އައިޝްވަރިޔާ-ރިތިކްގެ "ޖޯދާ އަކްބަރް" ސެޓު އަނދާ އަޅިޔަށް

ރިތިކް ރޯޝަން އާއި އައިޝްވަރިޔާ ރާއީ 2008 ގައި ކުޅުނު "ޖޯދާ އަކްބަރް"ގެ ޝޫޓިންގަށް މަހަރަޝްތުރާގެ ރާއިގަޅްގައި ތައްޔާރުކޮށްފައި ހުރި ދާއިމީ ސެޓެއް އަނދާ އަޅިޔަށް ވެއްޖެ އެވެ. ނަސީބަކުން މި ހާދިސާގައި މީހަކަށް ގެއްލުމެއް ނުލިބެ އެވެ.

މި ސެޓު ތައްޔާރުކޮށްފައި ހުރީ ބޮލީވުޑްގެ އެންމެ މަޝްހޫރު އާޓް ޑައިރެކްޓަރު ނިތިން ދެސާއީގެ އެންޑީ ފިލްމު ސްޓޫޑިއޯގަ އެވެ.

އިހު ޒަމާނުގައި ރަސްކަލަކު ރަސްކަން ކުރެއްވި ރަށެއް ގޮތަށް ތައްޔާރުކޮށްފައިވާ މި ސެޓުގައި ރަސްގެފާނުގެ ގަނޑުވަރު ގޮތަށް ވެސް ވަރަށް ތަނެއް ތައްޔާރު ކޮށްފައި ވެއެވެ. އަދި މި ފިލްމުގައި ބޭނުންކުރި ހަނގުރާމައިގެ އެކި ކަހަލަ އާލާތްތައް ވެސް މިތަނުގައި ހުއްޓެވެ. މި ބޮޑު ސެޓުގެ ގިނަ ތަންތަން ތައްޔާރުކޮށްފައި ހުރީ ފްލައިވުޑް ފިލައިންނެވެ. އެހެންވެ އަލިފާނުގެ ހާދިސާ ހިނގުމާއެކު ވަރަށް އަވަހަށް ހުޅުފަޅައިގެން ގޮސް ކޮންޓްރޯލުން ނެއްޓުނީ އެވެ.

"ޖޯދާ އަކްބަރް"ގެ ޝޫޓިން ނިމުނުތާ އެތައް އަހަރެއް ފާއިތުވެގެން ދިޔައިރުވެސް މިސެޓު ހަލާކުކޮށް ނުލާ ބަހައްޓާފައި ހުރި މި ތަން ބަލަން ޒިޔާރަތްކުރާ މީހުން ގިނަ ކަމުންނެވެ.

އެންޑީ ސްޓޫޑިއޯގައި ވަރަށް ގިނަ ބޮލީވުޑް ފިލްމުތަކެއް ޝޫޓްކޮށްފައި ވެއެވެ. އޭގެ ތެރޭގައި "ކިކް"، "ބާޖީރާއޯ މަސްތާނީ"، "ޕްރޭމް ރަތަން ދަން ޕާޔޯ" ފަދަ ފިލްމުތައް ހިމެނެ އެވެ. އަދި ރިއަލިޓީ ޝޯ "ބިގް ބޮސް" ވެސް ޝޫޓްކުރަނީ މި ތަނުގަ އެވެ.

އަދި އެކްތާ ކަޕޫރު އުފެއްދި ރަޖަތު ޓޯކަސް އާއި ޕަރީދީ ޝަރުމާ ލީޑް ރޯލު ކުޅުނު ޓީވީ ސިލްސިލާ "ޖޯދާ އަކްބަރް"ގެ ޝޫޓިން ވެސް ކުރިޔަށް ގެންގޮސްފައިވަނީ ހަމަ މި ތަނުގަ އެވެ.