ބޮލީވުޑް

ރިތިކްގެ ކުރީގެ އަނބިމީހާ ސުޒާން އާ ލޯބިވެރިޔަކާއެކު

ރިތިކް ރޯޝަން އާއި ސުޒާން ވަރިވީތާ އެތައް އަހަރެއް ފަހުން ސުޒާންގެ ހަޔާތަށް އާ ލޯބިވެރިޔަކު އަތުވެއްޖެ އެވެ. ސުޒާންގެ ލޯބިވެރިޔަކީ ޓީވީ އެކްޓަރު އަލީ ގޯނީގެ ކޮއްކޮ އަރްސަލާން ގޯނީ އެވެ.

ސުޒާން އާއި އަރްސަލާންގެ ލޯބި ސިއްރު ކުރާކަށް ވެސް މިހާރު އެމީހުން މަސައްކަތެއް ނުކުރެ އެވެ. އަރްސަލާން ޖިމްގައި ކަސްރަތުކުރަން ހުރެފައި ނެގި ފޮޓޮއެއް އިންސްޓަގްރާމްގައި ޝެއާ ކުރުމުން ވެސް އެންމެ ފުރަތަމަ މި ޕޯސްޓަށް ކޮމެންޓްކުރީ ސުޒާން އެވެ.

"ހާދަ ރީތި ފޮޓޮއެކޭ" ސުޒާންގެ ކޮމެންޓުގައި ވެއެވެ.

ސުޒާން އާއި އަރްސަލާން އެކުގައި ޕާޓީތަކަށް ގޮސް އުޅޭތަން ވެސް މި ފަހަކަށް އައިސް ވަރަށް ގިނައިން ފެނެ އެވެ. އަދި ޓީވީ އިންޑަސްޓްރީގައި މަސައްކަތްކުރާ އަރްސަލާންގެ އެކުވެރި އެކްޓަރުންނާއެކު ސުޒާން އާއި އަރްސަލާން އުޅޭތީ ވަރަށް ގިނައިން ފެންނަ ކަމަށް ވެސް އިންޑިޔާގެ ނޫސްތަކުން ބުނެ އެވެ.

މި ދެ މީހުންގެ އެކުވެރިޔަކު ބުނީ ސުޒާން އާއި އަރްސަލާން އެކަކު އަނެކަކު ދަންނަތާ ހައެއްކަ މަސް ވެދާނެ ކަމަށެވެ. އަދި ދެ މީހުންގެ އެކުވެރިކަން މިހާރު އެއަށް ވުރެ ގާތް ގުޅުމަކަށް ބަދަލުވެފައިވާ ކަމަށް އެމީހުންގެ ހަރަކާތްތައް ހުންނަ ގޮތުން ޔަގީން ކުރެވޭ ކަމަށެވެ.

ނަމަވެސް ރިތިކް އާއެކު ކުރެވުނު ލޯބީގެ ހިތި ތަޖުރިބާއަށް ފަހު އަރްސަލާން އާއެކު އެހާ އަވަހަށް މާ ވަރުގަދަ ގުޅުމެއް ގާއިމްކުރަން ސުޒާން ބޭނުން ނުވާ ކަމަށާއި މަޑުމަޑުން އެކަކު އަނެކަކު ދަސްކުރަން ސުޒާން އަށް ވަގުތު ބޭނުންވާ ކަމަށް ވެސް އެކުވެރިޔާ ބުންޏެވެ.

ސުޒާން އާއި އަރްސަލާންގެ ލޯބިގެ ވާހަކައާއެކު ރިތިކް އާއި ސުޒާން އަލުން ގުޅިދާނެކަމަށް ހީކުރި މީހުންނަށް ވަނީ މާޔޫސްކަން ލިބިފަ އެވެ.

ދާދިފަހުން ރިތިކް ދީފައިވާ އިންޓަވިއު އެއްގައި ވެސް ސުޒާން އާއި އޭނާގެ އޮންނަނީ ދެ ދަރިންގެ މައިންބަފައިންގެ ހައިސިއްޔަތުން ބާއްވަން ޖެހޭ އެކުވެރިކަން ކަމަށް ބުނެފައި ވެއެވެ. އަދި ދުވަހަކުވެސް ދެން ކައިވެންޏެއް ކުރަން ގަސްތުނުކުރާ ކަމަށް ވެސް ރިތިކް ބުނެފައި ވެއެވެ.

ނަމަވެސް މިހާރު ބެލެވޭ ގޮތުގައި ރިތިކް މަތިން ހަނދާން ނައްތާލާފައި ސުޒާން މުޅިން އާ ހަޔާތެއް ފަށަން މިހާރު ވަނީ ތައްޔާޜުވެފަ އެވެ.

ބޭބެ އަލީ ގޯނީ ފަދައިން އަރްސަލާން ވެސް މިހާރު ވަނީ އެކްޓިން ރޮނގުން ކުރިޔަށް ދާން ނިންމާފަ އެވެ. އަރްސަލާން އެންމެ އަވަހަށް ފެންނާނެ ކަމަށް ލަފާ ކުރެވެނީ އަލްޓް ބާލާޖީގެ ވެބް ސީރީޒް "މެއި ހީރޯ ބޯލް ރަހާ ހޫން" އިންނެވެ. އޭނާ މި ސީރީޒްގައި ކުޅެނީ ނެގެޓިވް ރޯލެވެ.

ސުޒާން ބިޒީކޮށް އުޅެނީ އޭނާގެ އިންޓީރިއާ ޑިޒައިން ޕްރޮޖެކްޓްތަކުގެ މަސައްކަތްތަކުގަ އެވެ.