ލައިފްސްޓައިލް

90 ފޫޓު ފުން ވަޅަކަށް ވެއްޓުނު ކުއްޖެއް 16 ގަޑިއިރު ފަހުން ސަލާމަތްކޮށްފި

ނުވަދިހަ ފޫޓު ފުން ވަޅަކަށް ވެއްޓުނު ހަތަރު އަހަރު ކުއްޖެއް 16 ގަޑިއިރުގެ ބުރަ މަސައްކަތުން ސަލާމަތް ކޮށްފި އެވެ. އިންޑިޔާގެ ރާޖަސްތާނުގެ ޖާލޯރު ޑިސްޓްރިކްޓްގައި މިދިޔަ ބުރާސްފަތި ދުވަހު ހެނދުނު ހިނގި މި ހާދިސާގައި ކުއްޖާގެ ފުރާނަ ސަލާމަތް ކުރެވުނީ މި ވަޅަށް އޭނާ ވެއްޓުނުތަން ބަޔަކަށް ފެނުނީމަ އެވެ.

އޭއެންއައިގައިވާ މި ރިޕޯޓު ބުނާ ގޮތުގައި އަނިލް ދެވާސީ ނަމަކަށް ކިޔާ މި ކުޑަ ކުޑަ ކުއްޖާ އަކީ ލައްޗާރީ އަވަށުގެ ކުއްޖެކެވެ. އޭނާ ވެއްޓުނީ އޭނާގެ ބައްޕަގެ ދަނޑެއްގައި ބައްޕަ އަލަށް ކޮނެފައިވާ ވަށަމިން ވަރަށް ކުޑަ އަދި އެހާމެ ފުން ވަޅުގަނޑަކަށެވެ. މިއީ މަސައްކަތެއް ކުރަން އޭނާގެ ބައްޕަ އޭގެ ދެ ދުވަހެއް ކުރިން ކޮނުނު ވަޅުގަނޑެއް ކަމަށް ވެއެވެ.

މި ވަޅުގަނޑު ކޮނުމަށްފަހު އޭގެ މަތިން އެއްޗެއް ބާއްވާ ވަޅުގަނޑު ހުރީ ފޮރުވާފަ އެވެ. ނަމަވެސް ކުއްޖާ ކުޅެން އުޅެމުން އެ ވަޅުގަނޑު މަތީގައި އަޅާފައިއޮތް އެތި ނެގީ އެވެ. އަދި ވަޅުގަނޑުގެ އެތެރެ ބަލާލަން ގުދުވިތަނާ ފައި ކައްސާލައިގެން ވަޅުގަނޑަށް ވެއްޓުނީ އެވެ.

މި މަންޒަރު ބައެއް މީހުންނަށް ފެނުމުން އެމީހުން ވަގުތުން ކުއްޖާގެ ބައްޕައަށް އެކަން އެންގުމުން އޭނާ އައިސް ކުއްޖާ ސަލާމަތްކުރަން މަސައްކަތް ފެށި އެވެ. އަދި ކަމާ ބެހޭ ފަރާތްތަކަށް ގުޅައިގެން ރެސްކިއު ޓީމުތައް އައިސް ކުއްޖާ ސަލާމަތް ކުރުމުގެ މަސައްކަތް ފެށީ އެވެ.

މިހާ ފުން ވަޅުގަނޑެއްގައި ކުއްޖާއަށް ނޭވާލާން އެކަށީގެންވާ ވަރަށް އޮކްސިޖަން ނުލިބޭނެތީ ފުރަތަމައިނުން ވެސް އެމީހުން ވަނީ އޮކްސިޖަން ލިބޭނެ ގޮތް ހަދާފަ އެވެ. އެއަށްފަހު ސީސީޓީވީ ކެމެރާއެއް ވަޅުގަނޑަށް ބާލައި ކުއްޖާގެ ހާލަތު މޮނިޓަ ކުރަމުން ގެންގޮސްފައި ވެއެވެ. އަދި ކުއްޖާއާ ވާހަކަ ދެއްކޭނެ ގޮތް ހަދައި އޭނާއަށް ނިދިޔަ ނުދޭން ވެސް މަސައްކަތް ކޮށްފައި ވެއެވެ. ސަބަބަކީ ކުއްޖާއަށް ނިދިއްޖެނަމަ ސިކުނޑިއަށް އޮކްސިޖަން ލިބޭލެއް މަދުވެ މަރުވެދާނެތީ އެވެ.

މި ކުއްޖާ ސަލާމަތް ކުރެވުނީ ނެޝަނަލް ޑިޒާސްޓާ ރެސްޕޮންސް ފޯސްގެ 16 ގަޑިއިރުގެ ބުރަ މަސައްކަތުންނެވެ.
ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ކުއްޖާ އަށް މިހާރު ފަރުވާ ދެމުންދާއިރު އޭނާގެ ހާލު އިތުރަށް ގޯސް ނުވާ ކަމަށް ޑޮކްޓަރުންނާ ހަވާލާދީ މި ޚަބަރުގައި ބުނެފައިވެއެވެ.