ލައިފްސްޓައިލް

ބިލް-މިލިންޑާގެ ވަރީގެ ސަބަބަކީ ކުރީގެ ލޯބިވެރިޔާ

މެގަ-ބިލިއަނަރު ބިލް ގޭޓްސް އާއި އޭނާ 27 އަހަރު ދުވަހު އިނދެގެން އުޅުނު އަނބިމީހާގެ ވަރީގެ ޚަބަރަކީ މުޅި ދުނިޔެ އަށް ވަރަށް ބޮޑު ހައިރާންކަމެއް ގެނެސްދިން ހަބަރެކެވެ.

ބިލް އަކީ ދުނިޔޭގެ އެންމެ މުއްސަނދި އެއް މަހުޖަނުގެ އިތުރުން ދުނިޔޭގެ ގިނަ ބަޔަކަށް އިންސާނީ އެހީ ވުމުގައި ވެސް އެންމެ ކުރީގައި އުޅޭ އެކަކެވެ. ބިލް-މިލިންޑާ ފައުންޑޭޝަނުން ދުނިޔެއަށް ވަރަށް ގިނަ ގޮތްގޮތުން ތަފާތު ބޮޑެތި އެހީތައް ފޯރުދެމުން އައިސްފައި ވެއެވެ.

ކުއްލިއަކަށް ދެމީހުންގެ ކައިވެނި "އަލުން އާބާދުނުކުރެވޭ ވަރަށް ފުނޑުފުނޑުވީ" ކީއްވެ ހެއްޔެވެ؟

މި ކައިވެނީގައި ނިމުމުގެ ސިއްކަ ޖެހުނުކަން ބިލް އާއި މިލިންޑާ ވަނީ އެމީހުންގެ ރަސްމީ ސޯޝަލް މީޑިއާ އެކައުންޓްތަކުން މުޅި ދުނިޔެއަށް އިއުލާންކޮށްފަ އެވެ.

އަދި މައިކްރޮސޮފްޓް ފައުންޑާ ބިލް އާއި މިލިންޑާ ހޯމަ ދުވަހު ނެރުނު ޖޮއިންޓް ސްޓޭޓްމަންޓެއްގައި ވެސް އެމީހުން ވަރިވާން ނިންމިކަމަށް ބުނެފައި ވެއެވެ. އަދި ވަރިއާ ހަމަޔަށް ދިޔައީ ކައިވެނި ސަލާމަތްކުރަން ވަރަށް ގިނަ މަސައްކަތްތަކެއް ކޮށް އެކަން ކާމިޔާބު ނުވެގެން ކަމަށާއި އެމީހުންގެ ކައިވެނި ވަނީ އަލުން އާބާދު ނުކުރެވޭ ވަރަށް ފުނޑުފުނޑުވެފައިކަމަށް މި ބަޔާނުގައި ވެސް ބުނެފައި ވެއެވެ.

"ފާއިތުވީ 27 އަހަރު އަހަރެމެން ތިން ދަރިން އުފަން ކޮށްފިން. ފައުންޑޭޝަނެއް ބިނާކޮށް ދުނިޔޭގެ ގިނަ އަދަދެއްގެ ބަޔަކަށް ސިއްހަތު ރަނގަޅު ބިނާ ކުރަނިވި ދިރިއުޅުމެއް ހޯދައިދިނުމަށް ވަރަށް ބޮޑެތި އެހިތަކެއް އެ ފައުންޑޭޝަން ވެދީފިން،" މި ބަޔާނުގައި ވެއެވެ.

ބިލް އާއި މިލިންޑާ ދެމަފިރިންގެ ގޮތުގައި އެމީހުންގެ ދިރިއުޅުން ޝެއާ ނުކުރިޔަސް ފައުންޑޭޝަންގެ މަސައްކަތް ހަމަ މިހާރުވެސް އޮތް ގޮތަށް ކުރިޔަށް ދާނެކަމުގެ ޔަގީންކަން ވެސް އެމީހުން ދީފައި ވެއެވެ.

މިހާ ހިސާބުން ހަމަ ކޮންމެ މީހެއްގެ ހިތުގައި ވެސް އުފެދެނީ އެންމެ ސުވާލެކެވެ. އެމީހުން 27 އަހަރު ވަންދެން އެ ކައިވެންޏެއްގެ މަތީގައި ދެމި ތިބި ކައިވެންޏަކަށް ނިމުމުގެ ސިއްކަ ޖެހެން މެދުވެރިވީ ކޮން ސަބަބަކާ ހުރެ ހެއްޔެވެ؟

ބިލް އާއި މިލިންޑާގެ ކައިވެނީގައި މައްސަލަތައް ޖެހޭ ކަމުގެ ޚަބަރުތައް މީޑިއާތަކުން އިވޭތޯ ދުވަސްތަކެއް ވެއްޖެ އެވެ. މިފަދަ ބައެއް ރިޕޯޓުތަކުގައި ބުނެފައިވަނީ މަސައްކަތާއި އާއިލާ ބެލެންސްކުރަން ބިލް އަށް ނޭނގެނީ ކަމަށެވެ. އޭނާ އާއި އަންހެނުންގެ މެދުގައި ޖެހެނީ އެ މައްސަލަ ކަމަށެވެ.

އަނެއްބައި ރިޕޯޓުތައް ބުނަނީ ބިލްގެ ހަޔާތަށް އެހެން އަންހެނަކު އައިސްފައިވާ ކަމަށެވެ. މިލިންޑާ އާއި އޭނާގެ ގުޅުމުގެ މެދަށް މި އަންހެންމީހާ ވަދެ އެމީހުންގެ ގުޅުން ގޯސްކުރީ ކަމަށެވެ.

ޓައިމް މެގަޒިނުން ބުނެފައިވާ ގޮތުގައި ބިލް އާއި މިލިންޑާ މިފަހަކުން ވަރަށް އެހެން ކަހަލަ އެއްބަސް ވުމެއް އެއްބަސްވެ އެ ކަމާ ގުޅޭ އިންތިޒާމްތައް ކޮށްފައި ވެއެވެ. އެއީ އަހަރު ތެރޭގައި އޮންނަ ދިގު ހަފުތާ ބަންދުތައް ބިލް އޭނާގެ ލޯބިވެރިޔާ އޭން ވިންބްލެޑް އާއެކު ހޭދަކުރުމުގެ ހުއްދަ މިލިންޑާ ދިނުމެވެ.

އޭން އަކީ ބިލްގެ ކުރީގެ ލޯބިވެރިޔެކެވެ. ބިލް އަށް ވުރެ ފަސް އަހަރު ދޮށީ އޭން އާއި ބިލްގެ ލޯބީގެ ގުޅުން ކެނޑުނީ 1987 ގައެވެ. އޭރު އޭން ކައިވެންޏަށް ތައްޔާރުނަމަވެސް ބިލް އެކަމަށް ތައްޔާރު ނުވީމަ ޖެހުނު މައްސަލައެއްގަ އެވެ. ދެ މީހުން ލޯބިގެ ގުޅުން ކަނޑާލިޔަސް އެކަކު އަނެކަކާ އޮތް ގުޅުމެއް ކަނޑައެއް ނުލަ އެވެ. އަބަދުވެސް ދެ މީހުން އެކަކު އަނެކަކާ ވާހަކަ ދައްކާ ޚިޔާލުބަދަލުކޮށް ހަދަމުން ދިޔަ އެވެ.

ޓައިމް މެގަޒިންގައި ލިޔެފައިވާ އާޓިކަލް އަކަށް 1997ގައި ބިލް ދީފައިވާ އިންޓަވިއު އެއްގައި ބުނެފައިވަނީ މިލިންޑާ އާ ކައިވެނި ކުރީ ވެސް އޭންގެ ރުހުން ހޯދައިގެން ކަމަށެވެ.

މިހާރު ސީޓެލްގެ ކޯޓަކުން ބިލް އާއި މިލިންޑާގެ ވަރީގެ މައްސަލައަށް ގޮތެއް ނިންމަން ތައްޔާރުވަމުންދާއިރު އެ ދެ މީހުން ގުޅިގެން އުފައްދާފައިވާ ބިލް އެންޑް މިލިންޑާ ގޭޓްސް ފައުންޑޭޝަން އާ ގުޅޭ ގޮތުން އެމީހުންގެ މެދުގައި އެއްވެސް ކަހަލަ އެއްބަސް ވުމެއް އެއްބަސްވެފައި ނެތުމުން އެ ފައުންޑޭޝަނަށް ވާނީ ކިހިނެއްތޯ ވަނީ ސުވާލު އުފެދިފަ އެވެ. އަދި އާދަޔާޚިލާފަށް މުއްސަނދި އެހެން މަހުޖަނުން ފަދައިން އެމީހުންގެ މުދާ ބަހާނެ ގޮތަކާ މެދު ވެސް ސުވާލުތައް އުފެދިފައި ވެއެވެ.

ނަމަވެސް އެންމެ ހައިރާންވާން ޖެހޭ އެއް ކަމަކީ ބިލްގެ ފަރާތުން ވަރީގެ ބަދަލުގައި މިލިންޑާ އެއްވެސް އެއްޗެއް ބޭނުން ނުވުމެވެ.

ޕީޕަލް މެގަޒިން ބުނާ ގޮތުގައި އެ ދެ މީހުންގެ މެދުގައި އެމީހުންގެ މުދާ ބަހާނެ ގޮތާ ބެހޭ ވަކިވަކި ދެ އެގްރިމެންޓް އެބައޮތެވެ. ނަމަވެސް ވަރިކުރުމާ ގުޅިގެން އޭނާއަށް ލިބެންޖެހޭ އެއްވެސް ފައިސާއެއް އިންޝުއަރެންސް ޕޮލިސީއެއް އަދި އެފަދަ އެއްވެސް އެއްޗެއް މިލިންޑާ ބޭނުމެއް ނޫނެވެ.

ބިލް އާއި މިލިންޑާގެ ތިން ދަރިން އެބަތިއްބެވެ. އެންމެ ދޮށީ އަންހެންދަރިފުޅު ޖެނިފާ ކެތެރީން އަށް 25 އަހަރެވެ. ދެ ވަނަ އަށް ހުރީ ފިރިހެން ދަރިއެކެވެ. އެއީ ރޯރީ ޖޯން އެވެ. ރޯރީއަށް 21 އަހަރެވެ. އަދި އެންމެ ހަގު އަންހެން ދަރިފުޅު ފޯބޭ އެޑެލާ އަށް 18 އަހަރެވެ. މި ހުރިހާ ކުދިންނަކީ ވެސް މިހާރު ބޮޑެތި މީހުންނަށް ވާތީ ދަރިންނާ ހަވާލުވާކަށް ވެސް ބިލް އާއި މިލިންޑާ އަކަށް ނުޖެހޭނެ އެވެ.

ބިލް އަކީ ދުނިޔޭގެ އެންމެ މުއްސަނދި އެއް މީހާއަށް ވިޔަސް މިހާތަނަށް އޭނާ ދީފައިވާ އިންޓަވިއު ތަކުގައި ބުނެފައިވަނީ ހުރިހާ މުދާ ދަރިންނަށް ވާރުތަ ނުވާނެ ކަމަށާއި އެ މުދަލުން ދަރިންނަށް ވާރުތަ ވާނީ ކުޑަކުޑަ އެއްޗެއް ކަމަށެވެ.

ފޯބްސް މެގަޒިންގައިވާ ރިޕޯޓެއް ބުނާ ގޮތުގައި ބިލްގެ މުއްސަނދިކަމުގެ އަގު 100 ބިލިއަން ޑޮލަރަށް އަރަ އެވެ.
މިލިންޑާ އާއި ބިލް ބައްދަލުވީ ކިހިނެއް ހެއްޔެވެ؟

މިލިންޑާ އަކީ ބިލްގެ މައިކްރޮސޮފްޓްގައި ވަޒީފާއަދާކުރި މުވައްޒަފެކެވެ. އެ ދެމީހުން ބައްދަލުވީ އެ އޮފީހުންނެވެ. އެމީހުން 1987 ގައި ފުރަތަމަ ފަހަރަށް ރޭގަނޑުގެ ކެއުމަކަށް އެކުގައި ދިޔަ އެވެ. ލޯބީގެ ގޮތުން ގުޅުނީ އޭގެ ފަހުންނެވެ. އަދި 1994ގެ އާ އަހަރު ދުވަހު އެމީހުން ކައިވެނިކުރީ އެވެ.