ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ޓެރަރިޒަމްގެ ހަމަލާ ދީފައިވާ މީހުން ހޯދަން އާންމުންގެ އެހީއަށް އެދިއްޖެ އެވެ.
ފުލުހުން މިއަދު ކުރި ޓްވީޓެއްގައި ބުނީ އެ ހަމަލާ އާއި ގުޅޭ އެއްވެސް ފޮޓޯއެއް، ވީޑިއޯއެއް ނުވަތަ ލިޔެކިޔުމެއްގެ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ވީހާވެސް އަވަހަށް ފުލުހުންނަށް ރިޕޯޓު ކުރުމަށެވެ.
މައުލޫމާތު ހިއްސާ ކުރާ މީހުންގެ މައުލޫމާތު ސިއްރު ކުރާނެ ކަމުގެ ޔަގީންކަން ވެސް ފުލުހުން ވަނީ ދީފަ އެވެ.
ހަމަލާދިން މީހުން ހޯދުމަށް ފުލުހުން އާންމުގެ އެހީއަށް އެދިފައިވާއިރު ހަމަލާ ދިން ސަރަހައްދުގައި ހުރި ސީސީޓީވީ ފުޓޭޖަކުން ނަގާފައިވާ ކަމަށް ބުނާ މީހެއްގެ ފޮޓޯ ސޯޝަލް މީޑިއާގައި މިހާރު ދަނީ ދައުރުވަމުންނެވެ.
އެކަމަކު އެ ފޮޓޯގެ ސައްހަ ކަމާ ދޭތެރޭ ސަލާމަތީ އިދާރާތަކާއި ކަމާ ގުޅޭ އެއްވެސް އިދާރާ އަކުން އަދި މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.
ހަމަލާ ދޭން ބޭނުންކުރި ސައިކަލުގެ ސައްހަ މައުލޫމާތު ލިބިފައިވާ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު އިއްޔެ ވަނީ ވިދާޅުވެފަ އެވެ.
ފުލުހުންގެ ތަހުގީގަށް ހަމަލާއާއި ގުޅުންހުރި ހަތަރު މީހަކު ފާހަގަކުރެވިފައިވާ ކަމަށާއި އެމީހުންނަކީ ކޮން ބައެއްކަން ދެނެގަތުމުގެ މަސައްކަތް ކުރަމުންދާ ކަމުގައިވެސް ވިދާޅުވި އެވެ. އެކަމަކު މިހާތަނަށް ހަމަލާ އާއި ގުޅިގެން މީހަކު ހައްޔަރުކޮށްފަ އެއް ނުވެ އެވެ.