ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ބުރާސްފަތި ދުވަހުގެ ރޭ ދިން ޓެރަރިޒަމްގެ ހަމަލާ އާއި ގުޅިގެން އެމަނިކުފާނު ފަރުވާއަށް ގެންދިޔަ އޭޑީކޭ ހޮސްޕިޓަލްގެ ޑޮކްޓަރުންގެ ޓީމަށް އާއިލާއިން ތައުރީފް ކުރައްވައިފި އެވެ.
އޭޑީކޭ ހޮސްޕިޓަލްގެ މެނޭޖިން ޑިރެކްޓަރު އަހްމަދު އައްފާލް ކުރެއްވި ޓްވީޓަކަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދުގެ ބޭބޭފުޅު ޑރ. އިބްރާހީމް ނާޝިދު ވިދާޅުވީ އޭޑީކޭ ހޮސްޕިޓަލުން ރައީސް ނަޝީދަށް ފޯރުކޮށްދޭ ހިދުމަތްތަކަށް އާއިލާ އިން ތިބީ ވަރަށް ބޮޑަށް ހިތްހަމަޖެހިފައި ކަމަށެވެ. އަދި "ސްޓްރެސް ފްރީ" މާލައުލެއްގައި ރައީސް ނަޝީދަށް ފަރުވާ ދޭ މަންޒަރު ފެނުމުން އުފާކުރައްވާ ކަމަށްވެސް ވިދާޅުވި އެވެ.
އައްފާލް ކުރެއްވި ޓްވީޓްގައި ވެސް ވަނީ ރައީސް ނަޝީދަށް ފަރުވާ ދިނުމުގައި ހަރަކާތްތެރިވާ އޭޑީކޭގެ ޓީމުގެ މަސައްކަތަށް ތައުރީފް ކުރައްވާފަ އެވެ.
އައްފާލް ވިދާޅުވީ ރައީސް ނަޝީދާއި، ބޮން ގޮއްވި ހާދިސާގައި އަނިޔާވި އެހެން ފަރާތްތަކަށް އޭޑީކޭ ހޮސްޕިޓަލުގެ މުވައްޒަފުން ދެމުންދާ ހިދުމަތައް ފަހުރުވެރިވާ ކަމަށާއި އެފަދަ ޓީމެއްގައި ހިއްސާވުމަށް ފުރުސަތު ލިބިވަޑައިގަތުމުން އުފާކުރައްވާ ކަމަށެވެ.
ރައްޔިތުން މަޖިލީހުގެ ބައެއް މެމްބަރުން ވެސް މިއަދު ވަނީ ރައީސް ނަޝީދަށް އޭޑީކޭ އިން ދެމުންގެންދާ ފަރުވާއާ މެދު ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށް ވިދާޅުވެފަ އެވެ. އެގޮތުން މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ އާއި މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ވަނީ އޭޑީކޭގެ މެނޭޖްމަންޓާއި ޑޮކްޓަރުންގެ ޓީމަށް ޝުކުރު ވެސް އަދާކުރައްވާފަ އެވެ.
މީގެ އިތުރުން ރައީސް ނަޝީދަށް ތާއީދުކުރައްވާ ބައެއް ފަރާތްތަކުން ވެސް ވަނީ ރައީސް ނަޝީދަށް އޭޑީކޭގެ ޓީމުން ދެމުންދާ ފަރުވާ އާއި މެދު ހިތްހަމަޖެހޭ ކަން ފާހަގަކުރައްވާ ސޯޝަލް މީޑިއާގައި ޝުކުރުއަދާކޮށްފަ އެވެ.
ރައީސް ނަޝީދު މިހާރު އޮންނެވީ އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫގައި ކަމަށް އާއިލާ އިން މައުލޫމާތު ދެ އެވެ. އިތުރު ފަރުވާއަށް އެމަނިކުފާނު ސިންގަޕޫރަށް ގެންދިއުމަށް ވެސް އާއިލާ އިން ދަނީ ތައްޔާރުވަމުންނެވެ.