ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ލޮކްޑައުން ޕްރޮޓޮކޯލް

ލޮކްޑައުން ކުރަން ޖެހިދާނެ ކަމުގެ އިޝާރާތެއް ދީފި

ކޮވިޑް-19 ގެ ހާލަތު ގޯސްވެ ޕޮޒިޓިވްވާ މީހުންގެ އަދަދު ދަށް ނުވާނަމަ މާލެ ސިޓީ ލޮކްޑައުން ކުރަން ޖެހިދާނެ ކަމަށް ޓެގް ޓީމުން ބުނެފި އެވެ.

މިރޭ އެޗްއީއޯސީ އިން ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ޓެގް ޓީމުގެ މެންބަރު ޑރ. އަހުމަދު ޝަހީދު ވިދާޅުވީ ކޮވިޑްގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާ ޕޮޒިޓިވްވާ މީހުންނާއި ހާލު ބޮޑުވެގެން ފަރުވާ ދޭން ޖެހޭ މީހުންގެ އަދަދު ބޮޑުތަނުން އިތުރުވެފައިވާ ކަމަށެވެ. ހަފްތާއެއްގެ ތެރޭގައި 3،000 މީހުން ޕޮޒިޓިވްވަމުންދާއިރު މާލެ ސަރަހައްދުން އެކަނި ދުވާލަކު 400 އާއި 500 އާ ދެމެދުގެ އަދަދަކަށް ބައެއް ދުވަސް ދުވަހު ޕޮޒިޓިވް ނަންބަރު ހުންނަ ކަމަށެވެ. އަދި ކުރީ ހަފްތާތަކާއި ބަލާއިރު މިހާރު ޕޮޒިޓިވް ނަންބަރު ހުރީ 75 ޕަސެންޓް މަތީގައި ކަމަށް ވިދާޅުވިއެވެ.

ކޮވިޑް ނަންބަރު ދަށްކުރުމަށް މިހާރު އަޅާފައިވާ ފިޔަވަޅުތަކުން ނަތީޖާ ނުނިކުންނަ ނަމަ ލޮކްޑައުންއަކަށް ދިއުން އެއީ އެކަށީގެންވާ ކަމެއް ކަމަށް ޝަހީދު ވިދާޅުވިއެވެ. ޝަހީދު ވިދާޅުވީ ރާއްޖޭގެ ހާލަތު އޮތީ އިތުރު ފިޔަވަޅު އަޅަން ޖެހޭފަދަ ހާލަތެއްގައި ކަމަށެވެ.

"އަޅުގަނޑުމެން ދެކޭ ގޮތުގައި ވަރަށް އަވަހަށް މިއަށްވުރެ މޫވްމަންޓް ރިސްޓްރިކްޝަންތަކެއް ގެންނަން ޖެހޭ. މޫވްމަންޓް ރިސްޓްރިކްޝަންތަކަކާއެކުވެސް އަދަދުތައް މައްޗަށް ދިއުން ކޮންޓްރޯލް ނުވާނަމަ އެކަށީގެންވާ ލޮކްޑައުންއަކަށް ދާން ޖެހުންވެސް،" ޝަހީދު ވިދާޅުވިއެވެ.

މިދިޔަ ހަތް ދުވަހު ޕޮޒިޓިވް ނަންބަރު ހުރި ގޮތް

  • މެއި 2 - 508 މީހަކު ޕޮޒިޓިވް
  • މެއި 3 - 585 މީހަކު ޕޮޒިޓިވް
  • މެއި 4 - 601 މީހަކު ޕޮޒިޓިވް
  • މެއި 5 - 743 މީހަކު ޕޮޒިޓިވް
  • މެއި 6 - 703 މީހަކު ޕޮޒިޓިވް
  • މެއި 7 - 766 މީހަކު ޕޮޒިޓިވް
  • މެއި 8 - 509 މީހަކު ޕޮޒިޓިވް

ރާއްޖޭގައި ކޮވިޑްގެ ހާލަތު ބޮޑުތަނުން ގޯސްވަމުންދާތީ ހަރުކަށި ފިޔަވަޅުތަކެއް މިހާރުވެސް ވަނީ އަޅާފައެވެ. މާލެ ސަރަހައްދުގައި ރޭގަނޑު 9 އިން ފަތިހު ހަތަރަކަށް ވަނީ ކާފިއު ހިންގަމުންނެވެ. ކާފިއު ވަގުތު ޒަރޫރީ ބޭނުމަކަށް ނޫނީ މަގުތަކަށް ނިކުތުން މުޅީން ވަނީ މަނާކޮށްފައެވެ.

މީގެ އިތުުރުން މާލެ ސަރަހައްދުގެ ސުކޫލުތަކާއި ކޮލެޖް، ޔުނިވާސިޓީ އަދި ގުރުއާން ކްލާސްތަކާއި ޓިއުޝަން ސެންޓަރުތައް ބަންދު ކުރަން ވަނީ އަންގާފައެވެ. ޖިމްތަމާއި ކުޅިވަރު ކުޅޭ ތަންތަން އަދި ކަސްރަތު ކުރާ ތަންތަންވެސް ވަނީ ބަންދުކޮށްފައެވެ. މީގެ އިތުރުން ޕާކުތަކާއި މައިދާންތައްވެސް ވަނީ ބަންދުކޮށްފައެވެ.

މީގެ އިތުރުން އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުން މަނާކޮށް ކޮވިޑްގެ ހާލަތު ގޯސް ނުވަ ރަށެއްގައި ކާފިއުވެސް ދަނީ ހިންގަމުންނެވެ.