ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

މިއަދު 134 ކުދިން ކޮވިޑަށް ޕޮޒިޓިވް

މިދިޔަ ސައުވީސް ގަޑިއިރުތެރޭ 134 ކުއްޖަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތް އިމާޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.

އެޗްއީއޯސީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި އެ ސެންޓަރުގެ ނޫސްވެރިންގެ ބައްދަލްވުންތައް މިވަގުތު ޗެއާ ކުރައްވާ ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބުރޫކް އަޒީޒު ވިދާޅުވީ މިއަދު ޕޮޒިޓިވްވީ 590 މީހުންގެ ތެރޭގައި ގިނަ އަދަދެއްގެ ކުޑަކުދިން ހިމެނޭ ކަމަށެވެ. އެގޮތުން 134 ކުދިން ހިމެނޭ ކަމަށް ވިދާޅުވިއެވެ.

އަދި ދޮށީ އުމުރުގެ 20 މީހަކު ހިމެނޭ ކަމަށް ވިދާޅުވިއެވެ.

ކޮވިޑް-19 ގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާއިރު މި ފަހުން ކޮންމެ ދުވަހަކު 70 އާއި 80 އާ ދެމެދުގެ އަދަދަކަށް ކުޑަކުދިން ކޮވިޑަށް ޕޮޒިޓިވްވަމުންދާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެެޗްޕީއޭ) އިން ރޭ ވަނީ ބުނެފައެވެ.

އެޗްޕީއޭއިން ރޭ އާންމުކުރި ވީޑިއޯ މެސެޖެއްގައި ޑރ. ނަޒްލާ މުސްތަފާ ވިދާޅުވީ ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ބޮޑުތަނުން އިތުރުވެފައިވާއިރު އޭގެ ތެރޭގައި ކުޑަކުދިންގެ ނިސްބަތް ވަރަށް މަތި ކަަމަށެވެ. ނަޒްލާ ވިދާޅުވި ގޮތުގައި ދުވާލަކު 70 އާއި 80 އާ ދެމެދުގެ އަދަދަކަށް ކުދިން ޕޮޒިޓިވްވެއެވެ.

އަދި ވިދާޅުވީ އުމުރުން 10 އަހަރުން ދަށުގެ ކުދިންގެ ތެރެއިން މި އަދަދަށް ޕޮޒިޓިވް ނަންބަރު ހުރިއިރު އެއް އަހަރު ނުވާ ކުދިންގެ ތެރެއިން ހަތަރު ފަސް ކުއްޖަކުވެސް ކޮންމެ ދުވަހަކު ޕޮޒިޓިވްވަމުންދާ ކަމަށެވެ.

"މިގޮތުން ގާތްގަނޑަކަށް 70 ނޫނީ 80 ކުދިން ދުވާލެއްގެ މައްޗަށް އެބަ ޕޮޒިޓިވްވޭ. މިއީ 10 އަހަރުން ދަށުގެ. އަދި އެއް އަހަރުން ދަށުގެ ހަތަރު ކުދިން ނޫނީ ފަސް ކުދިން ދުވާލެއްގެ މައްޗަށް އެބަ ޕޮޒިޓިވްވޭ. ދުވަސްވީ މީހުންނާއި އަޅާބަލާއިރުގައި ކުޑަކުދިން ސީރިއަސްވުމުގެ ފުރުސަތު ދަށްކަމުގައިވިޔަސް މިއީ ނުވާނެ ކަމެކޭ އަޅުގަނޑުމެެންނަށް ނުބުނެވޭނެ،"

ނަޒްލާ ވަނީ ދަރިންގެ ރައްކާތެރިކަަމަށްޓަކައި ހުރިހާ އެންމެންވެސް ގޭގައި ތިބުމަށް އިލްތިމާސް ކޮށްފައެވެ.