ގައުމީ އިނާމް

ޝަރަފުގެ އިނާމު ތިން ބޭފުޅަކަށް، ހިތްވަރުގެ އިނާމު 19 ބޭފުޅަކަށް

Nov 9, 2015
  • ޖުމްހޫރީ ދުވަހުގެ ހާއްސަ ޖަލްސާ މާދަމާރޭ
  • ރައީސް މެޑަލް ދިނުން ވެސް އޮންނާނެ
  • ރައީސްގެ ހާއްސަ އިނާމު ދިނުން އޮންނާނެ

މިއަހަރު ޝަރަފުވެރިކަމުގެ ޤައުމީ އިނާމު 3 ބޭފުޅަކަށް އަދި ހިތްވަރު ދިނުމުގެ ޤައުމީ އިނާމު 19 ބޭފުޅަކަށް ދެއްވުމަށް ޤައުމީ އިނާމާބެހޭ ކޮމިޓީން ނިންމައިފި އެވެ.

މި އަހަރު ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ލިބިވަޑައިގަންނަވާ ތިން ބޭފުޅުންނަކީ، މީގެކުރިން ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ލިބިވަޑައިގެންފައިވާ ތިން ބޭފުޅުންނެވެ.

މިބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޝަރަފުވެރިކަމުގެ ގައުމީ އިނާމާއި، ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ދެއްވުން އޮންނާނީ، ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި، މާދަމާރޭ 8.30 ގައި ދަރުބާރުގޭގައި ބާއްވަވާ ރަސްމީ ޖަލްސާގައެވެ. މި ޖަލްސާ މާދަމާ ރޭ ބޭއްވި ނަމަވެސް ރައީސް އަބްދުﷲ ޔާމީން ބައިވެރިވެ ވަޑައިގެން ގައުމީ މުހާތަބު ކުރައްވާކަމެއް ވެސް ނޫން ކަން ވެސް ރައީސް އޮފީހުން ސާފުކޮށްދީފައެއް ނުވެ އެވެ.

ޤައުމީ އިނާމު ލިބިވަޑައިގަންނަވާ ބޭފުޅުން ހޮއްވެވުމަށް ޤައުމީ އިނާމާބެހޭ ކޮމިޓީން ކުރެއްވި މަސައްކަތުގައި މައިގަނޑު ގޮތެއްގައި ބައްލަވާފައިވަނީ، މި އިނާމާ ބެހޭގޮތުން ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކޮށްފައިވާ ކަންތައްތަކުގެ މައްޗަށެވެ.

އިނާމަށް ބޭފުޅުން ހޮއްވެވިއިރު، ކޮމިޓީން ބައްދަލުކުރައްވައި މަޢުލޫމާތު ހޯއްދަވާފައިވަނީ، ފޯނު ހުށަހެޅުއްވި ބޭފުޅުންގެ ތެރެއިން ކަނޑައެޅުއްވި މިންގަނޑުތަކެއްގެ ދަށުން ޕޮއިންޓް ދެއްވުމަށްފަހު، އެ ދާއިރާއަކުން އެންމެ އެކަށީގެންވާ ކަމަށް ކޮމިޓީއަށް ފެނިވަޑައިގެންނެވި ބޭފުޅުންނާއެވެ. މީގެއިތުރުން، އިނާމަށް ނަން ހުށަހެޅުނު ދާއިރާތަކުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ އެކި ބޭފުޅުންނާ ކޮމިޓީން ވަކިވަކިން ބައްދަލުކުރައްވައި، އެފަރާތްތަކުގެ މަޝްވަރާއާއި ލަފާ ހޯއްދަވާފައިވެއެވެ.