ކުޑަކުދިންނަށް ކޮވިޑް-19 ޖެހުމުން ފެންނާނެ އަލާމާތްތަކެއް ވެއެވެ. ކުޑަކުދިންގެ ޑޮކްޓަރު، ޑރ. އަހުމަދު ފައިސަލް ވަނީ އެފަދަ ބައެއް ނުރައްކާތެރި އަލާމާތްތައް ވިދާޅުވެ ދެއްވާފަ އެވެ.
ކުޑަކުދިނަށް ކޮވިޑު ޖެހުމުން ފެންނާނެ ނުރައްކާތެރި އަލާމާތްތަކުގެ ތެރޭގައި ނޭވާ ކުރުވުމާއި މެއަށް ތަދުވުމާއި ފެން މަދުވެ ހަ ގަޑިއިރު ވާއިރު ވެސް ހީސް ނުލުން ފަދަ ކަންކަމާއި ބިހި ނެގުމާއި ދޮންފޫޑުވުމާއި ލޯ ރަތްވުމާއި އާދަޔާ ހިލާފަށް ވަރުބަލިވުން ވެސް ހިމެނެ އެވެ.
މީގެ އިތުރުން ކުދިންނަަށް ވާނުވާނޭގުމާއި ގިނައިން ނިދުމަކީ ވެސް ކޮވިޑް ޖެހިފައިވާކަން ދެނެގަނެވިދާނެ އަލާމަތެކެވެ.
އެހެން އުމުރުފުރާތައް ފަދައިން ގުނަވަނެއް ޓުރާންސްޕުލާންޓްކޮށްފައި ހުރުމާއި ނޭވާހިއްލުން ކޮންޓްރޯލް ނުވެ ހުރުމާއި ހަކުރު ބައްޔާއި ހިތުގެ ބަލި އަދި ބަރުދަން މަތިވުމުގެ މައްސަލަ ހުންނަ ކުދިންނަށް ކޮވިޑް ޖެހިއްޖެ ނަމަ ނުރައްކާ ބޮޑެވެ.
ކޮވިޑް-19 އިގެ ހާލަތު ވަރަށް ބޮޑަށް ރާއްޖޭގައި ގޯސްވެފައިވާއިރު މި ފަހުން ކޮންމެ ދުވަހަކު 70 އާއި 80 އާ ދެމެދުގެ އަދަދަކަށް ކުޑަކުދިން ކޮވިޑަށް ޕޮޒިޓިވްވަމުންދާ ކަމަށް ހެލްތު އެެޗްޕީއޭއިން ވަނީ ބުނެފަ އެވެ. އިއްޔެވެސް 134 ކުއްޖަކު ޕޮޒިޓިވްވި އެވެ.
އެޗްޕީއޭއިން އާންމުކުރި ވީޑިއޯ މެސެޖެއްގައި ޑރ. ނަޒްލާ މުސްތަފާ ވިދާޅުވީ ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ބޮޑުތަނުން އިތުރު ވެފައިވާއިރު އޭގެ ތެރޭގައި ކުޑަކުދިންގެ ނިސްބަތް ވަރަށް މަތި ކަަމަށެވެ. އޭނާ ވިދާޅުވާ ގޮތުގައި ދުވާލަކު 70 އާއި 80 އާ ދެމެދުގެ އަދަދަކަށް ކުދިން ޕޮޒިޓިވް ވެއެވެ.
އަދި އުމުރުން 10 އަހަރުން ދަށުގެ ކުދިންގެ ތެރެއިން މި އަދަދަށް ޕޮޒިޓިވް ނަންބަރު ހުރިއިރު އެއް އަހަރު ނުވާ ކުދިންގެ ތެރެއިން ހަތަރު ފަސް ކުއްޖަކު ވެސް ކޮންމެ ދުވަހަކު ޕޮޒިޓިވްވަމުން ދެއެވެ.